ޖަލްސާ ފެށިތާ 50 ސިކުންތު ތެރޭ ޖަލްސާ ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ އެކުލެވުމަށް ގެންނަން ޖެހޭ ބަދަލުގެ ރިޕޯޓް އިސްލާހު ކުރަން ޖެހޭތީ ކަމަށް ބުނެ، އެޖެންޑާގައި ހުރި ކަންކަން ކުރިއަން ގެންދަން ރިޔާސަތުން ބޭނުން ނުވާތީ، މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

ޖަލްސާ ފެށުމުގެ ކުރިން ސޮލަވާތް ކިޔެވުމާއި އެޖެންޑާގެ ނަމްބަރު ކިޔުން ފަދަ ރަސްމީ ބައިތައް ނުހިމަނާ ޖަލްސާއަށް މިއަދު ހޭދަވީ ގާތްގަނޑަކަށް 50 ސިކުންތެވެ. މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ.

ޖަލްސާ ފެށުމާ އެކު، ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ، ނަޝީދާއި ޗެކްމާކް ރަޝީދު މިދިޔަ މަހުގެ 21 ވަނަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ކަން ފާހަގަކުރައްވައިފައެވެ. އަދި އެ އާއެކު މަޖިލީހުގައި އެމްޑީޕީ ތަމްސީލުވާ ނިސްބަތަށް ބަދަލު އަންނާނެތީ، ދާއިމީ ކޮމިޓީތައް އެކުލަވާލަން މިހާރު ހުށަހަޅާފައިވާ ގޮތަށް ބަދަލު ގެންނަންޖެހޭ ކަމަށް އަފީފް ވިދާޅުވިއެވެ.

އެހެންވީމާ މިހާރު އައިސްފައިވާ މި ބަދަލާއެކު ރިޕޯޓު އަލުން މެމްބަރުންނާ ސާކިއުލޭޓު ކުރުމަށްފަހު، މި ޖަލްސާ އަނެއްކާ ކުރިއަށް ގެންދެވޭނެ.

– މިއަދުގެ ހާއްސަ ޖަލްސާ ނިންމާލައްވަމުން އޭނާ ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ދައުރުން ބޭރުން ބާއްވަން ހުށަހެޅި ފުރަތަމަ ޖަލްސާއަކީ މިއަދުގެ ޖަލްސާއެވެ. މި ޖަލްސާ ބާއްވަން ހުށަހެޅީ ދެ ވަނަ ދައުރު ނިންމާލިއިރު، އެޖެންޑާގައި މުހިންމު ކަންކަންތަކެއް ހުރެ އެކަންކަން ކުރިއަށް ގެންދިއުމަށް އެމްޑީޕީން އެދުމުން ވެސް ކުރިއަށް ނުގެންގޮސް ދައުރު ނިންމާލުމުންނެވެ.

ދައުރު ނިންމާލިއިރު އެޖެންޑާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަދި އިދިކޮޅުން ހުށަހަޅާފައިވާ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތެވެ. އެ މައްސަލަތައް ރިޔާސަތުން ހުއްޓުވީ މަޖިލީސް ބެހިފައިވާ ގޮތަށް ބަދަލު އައުމާއެކު ކޮމިޓީތަކަށް އެ ބަދަލު ގެންނަންޖެހޭ ކަމަށް ބުނެފައެވެ. ނަމަވެސް ކޮމިޓީތައް އެކުލަވާލުން ކުރިއަށް ނުގެންދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު