ނަޝީދުގެ ޢަމަލުތައް ހުރީ މުޅި ޑިމޮކްރަސީއާއި ދުރު، ޚުދުމުހުތާރު ގޮތަކަށް: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޢަމަލުފުޅުތައް ހުރީ ޑިމޮކްރަސީގެ ހުރިހާ ހަމަތަކާއި ޚިލާފަށް، ޚުދުމުހުތާރު ގޮތަކަށް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ ރިޕޯޓް އިޞްލާހުކުރަން ޖެހޭކަމަށް ވިދާޅުވެ، ދައުރުން ބޭރުން ބޭއްވެވި ޖަލްސާގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް ޖަލްސާ ނިންމާލުމާއި ގުޅިގެން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ މަޖިލީހުގެ ރިިޔާސަތުން ޢަމަލު ކުރައްވަމުންދަނީ ވަރަށް ޚުދުމުތާރުކޮށް ކަމަށާއި، މިއީ ދައުލަތުގެ އެއްބާރުގެ ބާރު ކަނޑުވާލުންކަމަށެވެ.

އަސްލަމް ވިދާޅުވީ މަޖިލިސްގެ ރައީސާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައި އޮތުމަކީ މަޖިލިސް ކުރިއަށް ނުގެންދެވޭނެކަމަށް އުޒުރު ދެއްކެވޭނެ ކަމެއް ނޫންކަމަށެވެ. މެމްބަރުންނަށް މަޖިލީހުގެ ރައީސާއި، ނައިބް ރައީސަށް އިތުބާރު ނެތްކަމަށް ފެނުމުން ރީތި ގޮތަކީ އަމިއްލަފުޅަށް މަޤާމުން އިސްތިއުފާ ދެއްވުންކަމަށް އަސްލަމް ވިދާޅުވިއެވެ.

އަޅުގަނޑު ބުނެލަން ބޭނުމީ ޚުދުމުޚުތާރުނުވެ، މަޖިލިސް ހިންގަވަން ޖާގަ ނުދެވެންޏާ އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވުމަށް. ފެނިގެން މިދަނީ ޑިމޮކްރަޓިކް އެންމެ ރަނގަޅު ހަމަތަކާއި އުސޫކުތަކާއި ޚިލާފަށް އަމިއްލަ މަޤާމާއި ޖާހަތަށް މަސައްކަތް ކުރާތަން. ޑިމޮކްރަސީގެ ހުރިހާ ހަމަތަކަށް ގޮންޖަހާތަން.

– އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއަށް ދައުވަތު ދިނީ ވަރަށް ވަގުތު ކުޑަތަންވެފަ އޮއްވާކަމަށެވެ. އަދި މިއަދު ޖަލްސާ ބާއްވަ ޖަލްސާ ނިންމާލީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށެވެ.

މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށް ބަދަލު އަންނަކަން އެނގޭނީ މަޖިލިސްގެ ޖަލްސާ ފެށުމުން ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ވަގުތަށާއި، ހާލަތަށްވެސް އެއްވެސް ރިޢާޔަތް ކުރުމެއްނެތި ޖަލްސާ ނިންމާލީ ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ދަންނަ ކަމެއް ނޫން. ކޮމެޓީތައް އެކުލަވާލުމުގައި ޢަމަލު ކުރަންޖެހޭ ގޮތަކަށްނޫން މަޖިލީހުގެ ރިޔާސަތުން ޢަމަލުމިކުރީ، މިއަދަކު ނޫން ދެ މެމްބަރަކު އެމްޑީޕީން ވަކިވިކަން އެނގޭނީ. މިއީ މަޖިލީހުގެ މެމްބަރުންނަށާއި، މަޖިލީހުގެ އިދާރީ މުވައްޒިފުންނަށްވެސް އިޚުތިރާމު ނުކުރާކަން އެނގޭ ވަރަށް ބޮޑު ހެއްކެއް.

– އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވުމަށް އެދުނީ މަޖިލީހުގައި ހުރި މުހިންމު މަސައްކަތްތަކެއް ނިންމުމަށް ނަމަވެސް، މަޖިލީހުގެ މަސައްކަތައް ކުރިއަށް ނުގެންދަވާތީ އެމްޑީޕީގެ މެންބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގޮސް ހުއްޓިފައިމިވަނީ، މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުއްވުމުންނެވެ. މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަން ނިންމެވީ، އެމްޑީޕީގެ ބައެއް މެންބަރަކު އެޕާޓީން ވަކިވެވަޑައިގަތުމުން ކޮމިޓީތަކުގައި ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ބަދަލު އަންނާނެތީއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު