އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް ބީގެ ފަހު މެޗުން ބޫޓާން އަތުން ބަންގްލަދޭޝް މޮޅުވުމުން ރާއްޖޭގެ ޤައުމީ ޓީމް މުބާރާތުން ކަޓައިފިއެވެ.
ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ބަންގްލަދޭޝްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން މި ނަތީޖާއާއެކު ބަންގްލަދޭޝް ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ބޫޓާނުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި މި ލަނޑު ބޫޓާންއަށް ކާމިޔާބުކޮށްދިނީ ސެންޑާ ޑޯޖީއެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މި ލަނޑާއެކު ބަންގްލަދޭޝްއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ބޫޓާންގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ 21 ވަނަ މިނެޓުގައި ބަންގަލަދޭޝް އިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހާދިނީ ޝެއިޚް މޯސަލިންއެވެ. އަދި އޭގެ ދިހަ މިނެޓު ފަހުން ބަންގްލަދޭޝްއިން ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއީ ބޫޓާންގެ ފުންޓްސޯ ޖިގްމޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފުގައި ބޫޓާނުން ބަންގްލަދޭޝްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކުރިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަންގްލަދޭޝް އިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ރާކިބް ހުސައިންއެވެ.
މިފަހަރުގެ މުބާރާތުގައި ޖެހި ޖެހިގެން ދެ މެޗުން ރާއްޖެ ބަލިވުމުން، މިއީ ރާއްޖޭގެ ފުޓްބޯޅަ ޓީމު ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖާ އަލްވަދާޢު ކިޔަންޖެހުނު ފަހަރެވެ.
މީގެ ކުރިން 11 ފަހަރު މަތިން ރާއްޖޭން ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވެފައިވާއިރު، 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ރާއްޖޭން ވަނީ އެމުބާރާތުގެ ތަށި އުފުލާފައެވެ. މިއަހަރު ފިޔަވައި، އެހެން މުބާރާތްތަކުގައި ރާއްޖެ ވަނީ ސެމީއާއި ހަމައަށް ދަތުރު ކޮށްފައެވެ. މިއީ ދިވެހި ފުޓްބޯޅައާ މެދު އިތުރަށް ވިސްނަންޖެހިފައިވާ ކަމެއްމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. މިކަމާ ހެދި އެފްއޭއެމްއާ މެދު ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާކަން ވެސް ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ކުރިންވެސް ކެޓީމަ އަންނަ ގޮތަށް ރާއްޖެ އަންނާނީ.