16 ފެބުރުވަރީ 2025

ފުއާދު ގިނިކަންޏާ ނިކުމެ އެހެން މެންބަރުން ހަންމަތަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤަކީ، ސަރުކާރުގެ ހިންގުމުގެ ދާއިރާގައި އެތައް ދުވަހެއްގައި މަސައްކަތް ކުރައްވައި، ހިންގުމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ވަރުގަދަ އެޑްމިނިސްޓްރޭޓަރެކެވެ. ފުއާދުގެ އިދާރީ ހިންގުމާއި، ޑޭޓާ ރައްކާތެރިކުރެއްވުމުގެ ޤާބިލުކަމާއި، ކަމުގެ ފަންނީ ޤާބިލުކަމާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. އެމަނިކުފާނު ސަރުކާރުގެ ފަންނީ މުވައްޒަފެއްގެ ގޮތުންނާއި، އިސްވެރިއެއްގެ ގޮތުން އަދާކުރައްވާފައިވާ ދައުރާއި އިލެކްޝަންސް ކޮމިޝަންގައި އެންމެ ގިނަ ދުވަސްވީ މެންބަރުގެ ހައިސިއްޔަތު އެމަނިކުފާނު އަދާކުރައްވަމުން ގެންދަވާފައިވާ ދައުރު، އިޚްލާޞްތެރި ހިތެއްގެ ވެރިއަކަށްވިއްޔާ ޤަބޫލުކުރެވޭނެއެވެ. އެމަނިކުފާނަކީ ފަންނީ ޤާބިލު ބޭފުޅެކެވެ. ޤައުމަށް އިޚްލާޞްތެރި ތެދުވެރިއެކެވެ. ކަމަށް ކަމޭހިތާ ނަތީޖާ ޙާސިލުކުރުމަށް މުރާލިކަމާއެކު މަސައްކަތްކުރައްވާ ޚާދިމެކެވެ. އެމަނިކުފާނު ޤައުމަށް ދެރަގޮތެއް ވާކަށް ބޭނުންފުޅެއް ނުވާނެއެވެ. އެހެނީ ދެއްކުންތެރިކަމަކީ އެ މަނިކުފާނުގެ ކިބައިގައި ނެތް ސިފައެކެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަހަކަށް އައިސް އަޅުއްވަމުން ގެންދެވި ފިޔަވަޅުތަކާއި، ނިންމަވާފައިވާ ނިންމުންތަކާ މެދު ވަރަށް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އެ ނިންމުންތަކާއި ބައެއް މެންބަރުންގެ ޢަމަލުފުޅުތައް ހުރީ ސިޔާސީ ނުފޫޒެއްގައި ޖެހިގެން އަމަލުކުރަމުންދާ ނުރަނގަޅު ގޮތްތަކެއްގެ މަތީގައިކަން އެންމެންގެ ލޯތަކަށް ހާމަވެގެން ދިޔައެވެ.

އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމުމަކީވެސް އެއްވެސް އަސާސެއްގެ މައްޗަށް ބެލުމެއް ނެތި، އެއްވެސް ޒިންމާދާރު ކަމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަން އެނގި ހާމަވެއެވެ. މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމް.އާރް.އެމް)ގެ މެންބަރުން ހަމަނުވާކަމަށްބުނެ އިލެކްޝަންސް ކޮމިޝަނުން 24 މެއި 2023 ގައި ޕާޓީ އުވާލަން ނިންމެވިއެވެ. އެކަމާ ގުޅިގެން އެމް.އާރް.އެމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސިވިލް ކޯޓަށް ދަޢުވާއެއް ހުށަހެޅިއެވެ.  ކޯޓުން ފައިޞަލާ ކުރަނިވި ނިންމުމެއް ނިންމުމާ ހަމައަށް އިލެކްޝަންސް ކޮމިޝަންގެ ނިންމުން ތަންފީޛުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވަގުތީ އަމުރަކަށް އެދި އެމް.އާރު.އެމް އިން 25 މެއި 2023 ގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އަދި ޕާޓީއާ އެއްކޮޅަށް، 28 މެއި 2023 ގައި ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރު ނެރެދެއްވާފައެވެ.

ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން އެ އަމުރު ބޮލާލައިޖަހައި، އެ ކޮމިޝަނުން އެ ވަގުތީ އަމުރު މުރާޖަޢާކުރުމަށް 8 ޖޫން 2023 ގައި ސިވިލް ކޯޓަށް މައްސަލަ ވެއްދިއެވެ. އެހެންނަމަވެސް،  22 ޖޫން 2023 ގައި ސިވިލް ކޯޓުންވަނީ އިލެކްޝަންސް ކޮމިޝަނުން އެދިފައިވާ ގޮތަށް ވަގުތީ އަމުރު މުރާޖަޢާކޮށްދެވެން ނެއްކަމަށް ނިންމަވާފައެވެ. އެވަގުތީ އަމުރުގައި ވަނީ އެމް.އާރް.އެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ އެންމެހާ ކަންކަން މަޑުޖައްސާލުމަށް އަންގާފައެވެ.

ޤާނޫނު އަސާސީއާއި ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ރޫޙާއި ހިލާފަށް އިލެކްޝަންސް ކޮމިޝަނުން ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އިންސާފުވެރިވާނެ ކަމުގެ އުންމީދު ވަނީ ކުޑަވެފައެވެ. ރައްޔިތުންގެ އިތުބާރުވަނީ ގެއްލިފައެވެ. އަދި އެމް.އާރް.އެމް އުވާލުމަށް ނިންމި ކަމަށްބުނެ އިލެކްޝަންސް ކޮމިޝަންއިން އިން އިޢުލާންކުރި ކުރުމަކީ ސިޔާސީ މަންފާއެއް ޙާސިލްކުރުމަށް ކަމަށް ޝައްކުކުރެވޭ ފަދަގޮތަކަށް ހިންގި ޤާނޫނާއި ޚިލާފު ކަމެއްކަން ހާމަވެއެވެ.

ހަމައެހެންމެ، ސަރުކާރާ ދެކޮޅަށް ނުހަނު ބޮޑަށް މަަސައްކަތް ކުރައްވައި ވެރިކަން ކުރާ އެމްޑީޕީން ދުރައްޖެހިވަޑައިގެން، ރައީސް ނަޝީދުގެ އަރިސް ބައެއް ބޭފުޅުން އުފެއްދުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ދި ޑިމޮކްރެޓްސް އުފެއްދުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުރަސް އަޅުއްވާފައެވެ. ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމަށް މަސައްކަތް ކުރައްވާތީ އެކަން ކުރައްވަނީ ނުފޫޒެއްގެ ދަށުގައި ހުންނަވައި ކަމަށް އެ ކޮމިޝަނުގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު، އެ ހޫނު ގަނޑުގެ ތެރޭގައި ވަނީ ވިދާޅުވެފައެވެ.

