ހުކުރު ދުވަހު މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހަކީ އެގެއިން ކަރަންޓް ކޭބަލެއް ވަގަށް ނަގަން އުޅެނިކޮށް ކަރަންޓްގައި ޖެހިގެން މަރުވި މީހެއް ކަމަށް ބެލެވޭ ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ޖޫން 30 ވަނަ ދުވަހު ހެންވޭރު ގެއެއްގެ ތެރޭގައި ޚަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާއަކީ އެގެއިން ކަރަންޓް ކޭބަލެއް ވަގަށް ނެގުމަށް އެގެއަށް ވަދެ އުޅުނު މީހެއް ކަމަށާއި އޭނާ މަރުވެފައި ވަނީ ކަރަންޓް ކޭބަލް ބުރިކުރަން އުޅުމުގެ ތެރޭގައި ކަރަންޓްގައި ޖެހިގެން ކަމަށް ފުލުހުންގެ ތަހްގީގަށް ބެލެވޭ ކަމަށެވެ.
މަރުވެފައިވާ މީހާގެ ހަށިގަނޑުން ކަރަންޓްގައި ޖެހިފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށާއި އަދި އޭނާ ބިންމައްޗަށް ވެއްޓިފައި އޮތް ތަނުން ވައްކަން ކުރަން ބޭނުން ކުރާ އާލާތްތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އުމުރުން 43 އަހަރުގެ އެ މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އެ މީހާ މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.