ފާސިޤު ފާސިދު ޖާހިލު ވެރިން އިންތިޚާބު ވުމަށް އެދި ދުޢާކުރާނީ ހަމައެކަނި މުނާފިޤުން ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނީ ހައްޖުވެރިންގެ ހެޔޮ ދުއާތަކާ އެކުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެ ކުރެއްވި ޓުވީޓަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓުގައެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން ފަށައިގަންނަ ދުވަހަކީ މިއަދު ކަން ފާހަގަ ކުރައްވައި އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހް އިންތިހާބު ކާމިޔާބު ކުރައްވާނީ ހައްޖާޖީންގެ މަތިވެރި ދުއާތަކާ އެކުގައި ކަމަށެވެ. އަދި ރައީސް ސޯލިހް އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާންގެ ވާހަކަތަކާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު ވިދާޅުވީ އިމްރާނަށްވެސް އެގެންވީ ކަމަކީ މުއުމިނުން ދުޢާކުރަންވާނީ ހެޔޮ ވެރިކަންކުރާ “ޞާލިޙު” ވެރިން އެބައިމީހުންގެ ވެރިންގެ ގޮތުގައި އިންތިޚާބުވުމަށް ކަމަށެވެ.
ޝައިޚު އިމްރާނަށް އެނގެންޖެހޭ ޙަޤީޤަތަކީ މުއުމިނުން ދުޢާކުރަންވާނީ ހެޔޮ ވެރިކަންކުރާ “ޞާލިޙު” ވެރިން އެބައިމީހުންގެ ވެރިންގެ ގޮތުގައި އިންތިޚާބުވުމަށް؛ ފާސިޤު ފާސިދު ޖާހިލު ވެރިން އިންތިޚާބު ވުމަށް އެދި ދުޢާކުރާނީ ހަމައެކަނި މުނާފިޤުން.
– ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިކުމެވަޑައިގަންނަވަނީ ކޯލިޝަނަކާއެކުއެވެ. އެ ކޯލިޝަންގައި ހިމެނެނީ އަދާލަތު ޕާޓީ އާއި އެމްޑީއޭއެވެ.