ޑިމެކްރެޓްސް އުފައްދަން ބޭނުންވާ 3000 ސޮޔާއަކު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޖޫން 1 ގައެވެ. ނަމަވެސް އެ  ޕާޓީ އުފައްދަން ބޭނުންވާ ހުއްދަ ނުދީ އިލެކްޝަންސް ކޮމިޝަނުން ބަހަނާ ދައްކަމުން ދިޔައެވެ. މި ކަން ލަސްވާތީ، އެ ޕާޓީ އުފެއްދުމަށް މަސައްކަތްކުރައްވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ވަޑައިިގަތެވެ. އެދުވަހު ޑިމޮކްރެޓްސްގެ ފަރާތުން ކޮމިޝަނަށް ވަޑައިގެން ތިއްބެވި ބޭފުޅުންނާ މުހާތަބު ކުރައްވާ ފުއާދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ދެ މެމްބަރުން ބޭނުންވަނީ ޑިމެކްރެޓްސް އުފައްދަން ހުއްދަ ދިނުން ތިން މަހަށް ދަންމާލަން ކަމަށެވެ. ރިޔާސީ އިންތިހާބު ބާއްވަން ތިން މަހަށްވުރެ ކުޑަތަންވެފައިވާއިރު، އެ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ހިލާފު އުފެދި، އިތުބާރު ގެއްލިފައިވާކަން ހާމަ ކުރައްވަމުން އެދުވަހު ފުއާދު ވިދާޅުވީ އޭނާ މަސައްކަތް ކުރަނީ ނުފޫޒެއްގެ ދަށުގައި ކަމަށް ބައެއް މެމްބަރުން ގަބޫލު ކުރައްވާ ކަމަށެވެ. ފުއާދު ހާމަކުރެއްވި ގޮތުގައި ޑިމޮކްރެޓްސް އުފައްދަން ހުއްދަ ދިނުމާ ގުޅޭ ގޮތުން ވޯޓެއް ނެގުމުން ވަޑައިގެންނެވި ހަތަރު މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު ހުއްދަ ދޭން ވޯޓު ދެއްވި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ބައެއް މެންބަރުންގެ އަމަލުފުޅުތައް ހުރިގޮތުން، ފުއާދު ވަރަށް ކަންބޮޑުވެ ވަޑައިގަތެވެ. ފުއާދަކީ ބަސް މަދު ބޭފުޅެއްކަމުގައި ވިޔަސް، އެ މަނިކުފާނަށް ޖެހިވަޑައިގަތީ އިލެކްޝަންސް ކޮމިޝަންގައި ހިނގަމުންދާ ނުރަނގަޅު ކަންކަން ތިލަ ކޮށްދެއްވާށެވެ. ފަޅައިގެން ދާނީ އެއްދުވަހަކު ތާއެވެ. އިޚްލާޞްތެރި ހިތަކަށް ކެތް ކުރެވޭނީވެސް ވަކި މިންވަރަކަށްތާއެވެ.

ހިތްވަރުފުޅު ގަދަކުރައްވައި، ޖެހިލުންވެ ވަޑައި ނުގެން، ދި ޑިމޮކްރެޓްސްގެ ރަޖިސްޓްރީ ހަވާލު ކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން ޖަލްސާއެއްް ބޭއްވުމުގެ ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ފާޅުގައި ގޮވާލެއްވިއެވެ. އެ ބަސްފުޅަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. ހަމަގައިމުވެސް އެމަނިކުފާނު އެގޮތަށް ކަމެއް ފާޅުގައި ހާމަކުރައްވާނީ ހާދަހާވާ ގިނަ ގޯސްތަކެއް ފާޅުވަމުން ދާތީތާއެވެ.

އެމަނިކުފާނު ފާޅުގައި ވިދާޅުވީ، "ޖަލްސާއެއް ބޭއްވުނަ ނުދީ ބައެއް މެމްބަރުން މަސައްކަތް ކުރައްވާތީ އަޅުގަނޑު ވަރަށް ދެރަވޭ. އަދި އަޅުގަނޑު ހަމަ އެ ބޭފުޅުންނަށް ގޮވާލަން ވެސް ބޭނުންވޭ މޭޒުދޮށަށް ވަޑައިގަންނަވާށޭ ޖަލްސާ ކުރިއަށްގެންދަން،"

