ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިން ހަރަކާތްތައް މިއަދު ރަސްމީކޮށް ފަށާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމުން ބުނީ ޔާމީންގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުން މާލޭގައި މިއަދު ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް އޮންނާނެ ކަމަށެވެ. މި ހަރަކާތް ފަށާނީ މިއަދު މެންދުރު 1:45 ގައި ކަމަށް އެ ޕާޓީން ބުނެ އެވެ.
މީގެ ކުރިން ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރު ކެޕްޓަން މުހައްމަދު އަމީން ވިދާޅުވީ އީދު ބަންދަށްފަހު ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތައް މުޅި ރާއްޖޭގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ.
"އީދު ބަންދަށްފަހު އިންތިހާބުގެ ހަރަކާތްތައް ކިކް އޮފްކޮށް، ޕާޓީގެ ސިޔާސަތުތައް ނެރެ، މެނިފެސްޓޯ އިއުލާނުކުރާނެ ވާހަކަ ދަންނަވަން،" އަމީން ވިދާޅުވިއެވެ.
ރައީސް ޔާމީން 2023 ކެމްޕޭންގެ ޚާއްސަ ހަރަކާތް.
މާލެ ސަރަހައްދުގެ ދޮރުން ދޮރަށް ހިނގަން ފެށުން. #RY2023 pic.twitter.com/0AsP0A8aYp
— Progressive Party of Maldives (@ProgressPartyMV) July 2, 2023
ޔާމީންގެ ކެމްޕެއިން ފަށަން ޕީޕީއެމުން ތައްޔާރުވަމުންދާއިރު އެމަނިކުފާނު މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މި ހުކުމުގެ ސަބަބުން ޔާމީނަށް އިންތިހާބުގައި ވާދަކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.