ކުރީގެ ނޫސްވެރިޔާ ޖޯރޭ އެމްޑީޕީއަށް!

ކުރީގެ ތަޖުރިބާކާރު ނޫސްވެރިޔާ ޖައުފަރު ރަޝީދު، ޖޯރޭ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ސޮއި ކޮށްފިއެވެ.

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ސެކަންޑް ސެކަޓްރީީގެ މަޤާމު ފުރުއްވަމުންދާ ޖޯރޭ އެމްޑީޕީއާއި ގުޅުނީ ރޭ އެކަމަށްޓަކައި ބޭއްވުނު ޚާއްސަ ރައްމިއްޔާތުގައެވެ. މިރަސްމިއްލާތުގައި މިވަގުތު ލަންކާއަށް ވަޑައިގެން އުޅުއްވާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި، އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވިއެވެ. ޖޯރޭ ސޮއިކުރައްވައި ފޯމް ހަވާލު ކުރެއްވީ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއެވެ.

ސޮއިކުރުމަށްފަހު ޖޯރޭ ވިދާޅުވީ އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހާވެސް ދިމާކޮށް، ކޮޅުނބުގައި ހުރެ އެމްޑީޕީއަށް ސޮއިކޮށް، ރަސްމީކޮށް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ވެގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއްކަމަށެވެ. މިއީ ސިޔާސީ މަސައްކަތުގައި، ސިޔާސީ ޕާޓީއެއްގައި އޭނާ ރަސްމީ ފުރަތަމަ ފެށުން ކަމަށާއި، ސިޔާސީ މަސައްކަތް ފުރަތަމަ ފަހަރަށް ފެށި ޕާޓީގައި މިއަށްވުރެވެސް ބާރަށް ކުރިއަށްދާން އަޒުމް ކަނޑައަޅައިފައިވާކަމަށް ޖޯރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރިން މަސައްކަތް ކުރީ އެމްޑީޕީއަށް ތާއީދުކުރާ މީހެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް ދެން މަސައްކަތް ކުރާނީ އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ މަސައްކަތުގައި ދެން ކުރަން އޮތް އެންމެ ބޮޑު މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ހޯދުމަށްކުރަން ޖެހޭ މަސައްކަތް ކުރުންކަމަށެވެ. އެކަން ކުރުމުގައި ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ޖޯރޭ ވިދާޅުވިއެވެ. ޖޯރޭ ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ލަންކާ އެމްބަސީގައި މަސައްކަތް ކުރާ ގިނަ ޑިޕޮލޮމެޓުންވެސް ވަނީ ބައިވެރިވެފައެވެ.

ޖޯރޭއަކީ ސޯސަން ވިލާގައި ސިޔާސީ ގޮތުން މަސައްކަތް ކުރި ނަމަވެސް، ލަންކާގައި ދިރިއުޅޭ ދިވެހި ގިނަ ރައްޔިތުންނާއި ގާތް ގުޅުމެއްބާއްވާ، އެންމެންގެ ގާތް މިތުރެކެވެ. ސޯސަން ވިލާގެ މީޑިއާ ކަންތައްތަކުގެ އިތުރުން ސޯސަންވިލާގެ ކިޔަވައި ދިނުމާއިބެހޭ އެންމެ އިސްވެރިޔާގެ ޒިންމާވެސް އަދާކުރައްވަނީ ޖޯރޭއެވެ.

ޖޯރޭއަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގަިއ 20 އަހަރު ޚިދުމަތް ކޮށްފައިވާ ކުޅަދާނެ ނޫސްވެރިއެކެވެ. އޭނާ ވަޒީފާ އަދާކުރި ގިނަ ނޫސްތަކުގައި އެޑިޓަރުކަމާއި، ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔުމާއި، ފޮޓޯ ނެގުމާއި، ނޫސްވެރިން ތަމްރީން ކުރުމުގެ މަސައްކަތްވެސް ވަނީ ކުރައްވާފައެވެ. މީގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނައިބް ރައީސްކަންވެސް ޖޯރޭ ވަނީ ފުރުއްވާފައެވެ. މީޑިއާ ކައުންސިލްގައި ޖޯރޭ ވަނީ ލީގަލް އެންޑް އެތިކްސް ކޮމެޓީގެ މުޤައްރިރުކަންވެސް ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު