Monday, 07 October 2024

މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތަށް 48.1 މިލިއަން ރުފިޔާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ މޭ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 48.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މީރާ އިން ބުނެފައިވަނީ މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ޢަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 11.4 އިންސައްތަ އިތުރުވެފައި ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އަދި މި އަހަރުގެ މެއި މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 48،129،659 ރުފިޔާ ލިބިފައިވާ ކަމަށްވެސް ބުނެއެވެ. މީގެ ތެރޭގައި 48،109،756 ދިވެހި ފައިސާއިން ދައްކާފައިވާއިރު 1300 ޑޮލަރު ވެސް ވަނީ ދައްކާފައެވެ.

މުދަލު ޒަކާތުގެ ގޮތުގައި ޖެނުއަރީ މަހު ލިބިފައިވަނީ 5.1 މިލިއަން ރުފިޔާ، ފެބްރުއަރީ މަހު ލިބިފައިވަނީ ފަސް މިލިއަން ރުފިޔާ، އަދި މާޗް މަހު ލިބިފައިވަނީ 11.1 މިލިއަން ރުފިޔާ އެވެ. މީގެ އިތުރަށް މުދަލު ޒަކާތުގެ ގޮތުގައި އޭޕްރީލު މަހު 22.3 މިލިއަން ރުފިޔާ ލިބިފައިވާއިރު މޭ މަހު ލިބިފައިވަނީ 4.5 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. އަދި އެ މިނިސްޓްރީން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައި ވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައި 7312.55 ރުފިޔާގެ އަދަދަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު