16 ފެބުރުވަރީ 2025

މޯދީގެ މާލި ނެރުނީ އިންޑިއާއިމެދު ނަފްރަތު އުފެއްދުމަށް: ސަރުކާރު

އަވަށްޓެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖްތަމަޢުއާއެކު ރާއްޖެއިން ބާއްވާ ގުޅުމަށް ހީނަރުކަން އަންނަފަދަ އަމަލުތަކުން ދުރުހެލިވުމަަށް ދިވެހި ސަރުކާރުން އިލްތިމާސްކުރައްވައިފިއެވެ.

ދިވެހި ސަރުކާރުން މިކަމަށް އިލްތިމާސްކުރެއްވީ އަޟްޙާ ޢީދު ފާހަގަކުރުމުގެ ނަމުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީން ހިންގި ހަރަކާތެއްގައި، އަވަށްޓެރި އިންޑިއާއާއި އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާމެދު ނަފްރަތު އުފެދޭގޮތަށް ހިންގި އިޚްތިރާމްކުޑަކުރުމުގެ އަމަލުތައް ކުއްވެރިކުރައްވާ ނެރުއްވި ބަޔާނުގައެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރުގެ ފޮޓޯޖެހި މާސްކުތަކެއް އަޅައިގެން ހިންގި އިހްތިރާމްކުރުމުގެ އަމަލު ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށެވެ. އަދި "އިންޑިއާ އައުޓް" ނަމުގައި އެކިއެކި ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ފެތުރުމަށް ހިންގާ އަމަލުތައްވެސް ކުއްވެރިކުރައްވާކަމަށް ބަޔާނުގައިވެއެވެ.

ސަރުކާރުން ވިދާޅުވީ ޢީދު ފަދަ މާތް މުނާސާބާއެއް ފާހަގަކުރުމުގެ ނަމުގައި، ރާއްޖެއާ އެންމެ ގާތް ޤައުމާއި އެ ޤައުމުގެ ވެރިންނާއި ދެކޮޅަށް ހިންގި ދަށުދަރަޖައިގެ އަމަލަކީ ހަމައެކަނި ނަފްރަތު އުފައްދަން ހިންގި އަމަލެއް ނޫންކަމަށެވެ. އަދި އެފަދަ ދެކޮޅުވެރިކަން ދެއްކުމުގެ އަމަލުތަކަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް ބުރޫއެރުވުމުގެ މަޤްޞަދުގައި ހިންގާ އަމަލުތަކެއްކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

ބޮޑު އީދު ފަދަ އުފަލާއި ހިތްހަމަޖެހުން ގެނުވައިދޭ މުނާސަބަތެއްގައި ހިންގި މިފަދަ ގަދަރު ކުޑަ އަމަލުތަކުން ހަމައެކަނި ހިތްވަރުދެވެނީ ނަފްރަތަކަށް ނޫން. މިއީ ރުޅިވެރިކަން ފަތުރައި ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ގާތް ގުޅުން ނައްތާލުމަށް ކުރި ކަމެއް.

– ބަޔާނުގައިވެއެވެ.

ސަރުކާރުން ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް، އަދި އެންމެ އިތުބާރުކުރެވޭ އަވަށްޓެރި ޤައުމުކަމަށާއި، ރާއްޖެއަށް ބޭނުންވާ ހުރިހާ ދާއިރާއަކުން އަބަދުވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. އަދި މިިދިޔަ 5 އަހަރު ތެރޭގައި ދެ ޤައުމުގެ ލީޑަރުންގެ ވަރުގަދަ މަސައްކަތްތަކާއެކު ރާއްޖެއާއި އިންޑިއާގެ ގުޅުން އައު އުސްމިންތަކަކަށް ގޮސްފައިވާކަމަށްވެސް މި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ސަރުކާރުގެ ބަޔާނުގައި ވަނީ ރާއްޖެއާއި އެހެން ޤައުމުތަކާއެކު އޮންނަ ގުޅުމަށް ހީނަރުކަން އަންނާނެފަދަ ދަށުދަރަޖައިގެ އަމަލުތަކުން ދުރުހެލިވެ، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު