ޢީދު ބަންދަށްފަހު އިދިކޮޅު ލީޑަރު، އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވައިފައިވާ ރައީީސް ޔާމީންގެ ކެމްޕެއިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފަށާނެ ކަމަށް ޕީޕީއެމުން ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރު، ގައުމީ އެއާލައިން މޯލްޑިވިއަންގެ ކުރީގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރު މުހައްމަދު އަމީން ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ކަމާމެދު އެއްވެސް ޝައްކެތް ނުކުރާ ކަމަށެވެ.
އަޅުގަނޑުމެން މި ތައްޔާރުވަނީ އެމަނިކުފާނުގެ ކެމްޕެއިން ފެށުމަށް.
– އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މިހާރު ރައީސް ޔާމީން ތަންފީޒު ކުރަމުންދާ ޖަލު ހުކުމުން ސަލާމަތްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެމަނިކުފާނު 2023 ވަނަ އަހަރު އިންތިޚާބު ކާމިޔާބުކޮށް ހުވާވެސް ކުރައްވާނެ ކަމަށާއި އާންމު އުސޫލެއްގެ ގޮތުން ރައީސް ޔާމީން ގެންގުޅުއްވި އުސޫލުތަކާއި ކުރީ 5 އަހަރު ގެންނެވި ތަރައްގީއާއި ގުޅުން ހުރި ކަންތައްތައް މެނިފެސްޓޯގައި ހިމެނޭނެ ކަމަށް އަމީން ވިދާޅުވިއެވެ.
މެނިފެސްޓޯގެ ގިނަ މަސައްކަތްތަކެއްވެސް މިހާރު ނިމިފައިވާއިރު، އީދު ބަންދަަށްފަހު ރައްޔިތުންނާއި ހަމައަށް މެނިފެސްޓޯ ހިއްސާ ކުރެވޭނެކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ކުރިމަތި ލައްވަނީ ޤައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތް ކުރުމަށް ކަމަށެވެ.
ގެއްލިފައިވާ ކަނޑުގެ ސަރަހައްދާއި، މިނިވަންކަމަށް ބުރޫއަރާފައިވާ އެތައްކަމެއް އަދި ރައްޔިތުންގެ އާންމު ދިރިއުޅުމު ހާލަތަށްވެސް ދިމާވެފައިވާ އެންމެހާ ކަންތައްތަކުން ހައްލު ހޯއްދެވުމަށްކަމަށެވެ.