ކަންތައް މިހާހިސާބަށް އައިސް، ޖޫން 18، ގައި ބޭއްވި ޖަލްސާގައި އެ ކޮމިޝަނުގެ މެމްބަރު އަލީ ނަޝާތާއި މުހައްމަދު އާސިފް، ޑިމޮކްރެޓްސްގެ ފޯމުތައް އަލުން ފާސް ކުރުމަށް ހުށަހެޅިއެވެ. އޭގެ ފަހުން ޖޫން 21، ގެ ޖަލްސާއަށް ގޮވާލީ ފޯމުތައް އަލުން ޗެކް ކުރުމަށްފަހު ކަމަށް ފުއާދު ވިދާޅުވިއެވެ.  ނަމަވެސް އެ ޖަލްސާއަށް ނަޝާތާއި އާސިފް ވަޑައެއްނުގަންނަވައެވެ. މިއީ ގަސްތުގައި ރާވައިގެން ކުރިކަމެއް ކަމަށް ތުހުމަތުކުރެވެއެވެ.

"އާދީއްތަ ދުވަހާ ހަމައަށް ދިޔައިރު އޮތީ އަޅުގަނޑުމެން ޗެކް ކުރަންޖެހޭ ހުރިހާ ޗެކެއް ކުރެވި ނިމިފަ. އަދި އިތުރަށް އެކަމަކު އެހެން ބޭފުޅުން ބޭނުންފުޅުވީ، އިތުރު ޗެކެއް ކުރަން، އެ ޗެކު ވެސްކޮށް މިހާރު ވަނީ ނިމިފަ. އެހެން ނަމަވެސް ޖަލްސާއަށް ބައެއް ބޭފުޅުން ވަޑައިނުގަތުމުގެ ސަބަބުން މިދިޔަ ބުދަ ދުވަހު ވެސް ޖަލްސާ ނުބޭއްވުނީ،" ފުއާދު ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ރަޖިސްޓްރީއާ ދިނުމާ ގުޅޭ ގޮތުން އިލެކްޝަންސްއަށް ގޮތެއް ނުނިންމުމަކީ އެ ކޮމިޝަނުގެ އަދި މެމްބަރުންގެ ފައިލްވުމެއްކަމަށްވެސް ފުއާދު ވަނީ ވިދާޅުވެފައެވެ. ޤައުމަށް އޮތް ލޯތްބައި، ޤައުމުގެ އެންމެ މަތީ މަސްލަޙަތު ހިފެހެއްޓުމަށް ފުއާދު އެ ދެއްކެވި ސާބިތުކަމަށް ތައުރީފް ޙައްޤެވެ. ޤާނޫނީ އިމުން ބޭރުވެ، މުއައްސަސާއެއް ފެއިލްވެ ހުއްޓުމަކަށް އަންނަތައް ބައްލަވާކަށް ފުއާދުއަށް ކެތެއް ނުވާނެއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ވެއްޓުމެއް. އިލެކްޝަންސް ކަމިޝަންގެ ވާޖިބު އަދާކުރުމަށް އަޅުގަނޑުމެން މި ވަނީ ނުކުޅެދިފަ. އެއީ އަޅުގަނޑަށް ވެސް ލިބޭ ހުތުރެއް، އަނެއްކާ ކަމިޝަނުގެ ކޮންމެ މެމްބަރަކަށް ވެސް ލިބޭ ހުތުރެއް،" ފުއާދު ވިދާޅުވި އެވެ.

މިކަންކަމާ ހެދި މެންބަރުން ތުހުމަތުކުރެއްވީ، ފުއާދު ހުންނެވީ ނުފޫޒެއްގެ ދަށުގައި ކަމަށެވެ. ނަމަވެސް ފުއާދު އިސްކުރެއްވީ، ޤާނޫނީ އިންތަކާއި މިންތަކެވެ. ޤާނޫނީ ތަރަހައެވެ.

ފުއާދު ވިދާޅުވަމުން ގެންދެވީ ޖަލްސާއަށް ދެ މެމްބަރަކު ހާޒިރުނުވަނީ އޭނާ ދެކެ ހިތްހަމަނުޖެހިގެން ކަމަށާއި އޭނާއާމެދު ހިތްހަމަނުޖެހެނީ ކަންކަން ލަސްކުރަން ފުރުސަތު ނުދެއްވާތީ އާއި ހަގީގަތް ހާމަކުރައްވާތީ ކަމަށެވެ.

ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމާމެދު ގޮތެއް ނުނިމި އޮތުމުން ލަފާ ހޯއްދަވަމުން ގެންދަވާ ކަމަށާއި ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ފުއާދު ވިދާޅުވަމުން ގެންދެވިއެވެ.

"އަަޅުގަނޑު މިކަމާ ގުޅޭ ގޮތުން ދަންނަވަންޖެހޭ ފަރާތްތަކުގައި ވެސް ދަންނަވައި، ލަފާ ހޯދަންޖެހޭ ފަރާތްތަކުން ލަފާ ހޯދަމުން މި ގެންދަނީ. އަޅުގަނޑު އުއްމީދު ކުރަނީ ވަރަށް އަވަހަށް މިކަންތައްތައް ހަމަޖެހިގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ފުއާދު ހާމަކުރެއްވި ކަންކަމަށް ބަލާއިރު، އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެންބަރުންގެ ނާޤާބިލުކަން ހާމަވެއެވެ. ޖެއްސުން ކުރެއްވުމުގެ ނިޔަތުގައި ޖަލްސާތަކަށް ވަޑައި ނުގެން އުޒުރެއް ދެއްކުމުގެ ޤާނޫނީ އެއްވެސް ހަމައެއް އަދި އެއްވެސް ބުރަދަނެއް ނޯންނާނެއެވެ.

ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާމެދު އިލެކްޝަންސް ކޮމިޝަނަށް ގޮތެއް ނުނިންމި، މެމްބަރުންގެ ތެރޭގައި މައްސަލަ ޖެހިފައި އޮތުމަށްފަހު އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދޭން  ކޮމިޝަނުގެ މެމްބަރުން އެންމެފަހުން މިއަދު އިއްތިފާގުވިއެވެ. އެކޮމިޝަންގެ ނައިބް ރައީސް ހަބީބު ވިދާޅުވީ ދި ޑިމޮކްރެޓްސްގައި 3000 މެމްބަރުން ހަމަވެއްޖެ ކަމަށް ހުރިހާ މެމްބަރުންނަށް ވެސް އެއްބަސްވެވޭ ކަމަށާއި ހުއްދަ ދޭން ހުރިހާ މެމްބަރުން އެއްބަސްވާކަމަށެވެ. ޑިމޮކްރެޓްސްއަށް ހުއްދަ ދޭން ނިންމީ މިއަދު އޮންލައިންކޮށް ހުރިހާ މެމްބަރުންނަށް ގުޅުމަށްފަހު ކަމަށާއި މިވަގުތު މައްކާގައި ހުންނެވި އެ ކޮމިޝަނުގެ މެމްބަރު ޑރ. މުހައްމަދު ޒާހިރަށް ވެސް އޮންލައިންކޮށް ކޮމިޝަނުން ގުޅި ކަމަށް ހަބީބު ފާހަގަކުރެއްވިއެވެ. ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތް ހަސަން ލަތީފަށް, ޕާޓީ އުފެއްދުމުގެ ހުއްދަ ދޭން ނިންމާފައިވާކަން ކޮމިޝަނުން މިހާރު އަންގާފައިވާ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

މިކަންކަން މިހާ ހިސާބަށް އައިސްފައިވާތީ، ރައްޔިތުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުވެ، އިތުބާރު ގެއްލިއްޖެއެވެ. ޚާއްޞަކޮށް މިއަހަރަކީ ރިޔާސީ އިންތިޚާބު އޮންނަ އަހަރު ކަމަށްވެފައި، ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުން ކެންޕޭން ކުރަމުންދާ ދުވަސްވަރެއްގައި ރައްޔިތުންގެ އިތުބާރާއި ލޯބި ނުހަނު ބޮޑަށް ލިބެންޖެހޭ މުއައްސަސާއެއްގެ މެންބަރުންގެ ކިބައިން މިހާ ދަށު ދަރަޖައިގެ، ޒިންމާދާރުކަމެއް ނެތް ކަންތައްތަކެއް ފެނިގެން ދިޔުމަކީ ހިތާމަ ހުރިކަމެކެވެ.

މިއަދު ފެނިގެން ދިޔަ މަންޒަރަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި އެ ކޮލިޝަންގެ ބައިވެރިން ކަމުގައިވާ އަދާލަތު ޕާޓީއާއި، އެމްޑީއޭ ފިޔަވައި ދެން ހުރި، ހުރިހާ ޕާޓީތަކެއް އެކައްޗެއް ކިޔައި އިލެކްޝަންސް ކޮމިޝަން ހަމަޔަކަށް އަޅުވައި ޒިންމާދާރުކުރުވުމަށް މަސައްކަތް ފެށި ތަނެވެ. އެ ޕާޓީތަކަކީ, އިދިކޮޅު ޕީޕީއެމް, އެމްއެންޕީ އަދި, އަލަށް އުފައްދަން މަސައްކަތް ކުރާ ދި ޑިމޮކްރެޓްސްގެ އިތުރުން ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމެވެ. އެޕާޓީތަކުން މިއަދު ހާމަކުރެއްވީ، ރިޔާސީ އިންތިހާބަށް ތިން މަހަށްވުރެ ކުޑަތަންވެފައި އޮއްވައި، އިލެކްޝަން ކޮމިޝަން (އީސީ) އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށާއި އިންތިހާބު އިންސާފުވެރިކޮށް ކުރިއަށް ނުދާނެ ކަމަށެވެ. އެކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ އަމަލުތަކާ މެދު ކަންބޮޑުވެގެން މުޅި ޤައުމު ހޭލައިފިއެވެ. އިދިކޮޅު އެންމެން އެކައްޗެއް ކިޔައިފިއެވެ. ސަރުކާރު ކޮލިޝަނުގައި ތިބެގެންވެސް ފާޑު ކިޔަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގައި ހުރި މައްސަލަތައް ތިލަކޮށްދެއްވައި، ރައްޔިތުންގެ ސަމާލުކަމަށް ގެންނަވައި، ކަންކަން އިޞްލާޙްކުރެއްވުމަށް، ގިނިކަންޏާ ނިކުމެ ވަޑައިގަތީ އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެން ހުންނެވި އެންމެންގެ 'ފުއާދުބެ' އެވެ. ޙައްޤުބަސް ވިދާޅުވެ، ކަމުގެ ހަޤީޤަތް ހާމަކުރެއްވީ ޤައުމާމެދު އޮތް ލޯއްބެއްގެ ބޮޑުކަމުންނެވެ. ރިޔާސީ އިންތިޚާބެއް ބޯމަތިވެގެން އަންނައިރު ޚާއްސަގޮތެއްގައި އެ މުއައްސަސާއަށް އޮތް އިތުބާރު ގެއްލިއްޖެނަމަ، ޤައުމުގެ އެންމެ މަތީ މަސްލަހަތު ނުހިފެހެއްޓޭނެކަން ފުއާދުއަށް އެނގިވަޑައިގަތެވެ.

ގޮތްދޫނުކޮށް ނުތިބެވުނެވެ. މިއަދު އެވަނީ، ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމަަވާފައެވެ. މިއީ ފުއާދު ހަށިފޮޅާލައްވައި، ތެދުވެ ވަޑައިގެން، މިކަމަށް ހުރަސް އެޅުއްވި މެންބަރުން "ހަންމަތަ"ކުރެއްވި ކަމުގެ އަލިގަދަ ހެއްކެކެވެ. ކުރިއަށް އޮތްތަނުގައިވެސް ފުއާދުގެ ލީޑަރޝިޕް ދައްކަވާނެ ކަމާމެދު ޝައްކެތް ނެތެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު