ދުވާފަރު ކައުންސިލް ޚިޔާނާތުގެ މައްސަލައިގައި، އެކަމުގައި ބައިވެރިވި މީހުންނަށް ދައުވާ ނުކޮށް ނަސޭހަތުގެ އެއްބަސްވުން ހެދުމަކުން ގާނޫނީ ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމަށް ވިދާޅުވެ، ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ދުވާފަރު ޚިޔާނާތުގެ ބައިވެރިންނާ އެއްކޮޅަށް ތެދުވެއްޖެއެވެ.
ދުވާފަރު ކައުންސިލުގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން 12 ހެއްގެ މައްސަލަ ތަހުގީގުކޮށް ނިމުމަށް ފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަނީ އެ މައްސަލައިގައި ކައުންސިލް މެންބަރުންނަށް ދައުވާ ކުރުމުގެ ބަދަލުގައި އެ އޮފީހުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައެވެ.
އެ ފަރާތްތަކަށް ދައުވާ ނުކޮށް ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާތީ ޕީޖީ އޮފީހަށް ވަނީ ސިޔާސީ ފަރާތްތަކާއި އާންމުންގެ ފާޑުކިޔުން އަމާޒުވެފައެވެ.
އެކަމާ ގުޅިގެން ޕީޖީ ޝަމީމްގެ ބްލޮގްގައި ޝާއިރު ކުރެއްވި ލިޔުމެއްގައި އޭނާ ވިދާޅުވީ ނަސޭހަތުގެ އެއްބަސްވުން ހެދުމާ ގުޅޭ ގޮތުން، ދައުވާކުރުމުގެ ބަދަލުގައި އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިކަން ދެނެގަތުމުގައި ބަލާނެ މިންގަނޑުތައް ކިޔައިދޭ ދެ ލިސްޓެއް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެއީ އާންމު މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތަކީ ނަސޭހަތް ދިނުން ކަމުގައި ނިންމުމަށް ބާރުއަޅާ ކަންތައްތައް އޮތް ލިސްޓާއި، އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ދައުވާކުރުން ކަމުގައި ނިންމުމަށް ބާރުއަޅާ ކަންތައްތައް އޮތް ލިސްޓެވެ.
ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ޕީޖީއަށް އޮތް އިހްތިޔާރެކަމާއި، އެފަދަ އެއްބަސްވުމެއް ހެދޭނީ، އެމީހަކު ކުރިކަމަށް އިއުތިރާފުވާ ކުށަކީ އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބު ހިމެނޭ ކުށަކަށް ނުވާ ނަމައެވެ.
ނަސޭހަތުގެ އެއްބަސްވުމުގެ ބޭނުމަށް، އަދަބުގެ މިންވަރަކީ އެއް އަހަރު ކަމަށް ބެލުމުގައި އަދަބުގެ ރޭންޖުން ދަށަށް ގޮސް، އެންމެ ދަށްވެގެން އެއް އަހަރަށް ވުރެ ކުޑަ އަދަބެއް ހިމެނޭ ކުށްތައް ނަސޭހަތް ދެވޭ ބާވަތުގެ ކުށުގެ ގޮތުގައި ހިމެނުމަށް ގާނޫނުން ހުއްދަ ކުރާ ކަމަށް ޕީޖީ ވިދާޅުވިއެވެ.
"ކުށުގެ ސަބަބުން ލިބުނު ގެއްލުމެއް ހަގީގަތުގައި ނެތެވެ. ކުށްކުރި މީހުންގެ ކުށުގެ ރެކޯޑެއް ނެތެވެ. އެމީހުންގެ މައްޗަށް އެހެން ޖިނާއީ ދައުވާއެއް ހުށަހެޅި ހިނގަމަކުން ނުދެއެވެ. ކުށްކުރި މީހުންގެ އުމުރަށް ބަލާއިރު، މާ ހަގެއް ނޫނެވެ. ކުށްކުރި ހަމަ ކޮންމެ މީހަކު، ޒިންމާދާރުކަމާއެކު ޢާއިލާއެއް ބަލަހައްޓަމުންދެއެވެ. ތެދެކެވެ. ފައިސާ ގެންގުޅުނީ ގަވާއިދާ ޚިލާފަށެވެ. ނަމަވެސް، ގެއްލުނު ހުރިހާ ފައިސާއެއް ވަނީ އަނބުރާ ދައްކާފައިވެއެވެ. ދައުލަތަށް މަދުވި ފައިސާއެއް އޮތް ކަމަކަށް ތަހުގީގަކުން ނުދައްކައެވެ." ޕީޖީ ޝަމީމް
ދުވާފަރު ކައުންސިލުގެ ހިޔާނާތުގެ މައްސަލަ ފެންމަތިވީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެކުލަވާލި ދުވާފަރު ކައުންސިލްގެ ޚާއްސަ މޮނިޓަރިން ރިޕޯޓަކުންނެވެ.