15 ޖަނަވަރީ 2025

ވަރުގަދަ މިސައިލް ޙަމަލާތަކެއް ސޫރިޔާގެ ޙުމްސަށް

ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ސޫރިޔާގެ ހުޅަނގުގައި އޮންނަ ޙުމްސަށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފިއެވެ.

ސޫރިޔާގެ އަސްކަރިއްޔާއާ ހަވާލާދީ އެ ޤައުމުގެ ދަޢުލަތުގެ މީޑިޔާއިން ބުނީ ޔަހޫދީ އިސްރާޢީލުން ފޮނުވައިލި މިސައިލްތައް ޙުމްސާ ހަމައަށް ދަތުރުކޮށްފައި ވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ މަތިން ކަމުގައެވެ. އެ ހަމަލާތަކުގައި މުދަލަށް ކޮންމެ ވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމަށް ރިޕޯޓުކުރެއެވެ.

ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ވަނީ ޙުމްސްގައި ހުންނަ ސޫރިޔާގެ އަސްކަރިއްޔާގެ ހަތިޔާރުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަން ކަށަވަރުކޮށްދީފައެވެ. އެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ވައިގެ ދިފާޢީ ނިޒާމަށް ބޭނުންކުރާ ބެޓެރީ ނުވަތަ ބަޑިތަކަށް ކަމުގައި ޔަހޫދީ އަސްކަރިއްޔާއިން ބުނެއެވެ.

ސޫރިޔާއަށް ހަމަލާދޭން ޖެހުނު ސަބަބެއް ކަމަށް ޔަހޫދީ އިސްރާޢީލުން ބުނީ، އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓަކަށް އަމާޒުކޮށް ސޫރިޔާގެ އަސްކަރިއްޔާއިން މިސައިލް ހަމަލާއެއް ދިނުމެވެ. ސޫރިޔާއިން ފޮނުވައިލި މިސައިލް ވައިގެ ތެރޭގައި ގޮވާފައިވާ ކަމަށާއި، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި ވެސް ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ބުނެވެ.

ހަމަލާތައް އަމާޒުކޮށްފައިވާ ބައެއް ތަންތަނުގެ ތެރޭގައި ވައިގެ ބަނދަރުތަކާއި އަސްކަރީ މަރުކަޒުތައް ހިމެނެއެވެ. ބޭނުމަކީ، ސޫރިޔާއާއި ލުބުނާނުގައި ހަރަކާތްތެރިވާ ކަމަށް ބުނާ ހަތިޔާރުއެޅި ޖަމާޢަތްތަކަށް ހަތިޔާރު ފޯރުކޮށްދޭން އީރާނުން ކުރާ މަސައްކަތްތަކަށް ހުރަސް އެޅުން ކަމުގައި އިސްރާޢީލުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު