16 ފެބުރުވަރީ 2025

ޔާމީންގެ އިސްތިއުނާފް މައްސަލަ ބުދަ ދުވަހަށް ތާވަލުކޮށްފި

ކުރީގެ ރައީސް ޔާމީން މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހަށް ހައި ކޯޓުގައި ތާވަލުކޮށްފިއެވެ.

އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން ކުރިން ވަނީ އެ ޝަރީއަތް އަވަސްކޮށްދިނުމަށް ކޯޓުގައި އެދިވަޑައިގެންފައެވެ.

ހައި ކޯޓުގައި ކުރިއަށްދާ މި މައްސަލައިގެ ޝަރީއަތް އަވަސްކުރުން ޔާމިނަށް މުހިންމުވެފައިވަނީ އަންނަ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ އެ ހުކުމުން ސަލާމަތްވެގެން ކަމަށް ވާތީއެވެ. އެހެންވެ، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އޮއްވައި މައްސަލަ ނިންމުމަށް އިދިކޮޅު ޕީޕީއެމްއިން ވެސް އަންނަނީ ގޮވާލަމުންނެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު 23 ގަިއ ހުޅުވާލާނެއެވެ. ޖިނާއީ ދައުވާއެއް ސާބިތުވެފައި އޮތުމަކީ އިންތިހާބުގައި ކުރިމަތިލުމަށް އޮތް ހުރަހެކެވެ.

އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ޔާމީން ވާދަކުރެއްވުމަށް ހުރަސް އެޅުމުގެ ގޮތުން އިސްތިއުނާފް ލަސްކުރުމަށް ހައި ކޯޓުގެ ފަނޑިޔާރުން ޗުއްޓީ ނެގުމަށް ސަރުކާރުން ވަނީ މަޖުބޫރުކޮށްފައެވެ. އެކަމަކު އެނގިފައިވާ ގޮތުގައި، ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅަކު ނަންގަވާފައިވަނީ މިދިޔަ އަހަރު ޝެޑިއުލްކޮށް ހަމަޖައްސާފައި އޮތް ޗުއްޓީއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު