ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން ތައްޔާރުވަމުންދާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައިދިނުމަށް މަޖިލީހަށް ހުށަހެޅީ މަޖިލީހުގެ ސާފު މެޖޯރިޓީ އޮތް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ. ރައްޔިތުންގެ މަޖިލީހުގައި މުހިންމު ގިނަ މަސައްކަތްތަކެއް ހުރިނަމަވެސް، އެ މަސައްކަތްތައް ނުނިމި މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. މަޖިލިސް ޗުއްޓީއަށް ދިޔައީ، މަޖިލީހުގެ ދެވަނަ ދައުރު ދަންމާލަން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް މަޖިލީހުގެ އެންމެ ފަހުން ބޭއްވި ޖަލްސާގައި އެދިވަޑައިގެންފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 45 ވަނަ މާއްދާގައި ބަޔާންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށައަޅުއްވައިފިނަމަ، އެ ހުށައެޅުން ހުށައަޅުއްވާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބޭއްވޭނެގޮތަށް ހަމަޖައްސައި މަޖިލީހުގެ ރައީސް ޖަލްސާ ބާއްވަން ވާނެކަމަށެވެ. އަދި އެ 14 ދުވަސް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންކަމަށްވެސް މަޖިލީހުގެ ޤަވާއިދުގައިވެއެވެ.
ދައުރުން ބޭރުގައި ޖަލްސާ ބާއްވައިދިނުމަށް އެދި އެމްޑީޕީގެ 29 މެންބަރުން ސޮއިކޮށް ހުށަހެޅީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. 14 ދުވަހުގެ މުއްދަތު ހަމަވާނީ ބުރާސްފަތި ދުވަހުއެވެ. މަޖިލީހުގެ އިދާރާއިން ވިދާޅުވީ ޖަލްސާ ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ.
މަޖިލީހުގައި ކުރުމަށް ހުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި ޖޭއެސްސީ އިޞްލާހުކުރުމަށް ހުށައެޅުއްވި އިޞްލާހާއި ޤާނޫނު އަސާސީ އިޞްލާހުކުރުމަށް ހުށައެޅުއްވި އިޞްލާހާއި، ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ފާހަގަކުރައްވައެވެ.