ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ވޯޓަރސް ލިސްޓު ގަޑުބަޑުކޮށް، ލިސްޓަށް މަކަރު ހެދޭނެ އެއްވެސް ޖާގައެއް ނޯންނާނެކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
ހަބީބް މިހެން ވިދާޅުވީ ލިސްޓު ގަޑުބަޑު ކުރަން އުޅޭކަމަށް ބުނެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ. ރުކުމާ ވިދާޅުވީ 2019 ވަނައަހަރު ރައްޔިތުންގެ މަޖިލިސް އިންތިޙާބަށް އާންމުކުރި ވޯޓަރސްލިސްޓްގައި ނަންނެތް، 2023 ރިޔާސީ އިންތިޙާބަށް އާންމުކުރި ވޯޓަރސް ލިސްޓްގައި ނަންއޮތް 500 އެއްހާ މީހުން މިލިސްޓުން ފެންނަ ކަމަށެވެ. ލިންކާއިއެކު އެނާ ހިއްސާ ކުރި ލިސްޓް ފިލްޓަރ ކޮށްފައިއެވަނީ 24 އަހަރުން މަތީގެ މީހުން އެކަނި ކަމަށާއި، އިތުރުވީ މީހުންގެތެރޭ ގިނައީ މަރުވެފައިތިބި މީހުންކަމަށް އޭނާ ބުންޏެވެ. މި ލިސްޓުގައި ރަށްވެހިކަން ބަދަލުކުރި މީހުންނާއި އަދި ދިރިތިބި މީހުން މަދުންނަމަވެސް ހިމެނޭކަމަށް ރުކުމާ ވަނީ ބުނެފައެވެ.
ރުކުމާގެ ވާހަކަތަކަށް ރައްދު ދެއްވައި ހަބީބް ވިދާޅުވީ ވޯޓުލާމީހުންގެ ލިސްޓަކީ ސިއްރުން ގެންގުޅޭ އެއްޗެއްނޫން ކަމަށާއި، މަޖިލިސް މެމްބަރުން ހެއްދެވި ގާނޫނުގައި އޮންނަގޮތަށް، ލިސްޓު ގެޒެޓުކޮށް ޕާޓީތަކަށް ލިސްޓު ފޮނުވައި، ހުރިހާ ރަށެއްގައި ލިސްޓު ޢާންމުކޮށް ޝަކުވާއަށް ހުޅުވާލައި، ޝަކުވާ އާ ގުޅިގެން އަންނަ ބަދަލުވެސް ގެޒެޓު ކުރަމުން، އިސީގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވެސް ފަހިވެފައި އޮންނަ ކަމަށް ހަބީބު ވިދާޅުވިއެވެ.
ވޯޓުލާ ދުވަހު މިހާރު ގެޒެޓު ކޮށް ޢާންމުކޮށް ކެންޑިޑޭޓުން ސޮއިކޮށް ފައިނަލަށް ކުރެވޭ ލިސްޓު ނޫން ލިސްޓެއް ނޯންނާނެ. ކެރިގެން ޔަޤީންކަމާއެކީގައި މިދަންނަވަނީ ތިޔަހީފުޅު ކުރައްވާ ޒާތުގެ ކަމެއް ހިނގާކަށް އެއްވެސް ފުރުސަތެއް ނެތް. ވަރަށް ހެޔޮދުޢާ.
– ހަބީބް ވިދާޅުވިއެވެ.
އަޅުގަނޑު ގެ ލޮބުވެތި އަޚް، އަދި އަޅުގަނޑުމެން ދާއިރާގެ ކުރީގެ އިއްޒަތްތެރި މެންބަރު މިއަދުގެ ހުކުރު ޚުތުބާ އަޑުއައްސަވާފައިވާނޭ ކަމުގައި އަޅުގަނޑު ޔަޤީން ކުރަން.
ތިޔަ ވިދާޅުވާ ޒާތުގެ ކަމެއް ވޯޓުލާމީހުންގެ ލިސްޓަށް ގެނައުމުގެ އެއްވެސް ފުރުސަތެއް މިހާރަކު ނޯންނާނެ.
ވޯޓުލާމީހުންގެ… https://t.co/aR9DH8cupn— Ismail Habeeb (@IsmailHabeeb) June 30, 2023
ޝަކުވާގެ މުއްދަތުގައި ވޯޓަރސް ލިސްޓަށް ޖުމްލަ 551 ޝަކުވާއެއް ހުށަހަޅާފައިވެއެވެ. އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 11 ވަނަ ދުވަހު އާއްމުކުރެއްވި ދާއިމީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދެއްވާފައެވެ. އެއީ މިމަހުގެ 11 އިން 22 އަށެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 551 ޝަކުވާއެއް ލިބިފައިވާއިރު މީގެ ތެރޭގައި މައިގަނޑު 6 ވައްތަރެއްގެ ޝަކުވާ ހިމެނެއެވެ. އަދި އެންމެ ގިނައިން ކޮމިޝަނަށް ހުށަހަޅާފައިވަނީ ނިޔާވެފައިވާ މީހުންގެ ނަން ލިސްޓުގައި އޮވެގެންނެވެ.
ޝަކުވާގެ މުއްދަތުގައި އެކޮމިޝަނަށް ހުށަހެޅުނު ހުރިހާ ޝަކުވާއަކަށް މިހާރު ޖަވާބުދީ ނިމިފައިވާކަމަށެވެ. އަދި ލިބުނު ޝަކުވާތަކާ ގުޅިގެން، ވޯޓުލާ މީހުންގެ ލިސްޓަށް އަންނާނެ ބަދަލު މި ހަފްތާތެރޭގައި ގެޒެޓް ކުރެވޭނެކަމަށާއި، ވޯޓުލާ މީހުންގެ އެންމެ ފަހުގެ ލިސްޓުވެސް ޢާންމު ކުރާނެކަމަށް ޙަބީބު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލެވޭނީ މި ލިސްޓުގައި ތިބި މީހުންނަށް އެކަންޏެވެ. އިންތިޚާބެއްގެ އެންމެ މުހިންމު އެއް އަސާސް ބިނާވެގެންވަނީ ވޯޓުލާމީހުންގެ ލިސްޓަށް ކަމަށްވާތީ، މި ލިސްޓުގެ ސައްޙަކަން ކަށަވަރު ކުރުމަކީ ޕާޓީތަކުންނާއި، ކެންޑިޑޭޓުންނާއި، ކައުންސިލްތަކުން އަދި ފަރުދީގޮތުންވެސް ކުރުން މުހިންމު ކަމެކެވެ. ޙަބީބް ވަނީ ވޯޓުލާ މީހުންގެ ސައްޙަ ލިސްޓެއް ތައްޔާރުކުރުމަށްޓަކައި، ޕާޓީތަކުންނާއި، ކައުންސިލްތަކުންނާއި، އިލެކްޝަންސް ފޯކަލް ޕޮއިންޓުން އަދި ފަރުދީގޮތުން ލިބުނު އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ.
މިއަހަރު ބާއްވަވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުންނަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވައި، ރިޔާސީ އިންތިޚާބުގެ ޤަވާޢިދު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޢާންމުކުރައްވާފައެވެ.
އެގޮތުން އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 5 ވަނަ ދުވަހާ ހަމައަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުއްވާލެއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމަވާފައެވެ. މި މުއްދަތުގެ ތެރޭގައި އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭނީ ޖުލައި 16 އިން ފެށިގެން ޖުލައި 29 ގެ ނިޔަލަށެވެ. އަދި ޖުލައި 30 އިން ފެށިގެން އޯގަސްޓް 5 އަކަށް ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމުން އެކަނިކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.