މިއަހަރު ޙައްޖުގެ މަތިވެރި މަނާސިކުތައް އަދާކުރުމަށްޓަކާ ދިވެހި ޙައްޖާޖީން މިނާއަށް ދަތުރު ފަށާއިވާކަމަށް މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަނުން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން އަދި ހައްޖު ކޯޕަރޭޝަނުން ވެސް ވަނީ ދިވެހި ހައްޖުވެރިން މިނާއަށް ދިއުމަށް ދަތުރު ފަށާފައިވާ ކަމަށް ބުނެފައެވެ. މިގޮތުން ދަތުރުވެރިން ބަހަށް އެރުމަށް ތައްޔާރުވާ މަންޒަރު ފެންނަ ފޮޓޯތައް ވެސް ވަނީ މިނިސްޓްރީން ހިއްސާކޮށްފައިވެއެވެ.
ޙައްޖުވެރިން މިނާއަށް ދަތުރު ފަށާފައިވާއިރު ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.
ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، މިވަގުތު ޙައްޖުވެރިން ބަހަށް އެރުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ލަފާކުރެވެނީ ސައުދީ ގަޑިން މެންދުރު ނަމާދު ވަގުތު ޖެހެންވާއިރަށް މިނާއަށް ޙައްޖުވެރިންނަށް ދެވޭނެކަމަށްކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. އެކޯޕަރޭޝަނުން ބުނީ، ޢާއްމުގޮތެއްގައި ޙައްޖުވެރިންގެ ޙާލު އަޙުވާލު ރަނގަޅުނަމަވެސް ބައެއް ޙައްޖުވެރިންނަށް އަރިދަފުސް ރޯގާގެ އަސަރުކޮށްފައިވާކަމަށެވެ.
މިނާއަށް ޙައްޖުވެރިންގޮސް މެންދުރު ނަމާދުކޮށް ކައިގެން އަރާމުކުރުމަށްފަހު، އަޅުކަމާއިގެން ކުރިއަށްދާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން ޤުރުއާން ކިޔެވުމާއި ދުޢާކުރުން ހިމެނެއެވެ. އަދި ޢަރަފާތު ބިމަށް ދިޔުމަށް މިރޭ ފަތިހު ޙައްޖުވެރިން ދަތުރުކުރާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ.
މިނާއަށް ޙައްޖުވެރިން ގެންދިޔުމަށް މިދަތުރުގައި 19 ބަސް ބޭނުންކުރަމުންދާކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން ކޮންމެ ބަހެއްގައި 42 މީހުންނާއި 46 މީހުންނާއި ދެމެދުގެ ޢަދަދަކަށް ޙައްޖުވެރިން ދަތުކުރަމުންދާކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.
މީގެއިތުރުން ރާއްޖެއިން ޙައްޖަށް މީހުންދާ އަނެއް 3 ގްރޫޕުގެ ޙައްޖުވެރިންވެސް މިއަދު މިނާއަށް ދާނެއެވެ. މި ގްރޫޕްތަކުން ޙައްޖަށް ގެންދިޔަ މީހުން ދަތުރުކުރަން ހަމަޖެހިފައި އޮތީ ކޮންމެ ގްރޫޕަކުން 2 ބަހުގައިކަމަށް މީގެ ކުރިން އިސްލާމިކް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.