1953 ވަނަ އަހަރުގެ ޙައްޖު: ހިތްގައިމު މަންޒަރުތައް

ޙައްޖަކީ އިސްލާމްދީނުގެ ފަސްވަނަ ރުކުނެވެ. ކެރިކުޅަދާނަވެގެންވާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ އަޅުކަމެކެވެ. ހައްޖު ދުވަހަކީ މާތް، އަދި އެހާމެ މަތިވެރިވެގެންވާ ދުވަހެކެވެ. އެދުވަހަކީ ދުއާ އިޖާބަކުރައްވާ ދުވަހެއްކަމާއި، މަލާއިކަތުންގެ އަރިހުގައި ﷲ ސުބުހާނަހޫވަތަޢާލާ ފަހުރުވެވޮޑިގަންނަވާ ދުވަސްކަމުގައި ބަޔާންވެގެންވެއެވެ. އެހެން ދުވަސްތަކުގެ މައްޗަށް މާތް ﷲ  މާތްކުރައްވައި މަތިވެރިކުރައްވާފައެވެ. އެދުވަހަކީ އިސްލާމްދީން ފުރިހަމަ ކުރެއްވި ދުވަސްކަމާއި، އެކަލާނގެ އަޅުތަކުންނަށްޓަކައި އެކަލާނގެ ނިއުމަތް ފުރިހަމަ ކުރެއްވި ދުވަސްކަމާއި، ނަރަކައިން މުއްތިކުރައްވައި ފާފަ ފުއްސެވުމުގެ ދުވަސްކަން އަހަރެމެންނަށް އުނގަންނައިދީފައިވެއެވެ.

ޙައްޖަކީ ތާރީޚީ އެތަކެއް ޙަދިސާއެއް ހިނގައިގެން ގޮސްފައިވާ އަޅުކަމެކެވެ. މުސްލިމުން އެދުވަހެއްގެ މައްޗަށް ޝަޢުޤުވެރިކަން އިތުރުވެފައިވާ ދުވަހެކެވެ. ތާރީޚީ ގޮތުން އެދުވަސް މިހާ ހިސާބަށް އައިއިރު، ޙައްޖުގެ މަނާސިކުތައް ފުރިހަމަކުރުމަށް ޒިޔާރަތްކުރާ ތަންތަނަށް އައިސްފައިވާ ބަދަލުތަކާއި ކުރިއެރުންތައް މަންޒަރުތަކަކުން ސިފަވެގެން ދިއުމަކީ، މިކަމަށް އޮންނަ ޝަޢުޤުވެރިކަމާއި މުސްލިމުން އެކަމަށްދޭ ޤަދަރު އިތުރުވެގެންދާނެ ކަމެކެވެ.

އެގޮތުން 1953 ވަނަ އަހަރު، މީގެ 69 އަހަރު ކުރީގެ ތަސްވީރުތަކެއް އާކައިވުން ފެނުމުން ޙިއްސާކޮށްލުމުގެ ޝަޢުޤެއް އުފެދިއްޖެއެވެ. ހަނދާނަށް އަންނަނީ އޭރު ރާއްޖޭގެ ރައީސް ކަމުގައި މުޙައްމަދު އަމީން ހުންނެވި ދުވަސްވަރުގެ ހަނދާންތަކެވެ. އެއީ އެމަނިކުފާނެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެވަޑައިގަތީ މީލާދީން 1953 ވަނަ އަހަރު ކަމަށްވާތީއެވެ. އެއީ ކުރީގެ މާޒީ ކަމުގައި ވިޔަސް، ތާރީޚީ ހަނދާތައް ނިއުޅެމުން ދާނެ ކަމާމެދު ޝައްކެތް ނެތެވެ.

arriving by ferry at jeddah port

އޭރު ގިނަ ޙައްޖުވެރިން މައްކާއަށް ދަނީ، ކަނޑުމަގުންނެވެ. ފެރީގައާއި ބޯޓް ފަހަރުގައެވެ. އެއްފަސް ހިސާބުތަކުން ގާފިލާތަކުގައެވެ. އެދުވަސްވަރަކީ ވައިގެ ދަތުރުތައް ފެށުމުގެ ކުރީކޮޅެވެ. އެހެންކަމުން ވައިގެ މަގުން ޙައްޖަށް ދާ މީހުންގެ ޢަދަދު ނިސްބަތުން ވަރަށްވެސް މަދެވެ. އަހަރެމެންގެ ކާފައިންނާއި މުނިކާފައިންގެ ވާހަކަތަކުން އެނގޭ ގޮތުގައި އޭރު ރާއްޖޭގެ މީހުންވެސް ޙައްޖަށް ގޮސް އުޅުނީ ކަނޑުމަގުން އާގުބޯޓު ފަހަރުތަކުގައެވެ.

