މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ދިނުމަށް ސަރުކާރުން ނިންމި ގޯތިތަކުގެ ލިސްޓުގައި ހުރި ބޮޑެތި އޮޅުވާލުންތަކާއިއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އުޅުއްވަނީ ދިވެހިރައްޔިތުންގެ ބަހެއް ނެތި ދިވެހި ގައުމުގެ ކަންކަން ނިންމެވުމަށް ކަމަށާއި، ދިވެހިންނަށް ނުލިބި ދިވެހި ބިމުން ބިދޭސީންނަށް ޚާއްސަކޮށް ގިނަ އަދަދެއްގެ އިންޑިއާ މީހުންނަށް ގޯތި ލިބުނުގޮތެއް އޭސީސީން ބަލަން ޖެހޭކަމަށެވެ.
މިފަހަރު އިބްރާހީމް މުހައްމަދު ސޯލިހު ހިފާފަ މިހުރީ ދިވެހި ރައްޔިތުންގެ ބަހެއް ނެތި ގައުމުގެ ކަންކަން ނިންމަން. ދިވެހިންނަށް ނުލިބި ބިދޭސީންނަށް ދިވެހި ބިމުން ޚާއްސަކޮށް ގިނަ އަދަދެއްގެ އިންޑިއާ މީހުންނަށް ގޯތި ލިބުނު ގޮތެއް ބަލަންޖެހޭ.
– ޝިޔާމް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓަރސް ލިސްޓަށް ޖުމްލަ 551 ޝަކުވާ ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ގިނައީ ނިޔާވެފައިވާ މީހުންގެ ނަން އޮތް މައްސަލައެވެ. އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 11 ވަނަ ދުވަހު އާއްމުކުރެއްވި ދާއިމީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދެއްވާފައެވެ. އެއީ މިމަހުގެ 11 އިން 22 އަށެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 551 ޝަކުވާއެއް ލިބިފައިވާއިރު މީގެ ތެރޭގައި މައިގަނޑު 6 ވައްތަރެއްގެ ޝަކުވާ ހިމެނެއެވެ. އަދި އެންމެ ގިނައިން ކޮމިޝަނަށް ހުށަހަޅާފައިވަނީ ނިޔާވެފައިވާ މީހުންގެ ނަން ލިސްޓުގައި އޮވެގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ކުރިއަށްއޮތް 5 ދުވަހުގެ ތެރޭގައި މި ޝަކުވާތަކަށް އެކޮމިޝަނުން ޖަވާބު ދޭނެކަމަށެވެ. އަދި ކޮމިޝަނުން ދޭ ޖަވާބާ މެދު، ހިތްހަމަ ނުޖެހޭނަމަ، އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ވެސް އެފަރާތަކަށް ލިބިގެންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރެއްވި ލިސްޓަށް ހުށަހެޅުނު އިދާރީ ޝަކުވާތަކަށްފަހު، ވޯޓަރސް ލިސްޓުން އުނިކުރެއްވި ނަންތަކާއެކު މިހާރު ވޯޓު ދިނުމުގެ ޙައްޤު ލިބެނީ 282،672 މީހުންނަށެވެ. ނަމަވެސް ދާއިމީ ލިސްޓަށް ހުށަހެޅޭ ޝަކުވާތައް ބެއްލެވުމަށްފަހު ލިސްޓަށް އަދިވެސް ބަދަލުތަކެއް އަންނާނެއެވެ.
އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 5 ވަނަ ދުވަހާ ހަމައަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުއްވާލެއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
މާލެއަށް ހިޖްރަ ކޮއްފަވާ [ ރާއްޖެ އަށް ހިޖްރަ ކޮއްފަ] އަވަށްޓެރި ގައުމު ތަކުގެ މީހުން ވޯޓް ލިސްްޓް ގަ އޮވެއްޖެ ނަމަ ދެން ކީކޭބުނާނީ .