ރައީސް ނަޝީދަަށް ތާޢީދުކުރާ މެންބަރުން އަލަށް އުފައްދަން މަސައްކަތް ކުރާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ދިނުމަކީ އެ ކޮމިޝަނުން ގާނޫނީ ވާޖިބު އަދާކުރުމުގައި ކުރިއަށް އެޅި ހަރުދަނާ ފިޔަވަޅެއް ކަމުގައި ވިދާޅު އެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް މަރުޙަބާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ވަކިވި، ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އެ ޕާޓީ އުފައްދަން މަސައްކަތް ކުރައްވާތާ މަހެއްހާ ދުވަސްވެފައިވާއިރު، އީސީގެ ރައީސް ފުއާދު ތައުފީގަށް އިތުބާރު ނެތް ކަމަށް ބުނެ، ކޮމިޝަންގެ ތިން މެންބަރަކު ޖަލްސާއަށް ހާޒިރުނުވާން ނިންމުމުން އެ ޕާޓީއަށް ހުއްދަ ދިނުން ލަސްވެގެން ދިޔައެވެ.
އީސީން އިއްޔެ ނިންމާފައި ވަނީ އީދު ބަންދަށް ފަހު އަންނަ އެންމެ ފުރަތަމަ ރަސްމީ ދުވަސް ކަމުގައިވާ އަންނަ އާދިއްތަ ދުވަހު އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދޭންް ކަމަށް އިލެކްޝަނުން ހާމަކުރިއެވެ.
އެކަމާ ގުޅިގެން ޤާސިމް އިބްރާހީމް ވަނީ ރައީސް މުހައްމަދު ނަޝީދަށާއި، ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާފައެވެ. ޤާސިމް ވިދާޅުވީ، ރާއްޖޭގައި އިސްލާހަށާއި ޑިމޮކްރަސީ އާއި ހެޔޮވެރިކަމަށްޓަކައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ދަ ޑިމޮކްރަޓްސް @TheDemocratsMV އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކަމިޝަނުން މި އަދު ހުއްދަދެއްވުމާ ގުޅިގެން ރައީސް @MohamedNasheedއަށާއި، ދި ޑިމޮކްރެޓްސް އުފެއްދެވުމުގައި އުޅުއްވާ އެންމެހާ ބޭފުޅުންނަށާއި، ރާއްޖޭގެ އިޞްލާޙަށާއި ޑިމޮކްރަސީ އާއި ހެޔޮވެރިކަމަށްޓަކައި… https://t.co/PcHgQrIPyS
— Qasim Ibrahim (@qasimibrahim) June 25, 2023
އީސީން އެ ހުއްދަ ދޭނެ ކަމަށް ބުނި ނަމަވެސް, ހުއްދަ ނުދީ ލަސްވާ މައްސަލައިގައި އީސީއާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވަނީ، "ދަ ޑިމޮކްރެޓްސް" އިން ހުށަހަޅާފައެވެ.
ޑިމޮކްރެޓްސްގެ އިތުރުން އިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް ވަނީ އެ ކޮމިޝަނަށް އަށް އިތުބާރު ނެތް ކަމަށް ބުނެފައެވެ. އެގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އެމްއެންޕީ އާއި ޖޭޕީގެ އިތުރުން އެމްއާރުއެމް އާއި ދަ ޑިމޮކްރެޓްސްއިން ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީތަކުގެ މަންދޫބުން ވަނީ އީސީއަށް އިތުބާރު ނެތުމުން އަންނަ ރިޔާސީ އިންތިހާބު އިންސާފުވެރިވާނެ ކަމާ މެދު ސުވާލުއުފައްދާފައެވެ