arriving by plane to hajj

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަނަވަސްކަން ހުންނަ މީހުންނާއި، ވައިގެ މަގުން ދަތުރުކުރުމުގެ ފުރުސަތު ތަނަވަސްވެފައިވާ މީހުން ވައިގެ މަގުން ޙައްޖަށް ގޮސްފައިވެއެވެ، އެޒަމާނުގައި ދަތުރިކުރިއުޅަނދުފަހަރުތަކަކީ މި ޒަމާނުގައި މިފެންނަފަދަ ބޮޑެތި މަތިންދާބޯޓުތަކެއް ނޫނެވެ.

bus for hajjis

އޭރުވެސް ޙައްޖުވެރިން އެތެރޭގެ ދަތުރުތައް ކުރަމުން ބަސް ދަތުރުގެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.

 

only moslems

ޙައްޖަަކީ މުސްލިމުތަކުންގެ މައްޗަށް ވާޖިބުކުރައްވާފައިވާ އަޅުކަމަކަށް ވީހިނދު މިހާރެކޭސް އެއްގޮތަށް އެޒަމާނުގައިވެސް ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ވަދެވެނީ މުސްލިމުންނަށް އެކަންޏެވެ. އެކަން އަންގައިދޭ ބޯޑުތައް އެކި ޤައުމުތަކުގެ މީހުންނަށް އެނގޭނޭހެން ބަހައްޓާފައި ހުރެއެވެ.

makkah

މިޒަމާނުގައި ޙައްޖުވެރިން ގޮސްތިބުމަށް ބޮޑެތި ހޮޓާތަކާއި ޒަަމާނީ ފެންވަރުގެ ބިނާތައް އެންމެ ފުރިހަަމަ ޚިދުމަތްތަކާ އެކީ ހުރިކަމަށްވިޔަސް އެދުވަސްވަރު ޙައްޖުވެރިން ގޮސްތިބެން ހުންނަ ތަންތަނުގެ ޙާލަތު އެހާ ރަގަޅެއް ނޫނެވެ. ނަމަވެސް އެއިރާ އެއްވަރަށް ޙައްޖަށްދާ މީހުންނަށް ތިބެވޭނެ އިންތިޒާމު ހަމަޖެހިގެންގޮސްފައިވެއެވެ. މަތިން އެފެންނަނީ ތާރީޚީ ބިނާތަކެކެވެ. ޙަރަމްފުޅުގެ ވަށައިގެންވާ ސަރަޙައްދުގައި، ޙަރަމްފުޅާ ވަރަށް ކައިރީގައިވާ އިމާރާތްތަކެކެވެ. ފަހުން ޙަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން މި އީމާރާތްތައް ވަނީ ތަޅާލައި، ޙަރަމްފުޅުގެ ޖާގެ ބޮޑުކުރެވިފައެވެ.

Makkah street

މިހާރުވެސް މައްކާ މަދީނާގެ މަގުތަކުގެ ކާރުބާރު ބޮޑެވެ. އެ ޒަމާނަށް ބަލާއިރުވެސް މަގުތައް ސިފަވެގެންދަނީ ކާރުބާރު ބޮޑު މަގުތަކެއްގެ ގޮތުގައެވެ. މަތިން އެފެންނަނީ މައްކާގެ އެންމެ ބާރުބޮޑު މަގެވެ. އެފެންނަ މުންނާރަކީ އުސްމާނީ ޚިލާފަތުގެ ރަމްޒެކެވެ.

masjid haram entrance

ޙަރަމްފުޅު ތަރައްޤީކޮށް ފެންވަރު މަތިކުރެވިގެން މިހާރު ގޮސްފައިވެއެވެ. ގޭޓްތައް ވަނީ ފުޅާކުރެވިފައެވެ. މަތިން އެ ފެންނަ ގޭޓަކީ ޙަރަމްފުޅަށް ވަންނަން އޭރު ބޭނުންކުރި ގޭޓެކެވެ.

haram

1953 ވަނަ އަހަރު ޙަރަމްފުޅުގެ ބޭރުން އޮންނަ ޖާގައިގައި ނަމާދު ކުރާ މަންޒަރު ފެނިގެންދާއިރު، މިހާރު އައިސްފައިވާ ފުރިހަމަ ބަދަލު ތަސައްވުރުކުރެވެއެވެ. ސައޫދީ ސަރުކާރުން ހަރަމްފުޅު ތަރައްޤީކުރުމަށް ހިންގެވި މަޝްރޫއުތަކަކީ ތާރީޚީ މުހިއްމު މަޝްރޫޢުތަކެކެވެ.

masjid haram

ކައުބާގެ މަންޒަރު ސިފަވެގެންދާއިރު، ތަޅުން އަޅައި މުށިޖަހާފައި ހުރިކަމަކަށް ނުބެލެވެއެވެ. މައްކާގެ ހަރަމްފުޅަށް ގޮސް ޙަރަމްފުޅުގެ ސަރަހައްދުގައި އަޅުކަން ކުރުމުގެ ފުރުޞަތު ލިބުމަކީ މުސްލިމުންނަށް ވަރަށް ތަފާތު އިޙްޞާޞްތަކެއް ކުރެވޭ ކަމެކެވެ. އެކަމަކީ އެބައިމީހުން އީމާންތެރިކަން ވަރުގަދަކޮށް ތާޒާކޮށްލަން ލިބޭ ރަނުގެ ފުރުޞަތެއް ކަމުގައި ދެކެއެވެ. މިހާހިސާބަށް އައިއިރު ގެފުޅުގެ ޙަރަމްފުޅު ވަނީ އެކި ފަހަރު މަތިން ބޮޑު ކުރެވި ޒީނަތްތެރި ކުރެވިފަ އެވެ.

މަތާފް ސަރަހައްދަކީ ކައުބާ ވަށައިގެން ތަވާފްކުރުމަށް އޮންނަ ސަރަހައްދެވެ. މިހާރު އެސަރަޙައްދުގައި އޮންނަނީ މާބުލްޖަހައި ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައެވެ.

kaba mataf

ކައުބާގެ ފުރިހަމަ މަންޒަރެއް ސިފަވެގެން އެބަދެއެވެ. މީގެ އެތައް ހާސް އަހަރެއް ކުރިން ހެދިފައިވާ މި ބިނާ އަށް ވުރެ ދުވަސްވީ އެހެން ބިނާއެއް ދުނިޔޭގައި ހުރި ކަމަކަށް ނުބެލެވެއެވެ. ގެފުޅުގައި އެންމެ ޒީނަތްތެރިކޮށް ހެދިފައިވާ ތަނަކީ ކައުބާއެވެ. ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި ކައުބާ ދެކި ލުމަކީ މުސްލިމުންނަށް ލިބޭ ޝަރަފަކާއި ފަޚްރެކެވެ. އަދި އެހާމެ ބޮޑު އުފަލެކެވެ. ކައުބާ ވަށައިގެން ކަޅުކުލައިން އެވަނީ ކިސްވާ ނުވަތަ އުރަކޮޅެވެ.

ކިސްވާއަކީ އަހަރަކު އެއް ފަހަރު ބަދަލު ކުރާ އެއްޗެކެވެ. ޚާއްޞަކޮށް ޙައްޖު ދުވަސްވަރު އެ އުރަކޮޅު ބަދަލުކުރާނެއެވެ. އެއީ ތަރީޚީ އަދި ސަޤާފީ ވަގުތުކޮޅެއްގެ ގޮތުގައި ފާހަގަވެގެން ދެއެވެ. ޚާއްޞަ ފެކްޓްރީއަކުން ޑިޒައިން ކުރާ ކިސްވާ ތައްޔާރު ކުރަނީ ވެސް މައްކާގައެވެ.
ކިސްވާ ތައްޔާރު ކުރުމަށް ގާތްގަނޑަކަށް މިލިއަން ސަޢުދީ ރިއާލް ޚަރަދުވާ ކަމަށްވެއެވެ. ކިސްވާ ތައްޔާރު ކުރުމަށް 670 ކިލޯ ޑައިކޮށްފައިވާ ކަޅު ރިއްސާއި 120 ކިލޯގެ ރަނާއި އަދި ޤުރުއާނުގެ އާޔަތްތައް ލިޔުމަށް 50 ކިލޯގެ ރިހި ބޭނުންކޮށްފައިވާ ކަމަށްވެއެވެ. ކިސްވާގެ ބޮޑު މިނަކީ 658 ސްކެއާ މީޓަރެވެ.

 

kaba door

ކައުބާގެ ތެރެއަށް ނަމާދު ކުރުމަށް ބައެއް މީހުން ވަންނަ މަންޒަރު ފެންނަ މި ތަސްވީރުން އަހަރެމެން ހިތްތަކަށް ވެރިވަނީ ކޮންކަހަލަ ޝުއޫރެއް ހެއްޔެވެ؟

tawaf

 

ގެފުޅު ވަށައިގެން ޠަވާފު ކުރަނީއެވެ. ތަނުގެ މިއަދުގެ މަންޒަރާ އަޅާ ކިޔާއިރު ވަރަށް ބޮޑު ތަފާތެއް ފެނިގެންދެއެވެ.

ހައްޖާއި އުމްރާގެ އަޅުކަން ފެށެނީ އިހުރާމް ބަނުމަށްފަހު ކައުބާ ވަށައި ތަވާފު ކުރުމުންނެވެ. ޙައްޖު ނުވަތަ ޢުމްރާ ކުރާމީހާ މައްކާއަށް ދިޔުމަށްފަހު އެންމެ ފުރަތަމަ ކުރާ ކަމަކީ ޠަވާފު ކުރުމަށްޓަކައި އަލްމަސްޖިދުލް ޙަރާމަށް ދިޔުމެވެ. ޠަވާފުގައި ހިމެނެނީ ހަތްބުރެވެ. ޠަވާފު ފަށާނީ އަލްޙަޖަރުލް އަސްވަދާ ދިމާއިންނެވެ. އަލްޙަޖަރުލް އަސްވަދާ ދިމާވާ ގޮތަށް ޞަފާމަރުވާއާއި ވީފަޅީގެ މަތީގައި ފެހި ކުލައިގެ އިޝާރާތެއް މިހާރު ދިއްލިފައި ހުރެއެވެ.

ކައުބާއަކީ 50 ފޫޓޫ އުސް ހަތަރެސްކަން ހަމަ ބިނާއެކެވެ. އެންމެ ފުރަތަމަ ކައުބާ ބިނާކުރެއްވީ އާދަމުގެފާނެވެ. އެއިގެ ފަހުން އިބްރާހިމްގެފާނެއެވެ. އެއީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިމެ މުސްލިމުން ނަމާދުކުރާއިރު ކުރިމަތިލާ ބިނާއެވެ. މިހާރު ކައުބާ ހުރީ މަސްޖިދުލް ހަރަމްގައެވެ.

market

ޙައްޖު މޫސުމުގައި ބާޒާރު މަތިން ބައިބޯވެއެވެ. ފިހާރަތަކާއި ކެފޭތައް ފުރާލައެވެ. އޭރުގެ ޙާލަތުވެސް ހަމަ އެފަދައެވެ.

market 2

shisha

female pilgrim pallenquin

އަސް އަދި އަސްގާޑިޔާ އަކީ ދަތުރުފަތުރު ކުރުމަށް އޭރު އާންމުގޮތެއްގައި ބޭނުންކުރެވުނު ވަސީލެވެ.

choosing animal

ހައްޖު މަހުގެ 10 ވަނަ ދުވަހަކީ ހައްޖުވެރީންނަށް ގުރުބާން ގެ ދުވަހެވެ. ނުވަތަ ކަތިލުމުގެ ދުވަހެވެ. އެކަމަކުވެސް ހައްޖުވެރިންނަށް މިދުވަހުގެ އެންމެ ޚާއްޞަކަމަކީ މެންދުރުވުމުގެ ކުރިން ބޮޑު ޖަމްރާއަށް ހިލަ އުކުމެވެ. ގުރުބާން ކުރުމުގެ ކަންތައް އަންނަނީ އެއިގެ ފަހުންނެވެ. އެއަށް ހަދިޔު ކަތިލުމޭ ވެސް ކިޔައެވެ. އެއިގެ ފަހުން ފިރިހެނުން ބޯބޭލުން ނުވަތަ ބޯކޮށުން އަދި އަންހެނުން ބޮލުގެ އިސްތަށިން އިންޗިއެއްހާ މިންވަރު ކެނޑުން އޮވެއެވެ.

donkey

ޤުރުބާންކުރެވޭ އުޟްހިޔާ ބެހުމުގައި ޙަރަކާތްތެރިވާ މަންޒަރު ފެނިގެންދާއިރު، ހިތަށް ސިފަވެގެންދަނީ މި ދުވަހުގެ ޤުރުބާނީގެ މަތިވެރިކަމެވެ. މި ދުވަހުގެ ގުރުބާނަކީ، ﷲގެ އަމުރުފުޅަށް އިސްމާއީލުގެ ފާނު ޤުރުބާން ކުރެއްވުމުގެ ބަދަލުގައި އިބްރާހިމްގެ ފާނުގެ ކަންބަޅި ބަކަރިއެއް ޤުރުބާންކުރި ކުރެއްވުން ރަމްޒުކޮށްދޭ ކަމެކެވެ. އަދި މިއީ ފަގީރުންނަށް ޞަދަޤާތް ކުރެވިގެން ދާ ދިއުމެކެވެ. ޙައްޖުވެރިންގެ މި އަޅުކަމުގައި ބައިވެރިވުމުގެ ގޮތުން ޙައްޖަށް ނުދާ މީހުން ވެސް އެމީހުންގެ ޢީދު ދުވަހު އުލުހިއްޔާ ކަތިލުންތައް ބާއްވައެވެ. މިދުވަހަކީ ބޮޑު އީދުގެ ފުރަތަމަ ދުވަހެވެ.

cooking at mina

ޙައްޖު މަހުގެ ނުވަވަނަ ދުވަހުގެ އިރު އޮއްސުމުން ހައްޖުވެރިން ދާނީ މުޒުދަލިފާއަށެވެ. އެއަށްފަހު މިނާއަށް ދާނެއެވެ. މިފެންނަނީ މިނާގައި މަޑުކޮށްގެން ތިބިއިރު ކެއްކުމުގައި ޙަރަކާތްތެރިޥާ މަންޒަރެވެ. މިޒަމާނުގައި މިފަދަ ގޮތަކަށް ކައްކާ ހަދާކަށް ނުޖެހޭނެއެވެ. ޙައްޖުވެރީން ގެންދާ ޖަމާޢަތްތަކުން، ތައްޔާރީ ކާނާގެ ޕާރުސަލު ޙައްޖާޖީންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސައި، ކެއުންބުއިމަށް ލުއިފަސޭހަކަން ލިބެެއެވެ. މިނާއަށް ދާ މަގުމަތީގައި ބޮޑު ޖަމްރާއަށް އުކަން ހަތް ހިލަކޮޅު ހޮވާނެއެވެ.

pilgrims pray

ޙައްޖުވެރިން ނަމާދު ކުރަމުންދާ މަންޒަރު ފެންނައިރު، ޖަމަލުފަދަ ޖަނަވާރުތައް ކައިރިން ފެނިގެންދެއެވެ. މިޒަމާނުގައި، މިފަދަ ޖަނަވާރުތައް މިިގޮތަށް ފެނިގެނެއް ނުދެއެވެ.

arafah

އަރަފާތު ބިމުގައި ތިބުމަށް އޭރުވެސް ޓެންޓް ޖެހިއެވެ. މިހާރުވެސް ޓެންޓް ޖަހައި ހަދައެވެ.

އަރަފާތަކީ ފަރުބަދައެކެވެ. އަރަފާތަށް ދިއުން ނިސްބަތް ވަނީ އެފަރުބަދަ ހިމެނޭ ސަރަހައްދަށް ދިއުމެވެ. އަރަފާތް ދުވަހުގެ މެންދުރު ވަގުތުގައި ހައްޖުގެ ޚުތުބާ އިއްވުން އޮވެއެވެ. އަދި އެއިގެ ފަހުގައި ޖަމާއަތުގައި މެންދުރު ނަމާދާއި އަސުރު ނަމާދު ޖަމްއުކޮށް ގަސްރު ކުރެއެވެ. އެއަށްފަހު އިރު އޮސެންދެން ތިބެނީ އަރަފާތުގައެވެ.

ހިޖުރީ މަހުން ޒުލްހިއްޖާ ނުވަ ވަނަ ދުވަހަކީ ކޮންމެ އަހަރަކު ވެސް ހައްޖުވެރީންގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް އަރަފާތު ބިމަށް އެންމެން އެއްވާ ދުވަހެވެ. އެބިމުގައި ތިބެ ހައްޖުގެ އަޅުކަމުގެ ހާއްސަ ޚުޠުބާއެއް އަޑުއަހައި އެދުވަހުގެ މެންދުރު ނަމާދު ޖަމާއަތުގައި ކުރުމެވެ.

ކީިރިތި ރަސޫލާ އިސްލާމްދީނަށް ގޮވާލެއްވި ތޭވީސް އަހަރުގެ މުއްދަތުގެ ތެރޭގައި ޙައްޖުގެ ފަރުޟު އަދާ ކުރައްވާފައި ނުވެއެވެ. އެކަލޭގެފާނު އުޅުއްވީ އިސްލާމްދީނުގެ ހިދާޔަތުގެ ދަންމަރު އިންސާނިއްޔަތަށް ފެތުރުއްވުމުގައެވެ. މަދީނާއަށް ހިޖުރަކުރެއްވިތާ 10 ވަނަ އަށްވީ އަހަރު، އިތުރު އެކަލޭގެފާނު ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ޤަސްތު ކުރައްވައި އެކަން އިޢުލާން ކުރެއްވިއެވެ.

މި އުފާވެރި ޚަބަރު މަދީނާއާއި ވަށައިގެންވާ ސަރުޙައްދުތަކަށް ފެތުރިގެން ދިއުމުން އިތުރު އެކަލޭގެފާނުގެ އަރިހުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެތައް ހާސް ބަޔަކު ޝައުޤުވެރިވެ، މަދީނާއަށް ޖަމަޢަވާން ފެށި އެވެ. އެންމެ މާތް މަތިވެރި ނަބިއްޔާގެ އަރިހުގައި ތަލްބިޔާކިޔައި އެކަލޭގެފާނުގެ އަރިހުގައި ތަވާފުކޮށް، އެކަލޭގެފާނާއެކު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަޞީބު ލިބުމަކީ، އީމާންކަމުގެ އަހްލުވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެކެވެ. އެހާމެ ބޮޑު ޝަރަފެކެވެ.

 

jamarah

ހައްޖުމަހުގެ ދެން ޖެހިގެން އަންނަ އައްޔާމު ތަޝަރީގު ތިން ދުވަހު ވެސް ޖަމްރާތަކަށް ހިލަ އުކުން އޮވެއެވެ. އެގޮތުން ކުޑަ ޖަމްރާއަށާއި މެދު ޖަމްރާ އަދި ބޮޑު ޖަމްރާއަށް ހިލަ އުކައެވެ. މިކަމަކީ ޝައިތާނާގެ އުނދަގުލުން ސަލާމަތް ވުމަށް ކުރެވޭ ކަމެކެވެ. މިކަން ރަމްޒުވަނީ އިބްރާހިމުގެ ފާނު ﷲގެ އަމަރުފުޅާއި އެއްގޮތަށް ކަންތައް ކުރައެއްވުމުން ދުރުކުރުމުގެ ގޮތުން ޝައިތާނާ ވަސްވާސް ދިނުމަށް ކުރި މަސައްކަތުން ދުރުކުރުމުގެ ގޮތުން ކުރެވުނު ކަންތައްތަކެވެ.

shaving hair

ހަދިޔު ކަތިލުމަށްފަހު، ފިރިހެންނުން ބޯބޭލުން ނުވަތަ ބޯކޮށުން އަދި އަންހެނުން ބޮލުގެ އިސްތަށިން އިންޗިއެއްހާ މިންވަރު ކެނޑުން އޮވެއެވެ.

coke

އާންމުގޮތެއްގައި ހޫނު ބިމެކެވެ. އެހެންކަމުން އޭރުވެސް ފިނި ބުއިންތައް ބުއިމަށް ސަމާލުކަންދޭ ވަރު މި މަންޒަރުން ސިފަވެއެވެ.

މިނާގައި ރޭކުރުމަށް ފަހު އެނބުރި އައިސް ހައްޖުގެ ތަވާފު ކުރެއެވެ. ހައްޖުގެ އަޅުކަމުގެ ބައިތައް އަދާކޮށް ނިމުމުން ދެން އެންމެފަހުން ކުރަނީ ތަވާފުލް ވަދާއު އެވެ. ނުވަތަ ނިމުމުގެ ތަވާފެވެ. އެއާއެކު ހައްޖުގެ އަޅުކަން ނިމެއެވެ.

އިސްލާމީ ތާރީޚުން އެނގޭގޮތުގައި، ކީރިތި ރަސޫލާ ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް މުސްލިމުންނާއެކު މަދީނާއިން ނިކުމެވަޑައިގެންވީ ހިޖުރައިން 10 ވަނަ އަހަރު ޛުލްޤަޢިދާ މަހުގެ 25 ވީ ހޮނިހިރު ދުވަހުގައެވެ. ލައްކައަކަށް ވުރެ ގިނަ މުސްލިމުންނާއެކު އެކަލޭގެފާނު ތަލްބިޔާގައި މައްކާއަށް ވަދެޑައިގެންނެވީ ހައިބަތުން ފުރިގެންވާ މަތިވެރި ޤާފިލާގައެވެ.

ކީރިތި ރަސޫލާ އަދާކުރެއްވި ޙައްޖަށް، ޙައްޖަތުލް ވަދާޢު ކިއުނެވެ. އެއީ އެކަލޭގެފާނު އުންމަތަށް އަލްވަދާޢު ވިދާޅުވި މޭރުމަކުން ޢަރަފާތުގައި ޚުޠުބާ ވިދާޅުވި ޙައްޖު ކަމަށްވުމާއި އަދި އެކަލޭގެފާނުގެ ހަމަ އެކަނި ޙައްޖު ކަމަށް ވުމުން ކަމުގައި ބަޔާންވެގެންވެއެވެ. ޙައްޖަތުލްވަދާޢުގެ ޚާއްޞަ ވެގެން ވަނީ އެއީ އެންމެ މާތް ޙައްޖަށްވުމެވެ. އެއީ އިސްލާމީ އުންމަތުގެ އަހުލުވެރިން މާތް ނަބިއްޔާގެ އަމީރުކަމުގެ ދަށުގައި ކުރި ޙައްޖެވެ.

ޙައްޖަތުލްވަދާޢުގައި އެއްލައްކަ ސާޅީސްހާސް މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުގައި ޙައްޖު ކުރެއްވި ކަމަށް އިސްލާމީ ތާރީޚުން އެނގެން އޮވެއެވެ. އެއިގެ ތެރޭގައި މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބޭކަލުންނާއި ޢަރަބި ޤަބީލާތަކާއި ޤުރައިޝުންގެ ތެރެއިން އިސްލާމްވީ އެތައްބަޔަކާއި އެތައް އަންހެން ބޭކަނބަލުން ވެސް ހިމެނެއެވެ.

ކީރިތި ރަސޫލާ ޢަރަފާތުގައި ދެއްވި ޚުޠުބާ ފެއްޓެވީ ވަރަށް ވެސް އަސަރު ގަދަ ޢިބާރާތަކުންނެވެ. އެއީ އެހާ ގިނަ ޢަދަދެއްގެ މުސްލިމުންނާއެކު އެއް ތަނަކުން، އެއަށް ފަހު ބައްދަލު ނުވެދާނެކަމުގެ އިޝާރާތް ދެއްވަމުންނެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަންނަވާ ވަގުތު އަތުވެއްޖެކަމުގެ އިޝާރާތް ދެއްވަމުންނެވެ. ޢަރަފާތުގައި ޖަބަލުއްރަޙުމާގައި ހުއްޓިވަޑައިގެން ޚުޠުބާ ފައްޓަވަމުން ވިދާޅުވިއެވެ.

"އޭ މާތް ﷲގެ އަޅުތަކުންނޭވެ! ﷲ އަށް ތަޤުވާވެރިވުމަށް ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރަމެވެ. އެކަލާނގެ އަށް ކިޔަމަންތެރިވުމަށް ބާރުއަޅުއްވަމެވެ. މީސްތަކުންނޭވެ! ތިމަންކަލޭގެފާނު މި ވިދާޅުވާ އެއްޗެއް ކަނުލައި އަޑުއަހާށެވެ! މި އަހަރަށް ފަހު މި މަޤާމުގައި ތިޔަބައި މީހުންނާ ތިމަންކަލޭގެފާނު ބައްދަލު ނުވެދާނެއެވެ." ހިތްތައް ފަޅައިގެން ކުދިކުދި ވެގެންދާ ފަދަ ޢިބާރާތެކެވެ. އަމިއްލަ ފުރާނައާއި އަނބިދަރީންނަށް ވުރެ އިތުރު އެކަލޭގެފާނު ދެކެ ލޯބިވާ އަޞްޙާބު ބޭކަލުންނަށް ތަޙައްމުލްކުރަން ދަތިވި ޢިބާރާތްތަކެވެ. އެބޭކަލުންގެ ލޯތަކުން ކަރުނަ ހިލިގެން ދިޔައެވެ.

ޙައްޖުގެ ޚުޠުބާގައި އެކަލޭގެފާނު އިއްވެވި އަސަރުގަދަ ނަސޭޙަތްޕުޅުތަކަކީ އިންސާނީ ޙައްޤުތަކަށް މަގުކޮށައިލި ބަސްފުޅުތަކެވެ. އެ ޚުޠުބާގައިވަނީ އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމަތު ރައްކާތެރިކުރުމާއި މީސްތަކުންގެ މެދުގައި ހަމަހަމަކަން ޤާއިމު ކުރުމާއި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި އަނބިންނަށް ހެޔޮކޮށް ހިތުމާއި ފިރިންނަށް ހެޔޮކޮށްހިތުމާއި މުދަލާއި އަބުރު ޙިމާޔަތްކުރުމާއި ނަސްލީ ތަފާތު ނައްތާލުމާއި ރިބަވީ މުޢާމަލާތްތައް ނައްތާލުމާއި މިފަދަ އެތައް އަސާސެއް ޤާއިމު ކުރައްވާފައެވެ. ކީރިތި ރަސޫލާގެ ޙައްޖަތުލްވަދާޢުގެ ޚުޠުބާއަކީ އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤުވާމީ އެތައް ޤަރާރެއްގެ ރިފަރެންސެއް ކަމުގައި ބުނެވިދާނެކަން މި ބަޔާންކުރަނީ ސާބިތުކަމާއެކުގައެވެ.

ކީރިތި ރަސޫލާ ޙައްޖުގެ ފަރުޟު އަދާކުރެއްވުމަށް ފަހު މަދީނާ އަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަޖަލު ކުޑަތަންވަމުން ދިޔައެވެ.

ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގެންނެވީ ހިޖުރައިން 11 ވަނަ އަހަރު ރަބީޢުލްއައްވަލު މަހުގެ 12 ވީ ހޯމަ ދުވަހުގައެވެ. އެއީ ޙައްޖަތުލްވަދާޢުގެ ދެމަސް ދުވަސް ފަހުންނެވެ. އެކަލޭގެފާނުގެ ސުވަރުގެ ވަޑައިގަތް ދުވަހަކީ އިސްލާމީ އުންމަތަށް އައި އެންމެ ހިތާމަވެރި ދުވަހެވެ. ހިތްތައް ކުދިކުދިވި ފަދައެވެ. މަދީނާގެ ތެރޭގައި އޮތީ ގިސްލާ ރުއިމުގެ އަޑެވެ.

ތިން ދުވަސް ފަހުން ފަސްދާނު ލެވުނީ ސުވަރުގެ ވަޑައިގެންނެވި މަޤާމުގައެވެ. އެއީ އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން މުއުމިންތަކުންގެ މަންމަ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައެވެ. މާތް ﷲ އިތުރު އެކަލޭގެފާނުގެ ޝަފާޢަތް އަޅަމެން އެންމެނަށް މިންވަރު ކުރައްވައި، ދެ ދުނިޔޭގެ ޙަޔާތް ބާއްޖަވެރި ކުރައްވާށިއެވެ. އާމީން

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު