Monday, 14 October 2024

ހަފީޒު ބޭރަށް ގެންދިއުމަށް އެއާ އެމްބިއުލާންސެއް ހޯދަން ފައިސާ އެއްކުރަނީ

މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލުން ޖެހި އަނިޔާވި ގައުމީ ޔުނިވާސިޓީ ލެކްޗަރާ އަލީ ހަފީޒް، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް އާއިލާއިން އެހީ ހޯދަން ފަށައިފިއެވެ.

ހަފީޒް މިދިޔަ މަހުގެ 28 ވަނަ ދުވަހު އެކްސިޑެންޓްވީ ފަތިސް ނަމާދުކޮށްގެން މަޖީދީ މަގުން ގެއަށް ވަޑައިގަންނަވަނިކޮށް މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ. ހަފީޒްގެ ބައެއް ގާތް މީހުން ބުނި ގޮތުގައި، އޭނާގެ ހާލު އަދިވެސް ވަރަށް ސީރިއަސްއެވެ. އޭނާއަށް ފަރުވާދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގަ އެވެ. އެކްސިޑެންޓްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާގެ ހާލަތަށް ބަދަލެއް ނާދެއެވެ.

އޭނާގެ ހާލު ދެރަކަމުން ކޮމާޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ގެންދެވޭކަށް ނެތެވެ. އެހެންވެ، އާއިލާއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެއާ އެންބިއުލެންސެއްގައި އޭނާ އިންޑިއާއަށް ގެންދިއުމަށް ކަމަށް އެނގިފައިވެއެވެ. އެއީ ވަރަށް އަގުބޮޑު ހިދުމަތެކެވެ.

އެއާ އެމްބިއުލެންސްގައި ބޭރަށް ގެންދަން ގާތްގަނޑަކަށް 42،500 ޑޮލަރު (ގާތްގަނޑަކަށް 655،000ރ.) ހޭދަވާނެ ކަމަށް މިހާތަނަށް ލަފާކުރެވެއެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ 18 އަހަރު ވެފައިވާ ހަފީޒް އެކްސިޑެންޓްވީ ލައިސަންސް ނެތި ސައިކަލް ދުއްވި 22 އަހަރުގެ ޒުވާނެއްގެ އަތުންނެވެ.

އެކްސިޑެންޓްވުމުން ޒުވާނާ ފިލައިގެން ދިޔަ ކަމަށް ކުރިން އަޑުތަކެއް ފެތުރިގެން ދިޔަ ނަމަވެސް އޭނާ ފިލައިގެން ނުދާ ކަމަށާއި އޭނާއަށް ވެސް އަނިޔާވި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު