ޒުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހުގެ އިރު އޮއްސުމުން ހައްޖުވެރިން ދާނީ މުޒުދަލިފާއަށެވެ. އެއަށްފަހު މިނާއަށް ދާނެއެވެ. ދާ މަގުމަތީގައި ބޮޑު ޖަމްރާއަށް އުކަން ހަތް ހިލަކޮޅު ހޮވާނެއެވެ. ހިލަ އުކަން ތައްޔާރުވުމުގެ ގޮތުން، މުޒްދަލިފާގައި ހުންނަ ހުރުމުގައި ބިމުން ހަތް ހިލަކޮޅު ހޮވައެވެ. މުޒްދަލިފާގެ ބިން ނޫން ތަނަކުންވިޔަސް ހިލަކޮޅުތައް ހޮވުން ހަމަ އެންމެރަނގަޅެވެ.
ވަކި ބޮޑު ހިލަތަކެއް ހޮވުމަކަށް ނޯވެއެވެ. ތިންދުވަހަށް ވާ ވަރަށް ހިލަ އެއްފަހަރާ ހޮވިދާނެއެވެ. ހިލަ އުކާ ތަނުގައި މީހަކު އަތުން ވެއްޓިފައި ހުންނަ ހިލައެއް، އަދި މީހަކު އެއްލީމާ ނުޖެހި އައިސް ވެއްޓިފައި އޮންނަ ހިލައެއް ވެސް ކަމުދާނެ ކަމަށް ބަޔާންވެގެން ވެއެވެ.

އެއްފަހަރާ ހޮވާ ނަމަ ހޮވާނީ، އަވަސްވެގަންނަ މީހާ އަށް 49 ހިލަ، ފުރިހަމަ ކުރާމީހާއަށް 70 ހިލަ ކަމާއި، 7 ހިލައެއީ ދިހަވަނަދުވަހުގައި ޖަމްރަތުލް ޢަޤަބާއަށް އުކާ ހަތް ހިލައެވެ. ޢީދުގެ ދެވަނަ އަދި ތިންވަނަ ދުވަހު ތިންޖަމްރާ ކުރެން ކޮންމެ ޖަމްރާއަކަށް 7 ހިލައުކާނެއެވެ.
ޖަމްރަތުލް ޢަޤަބާއާއި ހަމައަށް ދެވުމުން ތަލްބިޔާ ކިއުން ހުއްޓާލާފައި، ޖަމްރަތުލް ޢަޤަބާއަށް ހިލައުކައެވެ. ހިލައަކަށްފަހު ހިލައެއް، ތަކުބީރު ކިޔަމުން ވަކިވަކިން އުކާނެއެވެ.
ހިލަ އަކީ އުކަން ޖެހޭ އެއްޗެކެވެ. ވަޅު ތެރެއަށް ހިލަ އެއްލުނީމާ ފުދުނީއެވެ. ބައްޔަކާ ހެދި ނުވަތަ މުސްކުޅިކަމުން، ހިލައުކޭ ހިސާބަށް ކައިރި ނުވެވޭނަމަ، އެހެން މީހަކާއި ހަވާލުކޮށްގެން ހިލައުކަމުންދެއެވެ.
މިހާހިސާބަށް އައިއިރު އުފެދޭ ސުވާލަކީ އެތައް ހާސް ބަޔަކު ތިން ޖަމްރާއަށް އުކާ ހިލަތައް އުކާ ނިމުމުން، އެހިލަކޮޅުތަކަށް ވަނީ ކިހިނެތް ހެއްޔެވެ؟ ނޫނީ އެހިލަކޮޅުތައް ގެންދަނީ ކޮންތަނަކަށް ހެއްޔެވެ؟
ފުރަތަމަ މަރުޙަލާ: އެންމެ ފުރަތަމަ އުކާ ހިލަތައް ޖަމާވާނީ އެއް ތަނަކަށެވެ.
ދެވަނަ މަރުޙަލާ: ދެން ހިލަކޮޅުތައް ޓްރާންސްފަރ ވަނީ "އޮޓޮމޭޓަޑް ޓަބް" އަކަށެވެ.
ތިންވަނަ މަރުޙަލާ: ދެން ހިލަކޮޅުތައް ދާނީ ތިރީގައި އެވާ ކޮމްޕާޓްމަންޓްތަކަށެވެ
4 ވަނަ މަރުޙަލާ: ކުރިން ބޭނުންކުރި ހިލަކޮޅުތައް އަނެއްކާވެސް އަނެއް އަހަރު އުކުމަށް ބޭނުންކުރެވޭނެއެވެ.
އުކާ ހިލަކޮޅުތައް ފައިބައިގެން އަންނާނީ ޖަމްރާ ފެސިލިޓީގެ އެންމެ ތިރީ ބޭސްމަންޓާ ހަމައަށެވެ. ބޭސްމަންޓަށް އަންނަ ހިލަކޮޅުތައް ފެނުން ސްޕްރޭކޮށް ހިރަފުސްތައް ސާފުކުރުމަށްފަހު، އެ ހިލަކޮޅުތައް ގެންދަނީ ވެހިކަލަކަށެވެ. ވެހިކަލަށް އަރުވައިގެން ގެންގޮސް، ޙައްޖު މޫސުން ނިމެންދެން ކުދި ގޯނިގޯންޏަށް އަޅައި ރައްކާކޮށްފައި ބަހައްޓައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރަކު ގާތްގަނޑަކަށް 1000 ޓަނުގެ ހިލަ ރައްކާކުރެވެއެވެ. ރައްކާކުރެވޭ ގާތްގަނޑަކަށް 80،000 ގޯނީގެ ހިލަ އަނެއްކާވެސް ކުރިއަށް އޮންނަ އަހަރު ބޭނުންކުރުމަށްޓަކައި، މުޒްދަލިފާއަށް ގެންދެވެއެވެ. ކުރިއަށް އޮތް އަހަރު ޖަމްރާއަށް ހިލައުކުމަށްޓަކައި އެހިލަ ކޮޅުތައް ބޭނުން ކުރާނެއެވެ.