Wednesday, 22 May 2024

ޢީދު ނަމާދާއެކު ބަރަކާތްތެރި އަޟްޙާ ޢީދު ފެށުނީ

ޢީދު ނަމާދާއެކު ބަރާކާތްތެރި އަޟްޙާ ޢީދު ފެށުނީއެވެ. އަޟްޙާ ޢީދަކީ ޙައްޖުގެ މަތިވެރި އަޅުކަމާއި ގުޅިގެން މުސްލިމުން ފާހަގަކުރާ ވަރަށް އުފާވެރި ދުވަސްތަކެކެވެ. އަޟްޙާ ޢީދު ފެށިގެން ނިމެންދެން ޒަމާނުންސުރެންވެސް އެ މައްޗަށް އަމަލުކުރާ އާދަކާދަތަކެއް ހުރެއެވެ. ދިވެހީންނަކީ ސައްތައިން ސައްތަ މުސްލިމުންނަށްވެފައި، ވާރުތަވަމުން އަދި ހެޔޮ ކަންތައްތަކެއް ސަޤާފަތުގެ ތެރެއިން ލާފައި އައިސް އެބަހުއްޓެވެ. ދިވެހިންގެ ގުޅުންތެރިކަމާއި އެއްބައިވަންތަކަމަކީ ފާހަގަކުރެވޭނެ އެންމެ މުހިއްމު އާދަކާދައިގެ ދިރިހުރި މިސާލެވެ.

އަޟްޙާ ޢީދު ދުވަހުގެ އުފާފާޅުކުރުމުގައި ކާބަފައިން ދިވެހި ފަސްގަނޑަށް ވާރުތަކޮށްދެއްވި އެންމެ ބޮޑު ނިޢުމަތް ކަމުގައިވާ އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކޮށް ދިރުވުމަކީ، މިފަދަ މުހިއްމު ދުވަހެއްގައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.  އެއްބައިވަންތަކަމާއި، އެކުވެރިކަމުގެ ކިއްލާ ވަރުގަދަވެއްޖެ އުންމަތަކީ ކާމިޔާބު ލިބިގެންވާ އުންމަތެކެވެ. މުސްލިމް އުންމަތެއް އެކަތިގަނޑަކަށްވެގެން ޙާޞިލުކޮށްފައިވާ ކާމިޔާބީތަކަކީ، ދުނިޔެ ހައިރާންކޮށްލި ޙާދިސާތަކެކެވެ. އިސްލާމީ މަދަރުސާއިން ދަސްކޮށްދޭ އެންމެ މުހިއްމު ފިލާވަޅަކީ އެކުވެރިކަމާއި އުޚުއްވަތްތެރި ކަމުގެ ގުޅުން ވަރުގަދަކުރުމެވެ.

ޒަމާނަށް އަންނަމުންދާ ބަދަލާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ އޮއިވަރުގެ ސަބަބުން، މިކަމަށް ކޮންމެވެސް ވަރެއްގެ ބަނަކަމެއް ވަނީ ކުރިމަތިވެފައެެވެ. އެހެންނަމަވެސް، ހަރުމީހުންގެ އުޅުމާ ގުޅުން އަދުގެ ޖީލަށް ފެނިދެނިވެ، އެ ރޫޙް ވަރުގަދަކުރާން މިއަދުގެ ގިނަ ޒުވާނުންވެސް މަސައްކަތްކުރެއެވެ. މަދްރަސީ ތަޢުލީމުގެ ހިޔާވަހިން އުނގަންނައިދޭ ފިލާވަޅުތަކުގައިވެސް މިކަމަށް ބާރު އަޅަމުންދާތީއާވެސް އެކުގައެވެ. މިކަމަށް ހުރަސް އެޅޭ ބައެއް ކަންތައްތަކަކީ ތަރައްޤީވަމުން ކުރިއަރަމުން އަންނަ އިރު ދިމާވާ ކަންތައްތަކެކެވެ. ޓެކްނޮލޮޖީއާއެކު އިންޓަރނެޓާއި ފޯނާއި މުވާސަލާތީ ބަދަލުތަކާއެކު، މި ގޮންޖެހުން ކުރިއަށް އޮތް ތަނުގައިވެސް ދާނީ ބޮޑުވަމުންނެވެ. ބައެއް ޒުވާނުންނާއި ކިޔަވާ ކުދިންގެ ކިބައިން މިކަމުގެ ނޭދެވޭ އަސަރު ފެންނަމުން ދެއެވެ. މީހަކު ވާހަކަ ދެއްކިޔަސް ހަތަރު ކަޅި ހަމަކޮށެއް ނުަލައެވެ. އިންނަނީ ފޯނަށް ބަލަހައްޓައިގެންނެވެ. މިކަންކަމަކީ މިފަދަ ދުވަހެއްގައި އިތުރަށް ވިސްނައި ރަގަޅު ކުރަންޖެހޭ ކަންކަމެވެ.

