"ޔާމީނެއްވެސް ނޫން" "ނަޝީދެއްވެސް ނޫން" ޕީޕީއެމް ލީޑަރޝިޕް ހޫނުވެއްޖެ!

ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ އިތުރުން ކުރީގެ ރައީސް ޔާމީން ވެސް ވާދަ ނުކުރައްވާނެ ކަމަށް ބުނެ ނަޝީދުގެ ހިއްސާ އޮންނަ "އޯޝަން ވީކްލީ" ގައި ޖެހި ސުރުހީއަކާ ހުރެ ޕީޕީއެމްގެ ސެނެޓު މެންބަރުން ތެރޭ ބަހުސް ހޫނުވެ އެކަމާ ދެކޮޅަށް ވާހަކަ ދައްކަން ޖެހޭނެ ކަމަށް ބުނެ ޕާޓީގެ ލީޑާޝިޕަށް ޕްރެޝާކުރަން ފަށައިފިއެވެ.

ޕީޕީއެމްގެ ބައެއް މެންބަރުން ހިތްހަމަނުޖެހުނީ, އެ ޕާޓީ އާއި ދަ ޑިމޮކްރެޓްސްއިން އެއް ކެންޑިޑޭޓެއް ނެރޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދާތީއެވެ. އަދި, މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އިންތިހާބުގައި ވާދަނުކުރެއްވިއްޖެ ހާލަތެއްގައި ޕީޕީއެމް/ޕީއެންސީން އެހެން ކެންޑިޑޭޓެއްގެ ފަހަތަށް އަރާނެ ކަމަށް ބުނަމުން ދާތީއެވެ.

ޕީޕީއެމްގެ ލީޑާޝިޕުން މިދިޔަ ހަފްތާގެ ތެރޭގައި "އޯޝަން ޕަބްލިޝާޒް" ގެ އޮފީހުގައި ޑިމޮކްރެޓްސްގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވާއިރު ޑިމޮކްރެޓްސްގެ މެންބަރުން ވަނީ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ދެ ވަނަ ބައްދަލުވުން ބާއްވައިފައެވެ. މަޝްވަރާތައް ކުރިއަށް ދަނިކޮށް، ނަޝީދުގެ ލިޔުންތައް ވެސް ޝާއިއުކުރާ "އޯޝަން ވީކްލީ" ގެ މިއަދުގެ އަދަދުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނީ ނަޝީދާއި ޔާމީނެއް ވެސް ނޫން ކަމަށާއި ނުކުންނަވާނީ ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓެއް ކަމަށެވެ.

މިކަމާއި ގުޅިގެން ހިންހަމަ ނުޖެހުން ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރޝިޕާއި ގިނަ ބޭފުޅުން ދަނީ ފާޅު ކުރަމުންނެވެ. ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ މިހާރު އޯޝަން ވީކްލީ ވެސް ހުވަފެނީ ވާހަކަ ދައްކަންފެށީތޯ ސުވާލު ކޮށްފައެވެ. އޭނާ ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީނަކީ އެންމެ ފުރަތަމަ ޕާޓީ އަކުން 2023 އަށް ދެއްކި ރިޔާސީ ކެންޑިޑޭޓު ކަމަށެވެ.

ޕީޕީއެމް ސެނެޓްގެ މެންބަރެއް ކަމަށްވާ ހަމްދާން ޝަކީލް އެ ގްރޫޕްގައި ވިދާޅުވީ އޯޝަން ވީކްލީ އަކީ ނަޝީދު ހިންގަވާ ނޫހެއް ކަމަށާއި އެ މަނިކުފާނުގެ ޕާޓީއާ އެކު މަޝްވަރާތައް ފަށާފައި ވަނިކޮށް ގުޅިފައިވާ ކެނޑިޑޭޓެއް ނެރޭ ވާހަކަ ދެއްކުމުން ޕީޕީއެމް އިން ހަނު ހުރެގެން ނުވާނެ ކަމަށެވެ. އެފަދަ ކަންކަން އެގޮތަށްވާ ނަމަ އާންމު މެންބަރުން ޕީޕީއެމަށް ކުރާ އިތުބާރު ގެއްލޭނެ ކަމަށާއި އެ މައްސަލާގައި ޕާޓީން ބަޔާނެއް ވެސް ނެރެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވެސް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ. އެއްވެސް ޕާޓީއަކަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓުގެ ވާހަކަ ދައްކަން ޖެހޭ ސަބަބެއް މެދުވެރިވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސެނެޓްގެ މެންބަރެއް ކަމަށްވާ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ވިދާޅުވެފައި ވަނީ އޯޝަން ވީކްލީގައި އެ އޮތީ ނަޝީދު ބޭނުންފުޅުވާ ގޮތް ކަމަށާއި މި ލިޔުން ފެނި ޕީޕީއެމްގެ އާންމު މެންބަރުން ކަންބޮޑުވާނެ ކަމަށެވެ.

ޕީޕީއެމްގެ އިތުރު މެންބަރަކު ބުނީ ޑިމޮކްރެޓްސް އިން ދެކެމުން އަންނަނީ ސީދާ ނުވާނެ ހުވަފެނެއް ކަމަށެވެ. ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ރައީސް ޔާމީން ނޫން ކެންޑިޑޭޓަކު ނެރެން ގަސްތު ނުކުރާކަމަށް ތަކުރާރުކޮށް އެ ޕާޓީގެ މެންބަރުން ވިދާޅުވަމުން ދިޔަ ނަމަވެސް, އެ ޕާޓީން ވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އެ މަގާމުން ދުރުކުރުމަށް ދަ ޑިމޮކްރެޓްސްއާއެކު އިއްތިހާދުވެފައެވެ. އެއާއެކު, ދެ ޕާޓީން ގުޅިގެން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު