ފާދިއްޕޮޅު ކުރެންދޫ އަކީ އެންމެ ކުރީންސުރެ ފުޓުބޯޅަ އަށް ލޯބިކުރާ ރައްޔިތުންތަކެއް އުޅެމުންދާ ރަށެކެވެ. މިކަމުގެ އެއް ހެއްކަކީ ކުރެންދޫ ގައި 2011 ވަނަ އަހަރުން ފެށިގެން ފޯރި ގަދަ ގޮތެއްގައި ބޭއްވެމުން އަންނަ "ކުރެންދޫ ކަޕް"އެވެ. މި މުބާރާތަކީ ކުރެންދޫގެ ތަޖުރިބާކާރު ކުޅުންތެރިންގެ އިތިރުން ޒުވާން އުންމީދީ ތަރިން ވާދަކުރަމުުން އަންނަ މުބާރާތެކެވެ. 3 އަހަރުގެ މެދު ކެނޑުމަކަށް ފަހު މިއަހަރުގެ ޖުލައި މަހުގައި "ކުރެންދޫ ކަޕް"ގެ 10 ވަނަ މުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
2019 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ބޭއްވުމަށް ހަމަޖެހިފައިވާ "ކުރެންދޫ ކަޕް"ގައި 6 ޓީމަކުން ވަނީ ބައިވެރި ވެފައެވެ. މި މުބާރާތް ކުޅެވޭނީ ދެ ގުރޫޕަކަށް ބަހާލައިގެން، ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނަ އަށް ދާ ދެ ޓީމު ސެމީ ފައިނަލުގައި ވާދަކުރާ ގޮތަށެވެ. ގުރޫޕު "އޭ"ގައި ވާދަކުރާނީ ކުއެނާ، ކްލެވަރ ބޯއިޒް އަދި ޒިފިއަސްއެވެ. ގުރޫޕު "ބީ"ގައި ހިމެނެނީ ހަފްސީ ސްޕޯޓްސް ކުލަބް، ކުރެންދޫ ޔޫތު މޫވްމެންޓް އަދި ފްރެންޑްސް ރެކްރިއޭޝަން ކުލަބެވެ. ޖުލައި 1 ގައި މި މުބާރާތުގެ ފެށުމަށް ހަމަޖެހިފައި ވަނީ ކްލެވަރ ބޯއިޒް އަދި ކުއެނާ ބައްދަލު ކުރާ މެޗަކުންނެވެ. "ކުރެންދޫ ކަޕް"ގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފަިއ ވަނީ ޖުލައި މަހުގެ 11 ވަނަ ދުވަހެވެ.
"ކުރެންދޫ ކަޕް" މާޒީގައި 9 ފަަހަރެެއްގެ މަތިން ބޭއްވިފައި ވާއިރު، މި މުބާރާތް 6 ފަހަރު މަތިން ނަގައި، 2012، 2013 އަދި 2014 ވަނަ އަހަރު މުބާރާތުވެ ޗެމްޕިއަންކަން ނެގުމަށް ފަހު ކްލެވަރ ބޯއިޒްއިން ވަނީ މުބާރާތުގެ ތަށި މިލްކު ކޮށްފައެވެ. ހަމައެއާއެކު، މިފަހަރުގެ މުބާރާތުން މޮޅުވެއްޖެ ނަމަ އެ ޓީމަށް ދެވަނަ ފަހަރަށް "ކުރެންދޫ ކަޕް"ގެ ތަށި މިލްކު ކުރުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. ކޯވިޑު-19 ގެ ސަބަބުން މި މުބާރާތް 2020، 2021 އަދި 2022 ވަނަ އަހަރުގައި ނުބޭއްވުމަށްފަހު، މި އަހަރު ބޭވުމަށް ނިންމުމާއެކު ގިނަ ބަޔަކު އަންނަނީ މުބާރާތަށް އިންތިޒާރު ކުރަމުންނެވެ.