ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައިއާއި، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރުގެ މަގާމު ފުރުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އަލުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރައްވަން ނިންމަވައިފިއެވެ.
ޖާބިރު އެމްޑީޕީއަށް ސޮއިކުރައްވަން ހަމަޖެހިފައިވަނީ، އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، އެކަމަށްޓަކައި ބޭއްވޭ ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާ، މެމްބަރު ޖާބިރު އެމްޑީޕީއަށް ސޮއިކުރައްވަން ބާއްވާ ރަސްމިއްޔާތު އޮންނާނީ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި ސޯލްޓް ކެފޭ ހުންނަ އިމާރާތުގައި ކަމަސްވެސް ޚަބަރު ލިބެއެވެ.
"ފިޔަ އޮންލައިން"އަށް މަޢުލޫމާތު ލިބިފައވާ ގޮތުގައި، ޖާބިރު، އެމަނިކުފާނުގެ ގެއިން ސޯލްޓް ކެފޭއަށް ވަޑައިގަންނަވަން ނުކުންނަވާނީ 10:45 ގައެވެ. މެމްބަރު ވަޑައިގަންނަވާއިރު، ބޮޑުބެރު ގުރޫޕަކުން ޖާބިރުއާއެކު ސޯލްޓް ކެފޭއާ ހަމައަށް ދާނެއެވެ.
މީގެކުރިން ރައީސް ޞާލިޙަށް މަޖިލީހުގެ ޖަލްސާތަކުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައިވާ މެމްބަރު ޖާބިރު އެމްޑީޕީއަށް ސޮއިކުރައްވަން ނިންމަވާފައިވާއިރު، ފަހަކަށް އައިސް ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ޖާބިރު ގެންދަވަނީ ސަނާ ކިޔުއްވަމުންނެވެ. ޖާބިރު، އެމްޑީޕީއަށް ސޮއިކުރައްވަން ނިންމަވާފައިވާއިރު، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ، ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.
އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ޖާބިރު ނިންމަވާފައިވާއިރު، އެންމެފުރަތަމަ ޖާބިރު އެ ޕާޓީއާ ގުޅިވަޑައިގަތީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރުއެވެ. ޖާބިރަކީ އެމްޑީޕީއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.