ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު

ގޯތި ދީފައިވަނީ މާލޭގެ މަހުޖަނުންނަށް ކަމަށް ވިދާޅުވެ ސިރާޖުގެ ފާޑުކިޔުން!

މާލޭގެ ނިކަމެތި ރައްޔިތުންނަށް ދޭން ވައުދުވެ ޢާންމުކުރި ލިސްޓުގައި ގޯތި ދީފައިވަނީ މާލޭގެ މުއްސަދި ގެދޮރުހުރި މަހުޖަނުންނަށް ކަން ލިސްޓަށް ބަލާލުމުން ހާމަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު މިހެން ވިދާޅުވީ ސަރުކާރުން ޢާންމު ކޮށްފައިވާ ގޯތި ލިސްޓަށް ބޮޑެތި ފާޑުކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. ސިރާޖު ވިދާޅުވީ ލިސްޓަށް ބަލައިލުމުން ފެނިގެންދަނީ މާލޭގެ ބިންވެރި ގެދޮރު އޮތް މީހުންގެ ތެރެއިން މުއްސަދި މީހުންނަށްވެސް އިތު ބިންތައް ހިލޭ ހަމަޖައްސާފައިވާތަން ކަމަށެވެ.

ނިކަމެތި މީހާއަށް ގޯތިދޭން ނެރުނު ލިސްޓު ރަނގަޅަށް ބެލީމަ ސާފުވީ އަނބިދަރިންނާއި މައިންބަފައިން ނަމުގައި ބުރިބުރިއަށް ބިޔަ ގެ ނަގައި ރާއްޖެތެރެމީހުންނަށް ކުއްޔަށްދީގެން ތިބި އެތައްމަހުޖަނަކަށް އެމީހުންގެ ބިޔަ އިމާރާތުން އެއާއިލާތަކަށް ނުފުދޭތީ އިތުރު ބިންތައް ކަނޑައެޅިފައިވާކަން.

– މޫސާ ސިރާޖު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ނިކަމެތި ރާއްޖެތެރޭ މީހާ އަމިއްލަ ރަށުގައި ގެއެއް ހަދަން އުޅުމުން އެކަން ކުރާނެ ގޮތެއް ނެތި، ބޭންކުން ލޯނުވެސް ހަމަނުޖެހޭކަމަށެވެ. ނަމަވެސް މާލޭގެ މީހުން ބިންލިބި ގެދޮރު ހަދަން އުޅޭ ހިސާބުން ބެންކުންވެސް ފަސޭހައިން ލޯނުވެސް ހަމަޖެހޭނެކަމަށެވެ.

މާލޭ އޭރިއާއިން ހިލޭ ބިން އިންސާފުން ބެހުމަކީ ކުރެވޭނެ ކަމެއްނޫން. ރާއްޖެތެރޭ ރަށްރަށުގައި ގޯތި ހަދަން ބޭންކުން ލޯނު ނުލިބުނަސް މާލެ ސަރަހައްދުން ދޫކުރި ގޯތިތައް ހެދުމަށް ބޭންކުތަކުން ލޯނުވެސް ފަސޭހަކަމާއެކު ދޭނެ. މިތަފާތު ކުރުން ނައްތާލަންޖެހޭ.

– މޫސާ ސިރާޖު ވިދާޅުވިއެވެ.

ގޯތި ލިބޭ މީހުން ކަނޑައެޅުމަށް އެކުލަވާލި ކޮމިޓީން ވިދާޅުވީ، ގޯއްޗަށް އެދި ހުޅުވާލި ފުރުޞަތުގައި 15164 ފޯމް ހުށަހެޅިކަމަށާއި އެއީ 23088 މީހުންކަމަށެވެ. އޭގެތެރެއިން 12794 ފޯމު ޝަރުތު ހަމަވާކަމަށާއި، އޭގެ ތެރޭގައި ޝަރުތު ހަމަވާ 19857 މީހުން ހިމެނޭކަމަށް އެ ކޮމިޓީން ވިދާޅުވިއެވެ. އޭގެތެރެއިން މިފަހަރު ދޫކުރައްވާ 5000 ގޯތި 10314 މީހަކަށް ލިބޭކަމަށްވެސް އެ ކޮމިޓީން ވިދާޅުވެއެވެ.

މިފަހަރު ދޫކުރައްވާ 5000 ގޯއްޗަކީ ހުޅުމާލެއާއި ގުޅީފަޅުން ދޫކުރެއްވުމަށް ހަމަޖެހިފައިވާ ގޯއްޗެވެ. އޭގެތެރެއިން 1500 އަށްވުރެ ގިނަ ގޯތި ހުޅުމާލެއިން އަދި ބާކީހުރި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައިގެނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު