އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ޗަމްޕާ ބްރަދާސްއާ ދެކޮޅަށް ހެއްކެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން ބުނީ އެ މައްސަލަ ތަހުގީގުކޮށް ބެލިބެލުމުން މި މައްސަލައިގައި ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ ކުށެއް ތަހުގީގަށް ސާބިތުވާ މިންވަރަށް ހެކި ނެތް ކަމަށެވެ. ޢެގޮތުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅާ މައްސަލަ ނިންމާފައިވާ ކަމަށެވެ.
އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެމްއެމްއާރުޕީސީ ބޭނުންކޮށްގެން ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިވެ ފައިސާއަށް ހިޔާނާތްތެރިވެފައިވާއިރު، އެ ދުވަސްވަރު ޓޫރިޒަމްގެ ބޭނުމަށް ފަޅުތަކާއި ރަށްތައް ބޭނުންކޮށްގެން ލިބުނު ފައިސާއިން ވެސް ހިޔާނާތްތެރިވެފައިވާ ކަމަށެވެ.
އެ މުއާމާލާތްތަކުގައި ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި ޗަމްޕާ ބްރަދާސް ހިމެނޭ ކަމަށް ތުހުމަތުކޮށްފައިވީ ނަމަވެސް އެ ތުހުމަތުތަށް ބެލުމަށްފަހު އޭސީސީގެ ނިންމުން އާންމުކުރީ އިއްޔެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތާއި ކޮރަޕްޝަނުގެ އަމަލެވެ. މި ހިޔާނާތުގެ މައްސަލަ ބަލަން މި ސަރުކާރުގެ ފުރަތަމަ ދުވަހު ކޮމިޝަނެއް އުފެއްދި ނަމަވެސް އެ ކޮމިޝަނުން ދާދިފަހުން ވަނީ އުވާލާފައެވެ.