ރާއްޖެއިން ޙައްޖަށްދިޔަ އިތުރު ޙައްޖުވެރިއަކު ނިޔާވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ދ.މާއެނބޫދޫ، ފިޔާތޮށިގޭ، ޢުމުރުން 72 އަހަރުގެ ޢަލީ ޙަސަން ނިޔާވެފައިވާކަމަށެވެ. އޭނާ ނިޔާވީ ސަޢުދީގެ ޖާމަން ހޮސްޕިޓަކުގައި ފަރުވާދެމުން ދަނިކޮށް ރާއްޖެގަޑިން ރޭ އިރުއޮއްސި 18:17 ހާއިރުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
ޢަލީ ޙަސަން އަކީ، ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖުވެރިންގެ ތެރެއިން ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުންއައި ދެމީހުންގެ ތެރެއިން އެކަކެވެ.
އަލް ޙަރަމައިން ޙައްޖު ގްރޫޕްގެ ޙަވާލުގައި ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖުވެރިއަކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނިޔާވެފައި އޮއްވާ ވަނީ ފެނިފައެވެ. ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނީ ރ. މާކުރަތު މަލަ، އުމުރުން 72 އަހަރުގެ މުޙައްމަދު ނަސީމް ޢަލީއެވެ. މުޙައްމަދު ނަސީމް ޢަލީ ނިޔާވެފައި އޮއްވާ ފެނުނީ ނޫރު ފަރުބަދައާ ދިމާލުން ބުރާސްފަތި ދުވަހުގެރޭ ދަންވަރު 1:55 ހާއިރުކަމަށެވެ. އަދި އޭނާ ފެނިގެން ހޮސްޕިޓަލަކަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަން ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.