Thursday, 18 April 2024

ގާސިމްގެ ހޫނު ރައްދެއް ރައީސް ޞާލިޙަށް، މަޖިލީހުގައި މަރުތަޅު ނޭޅުވޭނެ، ރައީސް ޞާލިހް ޒިންމާނަންގަވަން ޖެހޭނެ

ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު ނޭޅުވޭނެކަމަށާއި މަޖިލިސް ހުއްޓުމަކަށް އައުމުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ޒިންމާނަންގަވަން ޖެހިވަޑައިގަންނަވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޕާޓީގެ ލީޑަރު އޮންރަބަލް ގާސިމް އިބްރާހިމް ވިދާޅުވެ، ރައީސް ޞާލިޙަށް ހޫނު ރައްދެއ ދެއްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވީ މިހާތަނަށް އެމަނިކުފާނު ކުރެއްވީ އިސްލާހީ މަސައްކަތްކަމަށެވެ. މިއަދު ރިޔާސީ އިންތިހާބަށް ނުކުންނެވީ، އިސްލާހަށްޓަކައި ކުރަންހުރި ކަންކަން ނުކުރެވި ރައްޔިތުން ސަލާންޖަހާ މަންޒަރު ފެނުމުންކަމަށް ގާސިމް ވިދާޅުވިއެވެ.

ދައުރު ނިމެން ކައިރިވެފައިވަނިކޮށް ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުކަމަށްވާ، ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް އައުމުން އެކަމުގެ ކަންބޮޑުވުންވެސް ގާސިމްވަނީ ފާޅުކުރައްވާފައެވެ.

"ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު ޑެޑްލޮކަކަށް ނުގެންދެވޭނެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލިސް. ރައީސުލްޖުމްހޫރިއްޔާ ޖެހޭނެ އެ ޒިންމާ އުފުލަން. އެއީ ރަނގަޅު މިސާލެއްނޫން ދައްކާކަށް. ސަރުކާރު ހިންގާ ޕާޓީން އެކަން ކުރީ. ބާރުގައި ހުންނަވަން ތިހެން ހަދައިގެން ނުވާނެ." ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޕާޓީގެ ލީޑަރު އޮންރަބަލް ގާސިމް އިބްރާހިމް

ގާސިމްވަނީ ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭގެތެރޭގައި އޭސީސީއަށް ނުފޫޒު ފޯރުވައިގެން ވިލާ ކުންފުނީގެ ވާވެއްދިފަޅު ކުއްޔަށް ދިނުން ހުއްޓުވުމާއި، އިލެކްޝަން ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އިސްވެތިއްބަވައި އުފައްދަވަން މަސައްކަތްކުރައްވާ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދެވުން ހުއްޓުވާފައިވާތީ އެމަނިކުފާނުވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ދައުރު ނުނިމެނީސް ރައްޔިތުންގެ މަޖިލީސް ހުއްޓުމަކަށް އައިސްފައިވާއިރު މަޖިލިސް ހުއްޓުމަކަށް އައީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން ކަމަށާއި، މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެގުމަށްފަހު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމުން މަޖިލިސް ނުހުއްޓި ކުރިއަށްދާނެކަމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ. ގާސިމްވެސް ވަނީ މިގޮތަށް ދިމާވީ ސަރުކާރުން އިތުބާރުގެ މައްސަލަ ހުށައެޅިއިރު ގާނޫނުއަސާސީއާ އެއްގޮތައް އަމަލު ނުކުރުމުންކަމަށް ވިދާޅުވެ މަޖިލީހުގައި މަރުތަޅުއެޅުވީ ސީދާ ސަރުކާރުންކަމަށް ތުހުމަތު ކުރައްވާފައެވެ.

އެހެންނަމަވެސް އެމްޑީޕީން ބުނަނީ މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރުގެ މައްސަލައެއް މަޖިލީހުގެ ތަޅުމަށް ހުށައެޅިފައިވުމުން އެދެބޭފުޅުންނަށް ރިޔާސަތު ނުބެލެހެއްޓޭނީ އެބޭފުޅެއްގެ އިތުބާރުގެ މައްސަލަ ކުރިއަށްދާ ދުވަހަކު އެކަނިކަމަށެވެ. އެހެން ދުވަސްދުވަހު ރިޔާސަތު ބެލެހެއްޓުމަށް ހުރަހެއްނެތްކަމަށެވެ.

ދައުރު ނިމެން ކައިރިވެފައިވާއިރު މި ދަނޑިވަޅާއި ދިމާކޮށް މަޖިލިސް ހުއްޓުމަކަށް އައުމުގެ މައްސަލަ، ވާހަކަދައްކައިގެން ހައްލުކުރުމުގެ ވިސްނުން އަދިވެސް ސަރުކާރުގެ ނެތެވެ. ގާސިމްވަނީ ގާނޫނީ ހުސްކަމެއްގެ ތެރެއަށް ނުވަދެ އޮތީ ދައުލަތުގެ ކޮން މުއައްސަސާއެއްތޯ ސުވާލު އުފައްދަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *