މިއަދަކީ މިއަހަރުގެ ޙައްޖުދުވަހެވެ. 2.5 މިލިއަން ޙައްޖުވެރިން މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ކަމަށް ޚަބަރު ލިބެއެވެ. ޢަރަފާތު ބިމުގައި މިއަދުގެ ފިނިހޫނުމިން ހުރީ 45 ޑިގްރީގައެވެ.
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބުނު 1000 މީހުންގެ ކޯޓާގެ ދަށުން ޙައްޖު ކޯރޕަރޭޝަނާއި، އަމިއްލަ 3 ގްރޫޕެއްގެ ޙަވާލުގައި މިއަހަރު ދިވެހި ޙައްޖުވެރިން ވަނީ ގޮސްފައެވެ. ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށް ދިޔަ މީހުން މިހާރު ތިބީ ޢަރަފާތުގައި ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.
2020 ވަނަ އަހަރު ކުރިމަތިވި އާލަމީ ވަބާއާ ގުޅިގެން، ސައުދީ ސަރުކާރުން އެޅުއްވި ޚާއްސަ ފިޔަވަޅުތަކު ސަބަބުން، އެ އަހަރު ޙައްޖަށް ގޮސްފައިވަނީ، އެންމެ 10،000 މީހުންނެވެ. ނަމަވެސް 2021 ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދިނުމާ ގުޅިގެން، އެ އަހަރު 59،000 މީހުންނަށް ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނެވެ.
2022 ވަނަ ޙައްޖުގެ އަޅުކަމުގައި މިލިއަނެއްހާ މީހުން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން އަށް ލައްކަ ފަންސާސް ހާސް މީހުންނަކީ ސައޫދީ ފިޔަވައި އެހެން ގައުމުތަކުގެ މުސްލިމުންނެވެ. އެ އަހަރު ސައޫދީ ރައްޔިތުންނާއި ސައޫދީގައި އުޅޭ އެހެން ގައުމުތަކުގެ މުސްލިމުންގެ ތެރެއިން ބައިވެރިވެފައިވަނީ ދޮޅުލައްކައެއްހާ މީހުންނެވެ.
މިއަދަކީ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނާއި މެދު އެންމެ ބޮޑަށް ފަޚުރުވެރިވެވޮޑިގަންނަވާ ދުވަސްކަމަށް ބަޔާންވެގެންވެއެވެ. އެކަލާނގެ ހަނދުމަކޮށް ފުއްސެވުމާއި ދިންނެވުން ހޯދުމަށް އެތައް މިލިއަން މުސްލިމުން ޢަރަފާތު ބިމުގައި މުޅި ދުވަސް ހޭދަކުރާ ދުވަހެވެ. ވެރިއެއް، މުއްސަނޖެއް، ފަޤީރެއް އާދައިގެ މީހެއް ތަފާތުކުރުމެއް ނުވާ ޢަރަފާތު ބިމުގައި މުސްލިމުން މިއަދު ހަމަހަމަކަން ދައްކުވައިދޭ ދުވަހެވެ.
ޢަރަފާތު ބިމުގައި ތިބޭއިރު، އިއްވޭ ޚުޠުބާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ މީހުން ސަމާލުކަން ދޭ ޚުޠުބާއެކެވެ. ހިޖުރައިން 10 ވަނަ އަހަރު މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނު ކުރެއްވި އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ މަތިވެރި ޙައްޖުގެ އަޅުކަން އަދާކުރެއްވިއެވެ. އެކަލޭގެފާނުގެ މިޙައްޖުފުޅަކީ އެކިގޮތްގޮތުން ފާހަގަކޮށްލެވޭ މަތިވެރި ޙައްޖުފުޅެކެވެ. އެގޮތުން އެޙައްޖުފުޅުގެ ޢަރަފާތު ދުވަހު، އެކަލޭގެފާނު ދެއްވެވި ޚުޠުބާއަކީ ވަރަށްވެސް ފާހަގަކޮށްލެވޭ ޚުޠުބާއެކެވެ. އެކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް ރިވެތިވެގެންވާ ނަޞޭޙަތް ދެއްވެވިއެވެ. އެކަލޭގެފާނުގެ އުއްމަތްދެކެ އެކަލޭގެފާނު ލޯބިވެވަޑައިގަންނަވާވަރު މިޚުޠުބާއިން އޮޅުމެއްނެތް ގޮތުގައި ޘާބިތުވެއެވެ.