އިހު އުޅުނު ކާބަފައިން ދައްކައިދީފައިވާ ނަމޫނާ ވަރަށްވެސް ފުރިހަމަ ނަމޫނާއެއް ކަމަށް އެންމެންވެސް އިއްތިފާޤުވެއެވެ. ޒަމާން ކުރިއަރަމުން އައިސް ދީނުގެ ކަންކަމުގެ ތެދު ސައްޙަ މަޢުލޫމާތު މިދަނީ އެނގެމުންނެވެ. ދުވަސްތަކެއް ކުރިން ބޮޑު ޖަމާޢަތުގައި ނަމާދު ކުރުމަކީ އޮންނަ ކަމެއް ކަމެއް ނޭނގެއެވެ. ނަމަވެސް މިހާރު ދިވެހީންނަށް އެކަމުގެ ފުރިހަމަ މަޢުލޫމާތު އެނގުމުން، ޢީދު ނަމާދުކުރަން ބޮޑު ޖަމާޢަތަަށްދާން ސަމާލުކަން ދެއެވެ.

އަޟްޙާ ޢީދުގެ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށް، އެކަކު އަނެކަކާއި ބައްދަލުކޮށް، ހިނިތުންވުމާއިއެކު ހެޔޮހިތުން ސަލާން ގަލާން ކުރުމަކީ ކާބަފައިންގެ ކިބައިން ވަރުތަަވަމުން އައިސްފައިވާ ރީތި ސިފަތަކެކެވެ.  މިހާރުވެސް، އަޅުގަނޑުމެން ދިވެހިންނަކީ މިކަން ހިފަހައްޓަން ސަމާލުކަންދޭ ބައެކެވެ. އެހެންކަމުން މިިރީތި އާދަކާދައަށް އުނިކަމެއް އަޔަ ނުދީ އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށްދޭން މަސައްކަތް ކުރުމަކީ އަދުގެ ޖީލުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. އެހާމެ ބޮޑު މަސްޢޫލިއްޔަތެކެވެ.

އީދު ދުވަހަކީ އުފާ ފާޅުކުރުމުގެ ދުވަހެކެވެ. އެހެނަސް މި އުފާ ފާޅުކުރަންވާނީ މާތްﷲ ކަނޑައަޅުއްވާފައިވާ އިމުގެ ތެރެއިންނެވެ. ކުޅިވަރު ކުޅުމާއި އުފާކުރުމާއި ކެއިންބުއިމަކީ އީދުގެ އުފަލުގެ ބައެއްކަމުން، ޢީދުގެ އުފާވެރިކަން ފާހަގަކުރަންވާނީ މާތްﷲ ކަނޑައަޅުއްވާފައިވާ ގޮތަށް އެއިމުގެ ތެރެއިންނެވެ. އިސްލާމްދީނުގައި ޢީދު ފާހަގަކުރަނީ ޝަހުވަތްތަކުގެ ފަހަތުން ދިޔުމެއް ނޫނެވެ. އެއީ ﷲގެ ހައްދުތަކާއި ހުރުމަތްތައް ގިރާކޮށް ބޭނުންހާ ކަމެއް ކުރުމަށް ހުޅުވައިލަދޭ ދޮރެއްވެސް ނޫނެވެ. އިސްލާމް ދީނުގައި ޢީދުތަކަކީ ﷲގެ އަމުރުފުޅުތަކަކަށް ކިޔަމަންގަތުމަށް އަންނަ ދުވަސްތަކެކެވެ.

އެހެންކަމުން މި އުފާވެރި ޢީދުގެ ތަހްނިޔާ ކިޔަމުން، އަޚްވަންތަކަމާއި އެކުވެރި ކަމާއި އެއްބައިވަންތަކަމުގައި، އިސްލާމީ އުސޫލުތަކާއި ކަނޑައެޅިފައިވާ މިންގަނޑުގެ ތެރޭގައި ޢީދު ފާހަގަކުުރުމަށް ބާރު އަޅަމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *