Saturday, 15 June 2024

ސްޕޯޓްސް ކައުންސިލާއި، ކަމިޝަނަރ ސްޕޯޓްސްގެ ދައުރު ހަމަވެ، މަސައްކަތް ހުއްޓިފަ!

ކުޅިވަރު އެސޯސިއޭޝަންގެ ކަންކަމުގައި އެންމެ ފަހު ބަސް ބުނުމަށް އެކުލަވާލައިވާ ނެޝަނަލް ސްޕޯޓްސް ކައުންސިލާއި، ކުޅިވަރު ޖަމިއްޔާތަކުގެ ބަލަދުވެރި ފަރާތް ކަމިޝަނަރ އޮފް ސްޕޯޓްސްގެ ދައުރު ހަމަވެ، މަސައްކަތް ހުއްޓުމަކަށް އަތުވެއްޖެއެވެ.

ކުޅިވަރު ގާނޫނުގައިވާ ގޮތުން ކޮމިޝަނާ އޮފް ސްޕޯޓްސްގެ ހަތަރު އަހަރުގެ ދައުރު، ހީނާ އަހުމަދު ސަލީމް ހުންނެވިތަނަށް ހަމަވެފައިވަނީ މިދިޔަ މޭމަހުގެ 22 ވަނަ ދުވަހަށެވެ. އެހެންވެ، ސްޕޯޓްސް ކޮޮމިޝަނަރެއްގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވީ ސްޕޯޓްސް ކައުންސިލުގެ ނައިބު ރައީސާ އަލްއުސްތާޒާ އައިޝަތު ސަމާއެވެ. ނަމަވެސް ޤާނޫނުގައި 4 އަހަރުގެ ދައުރު ހަމަވެ، ސްޕޯޓްސް ކައުންސިލްގެ ޤާނޫނީ މުއްދަތުވެސް ހަމަވެ، މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަކީ 2015 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން ތަސްދީގް ކުރެއްވި ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ މަގާމެކެވެ. ކުޅިވަރު ގާނޫނު ބުނާ ގޮތުން ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުލަބްތައް ސްޕޯޓްސް ކޮމިޝަންގެ ބެލުމުގެ ދަށަށް ގެނެސް އެ އޮފީހުން ބަލަހައްޓަން ޖެހޭއިރު، އެ ޒިންމާ ބޮލުގައި އެޅުއްވިފައިވާ އިސް ފަރާތަަކީ ކޮމިޝަނާ އޮފް ސްޕޯޓްސްއެވެ.

ސްޕޯޓްސް ކައުންސިލަކީ 11 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. 5 މެންބަރުން އައްޔަން ކުރާނީ ޔޫތް މިނިސްޓަރެވެ. އެއީ ޤާނޫނީ ވަކީލަކާއި ދެ އަންހެން މެންބަރުންނާއި ޔޫތް މިނިސްޓްރީގެ ދެ ބޭފުޅުންނެވެ. ދެން އެ ކައުންސިލްގައި ތިބޭނީ އޮލިމްޕިކް ކުޅިވަރުތަށް ތަމްސީލް ކުރާ ދެ މެންބަރުންނާއި، އޮލިމްޕިކް ނޫން ކުޅިވަރުތައް ތަމްސީލް ކުރާ ދެ މެންބަރުންނާއި، އެޑިޢުކޭޝަން މިނިސްޓަރ އައްޔަން ކުރައްވާ މެންބަރަކާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ކަނޑައަޅާ މެންބަރެކެވެ. ނެޝަނަލް ސްޕޯޓްސް ކައުންސިލްގެ މައިގަނޑު މަސްޢޫލިއްޔަތަކީ ޔޫތް މިނިސްޓަރަށް މަޝްވަރާއާއި ލަފާ ދިނުމެވެ.

ކުޅިވަރު އެސޯސިއޭޝަންގެ ކަންކަމުގައި އެންމެ ފަހު ބަސް ބުނުމަށް އެކުލަވާލައިވާ ނެޝަނަލް ސްޕޯޓްސް ކައުންސިލްގެ މުއްދަތު ހަމަވީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ކުޅީވަރު ވުޒާރާގެ އެންމެ މުހިންމު ދެ ގުނަން ހުއްޓުމަކަށް އައިސްފައި އޮތް ނަމަވެސް އެތަންތަނަށް މީހުން އައްޔަންކޮށް، އެތަންތަނުން ކުރަންޖެހޭ މަސައްކަތް ކުރުމަށް މަބޮޑު އިސްކަމެއް ކުޅީވަރާއިބެހޭ ވަޒީރު ދެއްވާ ތަނެއް ނުފެނެއެވެ. ކަމިޝަނާ އޮފް ސްޕޯޓްސްގެ މަޤަމު ހަމަވެފައިވާތާ ދޮޅުމަސް ވެގެންދާއިރު އެކަމާއި އެއްވެސް ވަރަކަށް އުޅޭތަނެއް ނުފެނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަޤާމަށް އައްޔަން ކުރުމަށް އެކީ ބޭފުޅުންނާއި މަޝްވަރާ ކުރެވުނު ނަމަވެސް އެއްވެސް ބޭފުޅަކު އެމަޤާމަށް ދިއުމަށް އެއްބަހެއް ނުވެއެވެ.

ސްޕޯޓްސް ކައުންސިލްގެ މުއްދަތު ހަމަވާކަން ދުރާލައި އެނގުނު ނަމަވެސް އެމަސައްކަތް ނުކުރެވި ވަނީ ޤާނޫނީ ހުސްކަމަކަށް ގޮސްފައެވެ. މިއީ މިދެ ގުނަންގެ މަސައްކަތް ޤާނޫނީ ހުސްކަމަކަށް ދިޔަ ފުރަތަމަ ފަހަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު