ކިތަންމެ ކޯފާވިޔަސް، ޤާނޫނުން ބޭރަކަށް ނުދާނަން: ރައީސް

ސިޔާސީ ގޮތުން ބޭނުންވާ ކަންކަން ހާސިލް ނުވުމުން، އެކަމާއި އެކި ބޭބޭފުޅުން ކިތަންމެ ކޯފާވިޔަސް، ޤާނޫނީ އިމުން ބޭރަށް ވަޑައި ނުގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ސޮއިކުރުމަށް ބެއްވި ރަސްމިއްޔާތުގައި އިއްޔެ ޤާސިމް ރައީސް ޞާލިހަށް އަމާޒުކޮށް ދެއްވި ބަހުގެ ހޫނު ހަމަލާތަކާއި ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބުނ ދެއްވަމުންނެވެ. ރައްޔިތުންނަށް ހަމަހަމަކަން ގާއިމު ނުކުރެވޭނެ ނަމަ ވެރިކަމުގައި ނުހުންނަވައި "ގެއަށް ކަނޑާލުމަށް" ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ރައީސް ޞާލިހަށް އިއްޔެ ގޮވާލާފައެވެ.

ޤާސިމްގެ ވާހަތަކާއި ގުޅިގެން ރައީސް ޞާލިހު ވިދާޅުވީ މިހާތަނަށް ވެރިކަމުގައި ހޭދަ ކުރެއްވި މުއްދަތުގައި މަސައްކަތް ކުރައްވަމުން ގެންދަވާފައިވާނީ ޤާނޫނު އަސާސީއާއި ޤާނޫނުގެ އިމުގެ ތެރެއިން ކަމަށެވެ. އެ އިމުގެ ތެރެއިން ބޭރަށް ވަޑައިނުގަންނަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑު މަސައްކަތް ކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނުގެ އިމުގެ ތެރޭގައި، އެއީ އަޅުގަނޑާ ކިތަންމެ ގާތް މީހެއް ކަމުގައިވިޔަސް. އަޅުގަނޑު ޕާޓީގެ މީހެއްކަމުގައިވިޔަސް، އާއިލާގެ މީހެއްކަމުގައި ވިޔަސް، އަޅުގަނޑަކަށް ޤާނޫނުއަސާސީން ބޭރަކަށް ނުދެވޭނެ، އޭގައި އޮތް ގޮތަށް އެކަންކަން ކުރިއަށްދާނީ.

– ރައީސް ވިދާޅުވިއެވެ.

މިނިވަން މުއައްސަސާތަކުން ކުރާ ކަންކަން އެ އޮތްގޮތަށް ކުރިއަށްދާނެ ކަމަށާއި، އޭގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ނުފޫޒު ފޯރުއްވުމަކީ މިހާތަނަށްވެސް ކުރައްވާފައިވާނެ ކަމެއް ނޫން ކަމަށެވެ. އެކަން ނުވެސް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މި މައްސަލައިގައިވެސް ހުންނަވާނީ ޤާނޫނީ އިމުގެ ތެރޭގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކޮންމެ ބޭފުޅަކު ކޯފާކުރެއްވިނަމަވެސް ހުންނަވާނީ އެގޮތުގައި ކަަމަށެވެ.

ވާވެއްދިފަޅު ވިއްކުމުގެ 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ގެ މުއާމަލާތް ފެށުމާ އެކު، އޭސީސީން ވަނީ އެކަން ހުއްޓުވައިފައެވެ. އެކަމަށް އިޝާރާތް ކުރައްވައި އިއްޔެ ގާސިމް ވިދާޅުވީ ކޮވިޑް-19 އާ އެކު ކުރިމަތިވި ނިކަމެތިކަމާ ގުޅިގެން ކުންފުނީގެ ހާލަތު ވަރަށް ބޮޑަށް ދަށްވި ކަމަށެވެ.

ވިލާ ކުންފުނީގެ ދަށުން މަސައްކަތް ކުރާ 5،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި އިރު، ސަރުކާރަށް ފައިސާތައް ދައްކަމުން އައިސް އަދިވެސް 12 ވަރަކަށް މިލިއަން ޑޮލަރު ދައްކަން އެބަހުރި ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތީ އަޟްހާ އީދު ކަމަށްވެފައި، ވިލާ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އަށް ވެސް 3.5 މިލިއަން ޑޮލަރު އަރާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މީނަ އާއި މީނަގެ ވިޔަފާރިއާއި ބަލަހައްޓަން ޖެހެނީ ސަރުކާރުން ހެއްޔެވެ؟ މީނަގެ ދަރަނިތައް ދައްކަން ދައުލަތުގެ ފަޅުތައް ވިއްކުވާ، ނުވިތާކަށް ފައިސާދޭން ސަރުކާރަށް ޖެހޭނެ ހެއްޔެވެ؟ ސަރުކާރަށް ދަރާއޮވެ، މީނަގެ މުވައްޒިފުންނަށް މުސާރަދިނުމަކީ ސަރުކާރުން ބަލަންޖެހޭ ކަމެއް ހެއްޔެވެ؟ މިވަރުގެ ހާލުގައި ހުރިމީހަކަށް ގައުމުގެ ތިޖޫރީ ލިބިއްޖިއްޔާ ވާނެގޮތް އެބް އިނގެއެވެ. މިގައުމު މީނަގެ ކިބައިން ސަލާމަތް ކޮއްދެއްވާށިއެވެެ. އާމީން

  2. އެހެން ޕާޓީ ތަކަށް ވެރިކަން ދިނީމާ ވިއްކާނީ ގައުމުގެ ޢެކިތަންތަން ވަކިންނެވެ. ޖުމްހޫރީ ޕާޓީއަށް ވެރިކަން ދިނީމާ މުޅި ދައުލަތް އެއްކޮށް އެއް ވިޔަފާރިވެރިއަކަށް ގައުމުގެ ހުރިހާ އެއްޗެއް ވިއްކާލެވުނީއެވެ. މުޅި ގައުމުގައި ވިލާ ބޯރޑް އެޅުވުނީއެވެ. މޯލްޑިވްސްގެ ބަދަލުގައި ވިލާ އެމްޓީސީސީ، ވިލާ އެްމްޑަބްލީޔޫއެސްސީ، ވިލާ ސިޕިންގ، ވިލާ އެސްޓީއޯ އަށްވެ ނިމުނީއެވެ. ތިބޭނީ ހުސް ވިލާ މުވައްޒިފުންނެވެ. މިގައުމު ސަލާމަތް ކުރައްވާށިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު