ސާފް ޗެމްޕިއަންޝިޕް 2023 /ފޮޓޯ: ވަގުތު

ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވުމުން އިތުރު ހިތްވަރެއްލާން ޖެހިއްޖެ

ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުން، ބަންގްލަދޭޝް އަތުން ބަލިވެ ދިވެހިރާއްޖެއަށް މުބާރާތުގައި ކުރިއަށްދިއުމުގައި އިތުރު ހިތްވަރެއް ލާންޖެހިއްޖެއެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ 0-2 ގެ ނަތީޖާއަކުން ބޫޓާނުގެ މައްޗަށް ކުރިހޯދާފައިވާއިރު، ބަންގްލަދޭޝްގެ ފުރަތަމަ މެޗުގައި ލުބުނާނު އަތުން 0-2 އިން ވަނީ ބަލިވެފައެވެ.

ރާއްޖެއާއި ބަންގްލަދޭޝްއިން އިންޑިއާގެ ބެންގަލޫރުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ރާއްޖޭގެ މައްޗަށް ބަންގްލަދޭޝްއިން ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ރާއްޖެއިން ކަމުގައިވާއިރު، ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ފުރަތަމަ މެޗުގައި ވެސް ލަނޑުޖަހައިދިން ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެކޭ އެއްފަދައިން އިއްޔެގެ މެޗުގައި ވެސް ރާއްޖެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އެއާ ހިލާފަށް ބަންގްލަދޭޝް ޓީމުން ރޭވުންތެރިކަމާއެކު މޮޅު ކުޅުމެއް ދައްކަމުންދިޔައިރު، މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދީ ވެސް އެ ޓީމުންނެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރާކިބް ހުސެއިންއެވެ.

ހަމަހަމަ ނަތީޖާއެއްގައި އޮވެ ދެ ޓީމުން ދެވަނަ ހާފު ފެށިއިރު، ދެވަނަ ހާފުގައި ވެސް ބަންގްލަދޭޝް ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ލީޑުނެގުމަށް ބަންގްލަދޭޝް ޓީމުން ކުރަމުންދިޔަ މަސައްކަތުގައި ކާމިޔާބީއާ ހަމައަށް ވާސިލްވީ މެޗުގެ 67 ވަނަ މިނެޓުގައެވެ. ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތާރިގް ކަޒީއެވެ.

މި މޮޅާއެކު ބަންގްލަދޭޝްއިން މުބާރާތުގެ ސެމީ ފައިނަލުގެ އުއްމީދު ބޮޑުކުރިއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބޫޓާން އަތުން މޮޅުވެގެން އެ ޓީމަށް ސެމީގެ ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑެވެ. ރޭންކިންގާއި މުބާރާތުގައި މިހާތަނަށް ދައްކާފައިވާ ކުޅުމަށް ބަލާއިރު، ބޫޓާންގެ މައްޗަށް ކުރިހޯދުމަކީ ބަންގްލަދޭޝްއަށް އުނދަގޫ ކަމަކަށް ނުވާނެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު