16 ޖަނަވަރީ 2025

ގޯތި ލިސްޓަށް އިތުބާރު އެބައޮތްތަ؟

މިދިޔަ ހޯމަ ދުވަހު، ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓް ސަރުކާރުން ޢާންމު ކުރުމާ ގުޅިގެން އެ ލިސްޓާ މެދު ފާޅުކުރެވޭ ޚިޔާލުތަކަށް ބަލާއިރު، އެ ލިސްޓްގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަވެއެވެ. އެ ލިސްޓާމެދު ހިތްހަމަ ނުޖެހިގެން، އެތައް ބައެއްގެ އެތައް އިހްސާސްތަކެއް މީސްމީޑިއާއަށް ބަންޑުންކޮށްލަމުންދާއިރު، އެ ލިސްޓާމެދު ނުތަނަވަސްކަން ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ގޯތި ލިބުނު ފަރާތްތަކާއި ސަރުކާރަށް ތާޢީދު ކުރާ ފަރާތްތަކަށް އެލިސްޓަށް ރުހުން ދިން ކަމުގައިވިޔަސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޯތި ލިބުނު ވާހަކައާއި, މަހުޖަނުންނަށް ގޯތި ލިބުނު ވާހަކައާއި، އެކްޓިވިސްޓުންނަށް ލިބުނު ގޯތީގެ ވާހަކަތަކުގެ އަޑު މާ ބޮޑަށްވެސް އެބަ ގުގުމައެވެ. ސަރުކާރާ އެއްކޮޅު މީހުންނާ ދެކޮޅު މީހުންނަށް ގޯތި ލިބުނު ގޯތީގެ ވާހަކަވެސް ހަމަ މިމޭރުމުން އެބަ ދައްކައެވެ. ނިކަމެތި ޙާލުގައި އުޅެމުންދާ ރައްޔިތު މީހާއަށް ގޯތި ނުލިބި، މަހުޖަނުންނާއި ބިންވެރިންނާއި މަތިވަޑީގެ މީހުންނަށް ގޯތި ލިބުމުން ފާޅުކުރާ އިޙްސާސްތައް ދައުރުވަމުން އެބަދެއެވެ.
ކޮންމެ ކަމެއްގައިވެސް ޝުޢޫރު ދެކަފިވާނެއެވެ. މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތި ޙައްޤުވާ ފަރާތްތަކަށް ގޯތި ލިބިފައި ނުވާކަމުގެ ޝަކުވާތަކުގެ އަޑު މާގަދަކަން ފާހަގަަވެއެވެ. އެފަރާތްތަކުގެ ޙައްޤުގައި ވަކާލާތުކުރަމުންދާ މީހުންގެ ވާހަކަތަކުގައި ޤަބޫލުކުރޭ އޮށްޓަރު ހުރި މަޢުލޫމާތުތަކެއް އެބަ ތިލަވެއެވެ.
ހާސްކަމުގެ ތެރޭގައި ކުދިކުދި ތަންތަން ކޮޅުގައި، ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެމްޑީޕީގެ ސަރުކާރުން ގޯތި ދިނުމުގެ ނަމުގައި އިޢުލާންކޮށްފައިވާ ލިސްޓުން ތަސައްލީއެއް ލިބިގެން ދިޔައީ މާލޭގެ ކިތައް ރައްޔިތުންނަށް ހެއްޔެވެ؟ އީދު ބޯމަތިވެފައި އޮތްވައި، މާލޭގެ ރައްޔިތުންނަށް ސަރުކާރުން ދެއްވި ހަދިޔާކަމަށްވާ، 10000 ގޯތީގެ/ބޯހިޔާވަހިކަމުގެ ސްކީމް އާމެދު ރާއްްޖޭގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރަމުންދަނީ ކީއްވެ ހެއްޔެވެ؟ ސޯޝަލް މީޑިއާގައި އަދި މާލޭގެ އާއިލާތަކާއި ރައްޔިތުންގެ މެދުގައި މި ބަހުސް ހުއްޓުމެއް ނެތި ހިނގަމުންދަނީ ކީއްވެ ހެއްޔެވެ؟
އެމްޑީޕީ ވެރިކަމަށް ގެނައުމަށް ފޫގަޅާލައި، 2018 ގައި ވޯޓުލީ މާލޭގެ ޢާއިލާތަކުގެ މީހުންވެސް އެމްޑީޕީގެ ވެެރިކަމުގައި ނެރުނު ގޯތީގެ ލިސްޓާމެދު ހިތްހަމަ ނުޖެހި ޝަކުވާ ކުރަމުންދާއިރު، އެ ލިސްޓް ޢާންމުކުރުމުގެ ކުރިން ދިރިއުޅުމުގެ ޙާލަތު ބަލާލަންވެސް ގެއަކަށް ވަދެލާފައި ނުވާކަމަށް ބުނެއެވެ.
އިންޑިޔާގެ ރައްޔިތެއްކަމުގައިވާ، ހަބީބު ރަޙްމާން މުޙައްމަދު ހަނީފްއަށް ގޯތި ލިބިފައިވަނީ އޮޅުމަކުން ކަމަށް ހައުސިންގ މިނިސްޓްރީގެ އިސްބޭފުޅުން ހާމަކޮށްފައިވެއެވެ. ބިމަކީ ސަމާސާއެއް ނޫނެވެ. ޚާއްސަކޮށް މާލޭ ސަރަޙައްދުގައި އެންމެ އަކަ އިންޗިއަކީވެސް އަގުބޮޑު "ރަންގަނޑެ"ކެވެ. މިވަރު ބޮޑު އަދި ޚައްސާސް ކަމެއް އިޢުލާން ކުރެވިގެންދާންވާނީ، ވަރަށް ބޮޑަަށް ޗެކު ކުރެވި ދިރާސާތައް ހެދިގެން ކަމަށް ޤަބޫލުކުރަންޖެހެއެވެ. 2019 ގައި އެ އިންޑިޔާ މީހާއަށް ދިވެހިރާއްޖޭގެ ސިޓިޒަންޝިޕް ލިބުނީ ކިހިނެތްތޯއާއި، ހަމަ އެންމެ ފުރަތަމަ މިސަރުކާރުން އިޢުލާން ކުރި ގޯތީގެ ލިސްޓްގައި އޭނާގެ ނަން އޮތުމަކީ ކޮން ކަހަލަ އިއްތިފާޤެއްތޯ، އެއީ ކޮން ޝަރުތެއް ފުރިހަމަވެގެންތޯ އެބަ ބަލަންޖެހެއެވެ.
އޭނާގެ އިތުރުން އަނެއްކާ ދެވަނަ އަދި ތިންވަނަ އިންޑިޔާ މީހެއް ވެސް ގޯތީގެ ލިސްޓްގައި ހިމެނިފައި އޮންނާން މިޖެހުނީ ކޮން ޙާލަތެއް މެދުވެރިވެގެންތޯ ބަލަންޖެހެއެވެ. ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ އެތަކެއް ބިދޭސީންނެއް އެތައް ޒަމާނެއް ވަންދެއް އުޅެއުޅެ ރާއްޖެއިން ސިޓިޒަންޝިޕް ނުލިބިގެން އުޅޭއިރު، މި މީސްމީހުންނަށް ސިޓިޒަންޝިޕް ލިބި، ރާއްޖޭގެ ހަފޮޅުގައި ހިނގާ ކޮންމެެ ކަމެއްގެ ފާއިދާއާއި އިމްތިޔާޒުތައް، މި ލިބެނީ ކޮން އުސޫލަކުން، ކޮން އަސާސެއްގެ މައްޗަށް ބުރަވެގެންތޯ ވިސްނާ ނަޒަރު ހިނގާން މިއަދު އޮތީ ޖެހިފައެވެ.
މިސަރުކާރުގެ ގޯތި ސްކީމްގައި ޕޮއިންޓް ދޭ އުސޫލު އާންމު ރައްޔިތުންނަށް އެހާ ސާފުކޮށް މޭރުން ވެފައި ނެތުމުންވެސް ޝަކުވާތައް ބަންޑުންވާނެއެވެ. އެހެންނަމަވެސް، މާލޭގެ ރައްޔިތުންނާއި އަދި ޖުމްލަކޮށް ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ބޯހިޔާވަހިކަން ނެތިގެން އުޅޭއިރު ގޯތި ސްކީމުން އިންޑިޔާ ރައްޔިތުންތަކަކަށް ގޯތި ލިބިފައިވާ ކަން ލިސްޓް އިޢުލާން ކުރިއިރު އޮތުމުން، އެ ލިސްޓާމެދު ރާއްޖޭގެ ރައްޔިތުންގެ ސުވާލު އުފައްދާނެ ޖާގަ އެބައޮތެވެ.
2019 ގައި ސިޓިޒަންޝިޕް ލިބި، އެންމެ ފަސް އަހަރު ރާއްޖޭގައި އުޅުނު މީހަކަށް، ދަތިޙާލުގައި އުޅެމުންދާ ތޮއްޖެހިފައިވާ މާލޭގެ އެތައް ރައްޔިތުންތަކެއް ބާކީކޮށް އެ ލިސްޓްގައި އެ ބިދޭސީންގެ ނަން އޮތުމަކީ ކަންބޮޑުވާންޖެހޭނެ ކަމެކެވެ.
2023 ވަނަ އަހަރުގެ ރިޔާސި އިންތިޚާބަށް ކުޑަތަންވެފައިވާ މި ދަނޑިވަޅުގައި ބިންވެރިޔާ ސްކީމްގެ ދަށުން ބޯހިޔާވަހިކަން ކަށަވަރުވި ލިސްޓް ސަރުކާރުން އިޢުލާން ކުރެއްވިއިރު، އެ ގޯތި ލިބެނީ ކޮންތާކުން ކޮން އިރަކުން ކަމެއް ނޭނގޭއެވެ. އެ ލިސްޓްގައި އަދި ނަން އޮތް ކަމުގައިވިޔަސް ބިމެއް ނެތި، ގޯތި ދެވޭނީ ކިހިނަކުންތޯ ބުނެ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އެހެންކަމުން، ސަރުކާރުން އާންމުކޮށްފައިވާ ގޯތީގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގައި، ގޯތި ޙައްޤުވާ ފަރާތްތަކުންނާއި، އެހެން މީހުންގެ ޙައްޤަށްޓަކައި ދެން ތިބި މީހުންވެސް ޝަކުވާ ހުށަހެޅުމަށް ސަމާލުކަން ދޭން އެބަ ޖެހެއެވެ. އަދި، މި ލިސްޓާމެދު އިތުބާރު ޤާއިމުކުުރުމަށްޓަކައި، ރަގަޅަށް ޗެކުކުރުމަށްފަހު ިލިސްޓް މުރާޖައާކޮށް، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ލިސްޓް ފައިނަލް ކުރެވުނު ގޮތްތައް ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމުގައި ދެކެމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު