ހައްޖުގެ އަޅުކަން އަދާކޮށް ނިމުނު ފަހުން ދިވެހި ހައްޖާޖީއަކު ރޭ އިތުރު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ގޮސް އުޅެނިކޮށް ނިޔާވީ، ނ. ހޮޅުދޫ މީހެއް ކަމަށްވާ ގާސިމް އިބްރާހިމް، 70، އެވެ. އޭނނާ ނިޔާވީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރިފަހުންކަމަށް އެނގިފައިވެއެވެ.
މިއީ މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަނިކޮށް ނިޔާވި ތިން ވަނަ ދިވެއްސެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ދ. މާއެނބޫދޫ، ފިޔާތޮށިގޭ، އަލީ ހަސަން، 72، ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.
އޭގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމް އަލީ، 72، ވެސް ނޫރު ފަރުބަދަ ކައިރި ނިޔާވެފައި އޮއްވާ ފެނިފައިވެ އެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދާތާ ހަތަރު ދުވަސް ފަހުންނެވެ.
މިފަހަރުގެ ހައްޖުގެ އަޅުކަމާ ދިމާކޮށް އާދަޔާ ހިލާފަށް ސައުދީ އަރަބިއްޔާގައި ވަނީ ހޫނުގަދަވެފައިވާއިރު ހޫނުގެ އަސަރުކޮށްގެން 2000 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދީފައިވެއެވެ. އަދި 230 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.