Monday, 14 October 2024

އާޚިރަތް ދުވަހަށް އީމާންވުން

• އާޚިރަތްދުވަހަކީ ކޮބާ؟
އާޚިރަތްދުވަހަކީ، ދުނިޔެ ޤިޔާމަތްވުމަށްފަހު، ﷲ ތަޢާލާ، އަޅުތަކުންގެ ހިސާބު ބައްލަވައި ޢަމަލުތަކަށް ޖަޒާދެއްވުމަށް، އަޅުތަކުން ދިރުއްވައި މަޙްޝަރަށް ފޮނުއްވޭ ދުވަހެވެ. އެ ދުވަހަކީ، ޢާލަމްތަކާއި އެ ތަންތާނގައިވާ ހުރިހާ އެއްޗެއް ނެތިގޮސް، ދުނިޔޭގެ ދިރިއުޅުން ނިމި، މަޙްޝަރު ބިމަށް އެންމެހައި އަޅުތަކުން އެއްކުރެވޭ ދުވަހެވެ.
• އާޚިރަތްދުވަހަށް އީމާންވުމަކީ ކޮބާ؟
• އާޚިރަތްދުވަހަށް އީމާންވުމަކީ، އެ ދުވަހާ ބެހޭގޮތުން، ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތުގައި އައިސްފައިވާ ކޮންމެ ކަމެއް، ހިތުގެ އަޑިން ޤަބޫލުކޮށް އެއަށް އީމާންވުމެވެ. އެފަދަ ކަންތައްތަކުގެ ތެރޭގައި، މަރުވުމަށްފަހު ހިނގާނެ ކަންތައްތަކާއި، ކަށްވަޅުގެ ޢަޛާބާއި ނިޢްމަތުގެ ވާހަކައާއި، އަޅުތަކުން ކަށްވަޅުން ތެދުވެ، މަޙްޝަރުގެ މައިދާނަށް ޖަމާވުމުގެ ވާހަކައާއި، ޙައުޟާއި ޞިރާޠު މަގާއި މީޒާނާއި ހިސާބު ބެއްލެވުމާއި، އަޅުތަކުންގެ ފަތާއި، ސުވަރުގެއާއި ނަރަކައާއި އެ ތަންތަނުގެ ޚާޒިނުންނާއި ޙޫރަލްޢީނުންގެ ވާހަކައާއި، ޝަފާޢަތުގެ ވާހަކައާއި އަދި މިނޫންވެސް އާޚިރަތްދުވަހާ ބެހޭގޮތުން ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ﷺ ގެ ސުންނަތުގައި ވާރިދުވެގެން އައިސްފައިވާ އެންމެހައި ކަންތައް ހިމެނެއެވެ.
އާޚިރަތްދުވަހަށް އީމާންވާ މީހަކަށް، މި ދެންނެވުނު ހުރިހާ ކަމެއް، ތަފްޞީލުކޮށް އެނގުމަކީ ލާޒިމުކަމެއް ނޫނެވެ. ނަމަވެސް އާޚިރަތްދުވަސް އަންނާނެކަމާއި، އެ ދުވަހަކުން ﷲ ތަޢާލާ، އެންމެހައި މީސްތަކުން ދިރުއްވައި، މަޙްޝަރުބިމަށް ޖަމާކުރައްވައި، މީސްތަކުންގެ ހިސާބު ބައްލަވައި، ހެޔޮ ޢަމަލުގެ އަހުލުވެރިން ސުވަރުގެ ވައްދަވައި، ނުބައި ޢަމަލުގެ އަހުލުވެރިން ނަރަކައަށް ވައްދަވާނެކަމަށް އީމާންވުމަކީ، ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ. އެ މިންވަރު ނޭނގޭނަމަ، އާޚިރަތްދުވަހަށް އީމާންވީކަމުގައެއް ނުބެލެވޭނެއެވެ.
• އާޚިރަތްދުވަހަށް އީމާންވުމުގެ ޙުކުމް:
އާޚިރަތްދުވަހަށް އީމާންވުމަކީ، އީމާންކަމުގެ ރުކުނެކެވެ. އެ ދުވަހަށް އީމާންނުވާނަމަ އަޅާގެ އީމާންކަން ޞައްޙައެއް ނުވާނެއެވެ. އަދި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެތެރެއިންނެވެ. ކީރިތި ޤުރްއާނުގައި މިކަން ބަޔާންކުރައްވައި، ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. وَلَٰكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ …‎﴿١٧٧﴾ -سورة البقرة- މާނައީ: [ އެހެނެއްކަމަކު، ހެޔޮކަންކުރާ މީހާއީ، ﷲ އަށާއި آخرة ދުވަހަށް إيمان ވި މީހާއެވެ.]
• އާޚިރަތްދުވަހަށް އީމާންނުވާ މީހުން ބެހިގެންވަނީ ތިންބަޔަކަށެވެ. އޭގެތެރެއިން ފުރަތަމަ ބަޔަކީ، ﷲ ތަޢާލާ ވޮޑިގެންވާކަމަށް އީމާންނުވާ ފަލްސަފާވެރިންނެވެ. އެ މީހުން ޤަބޫލުކުރާ ގޮތުގައި، ކާއިނާތުތައް ވުޖޫދަށް އައިސް ނެތިދަނީ، އޭގެ އަމިއްލަ ޠަބީޢަތުގެ ދަށުންނެވެ. އެއީ އެއްވެސް ފަރާތަކުން ހިންގަވާ ކަމެއް ނޫނެވެ. މި ފަދަ މީހުންނަކީ [ދަހުރީން] ނެވެ. މިފަދަ މީހުންނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. وَقَالُوا مَا هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلَّا الدَّهْرُ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ إِنْ هُمْ إِلَّا يَظُنُّونَ ‎﴿٢٤﴾‏- سورة الجاثية – މާނައީ: [އެއުރެން ބުނޫއެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުންމެނުވީ، އެހެން ދިރިއުޅުމެއްނެތެވެ. ތިމަންމެން ދިރިތިބެމުއެވެ. އަދި މަރުވަމުއެވެ. އަދި ޒަމާން މެނުވީ ތިމަންމެން ހަލާކެއް ނުކުރެތެވެ. އެކަމާމެދު އެއުރެންނަކަށް އެއްވެސް علم އެއް ނުވެއެވެ. އެއުރެންނީ ހީކުރާބަޔަކު ކަމުގައިމެނުވީ ނުވެތެވެ.]
ދެވަނަ ބަޔަކީވެސް ހެއްދެވި ފަރާތެއް ވާކަމަށް އިންކާރުކުރާ ބައެކެވެ. އެ މީހުން ޤަބޫލުކުރާ ގޮތުން، ކޮންމެ 36 ހާސް އަހަރަކުން، ކޮންމެ އެއްޗެއްވެސް، އޭގެ އަޞްލަށް ރުޖޫޢަވެއެވެ. އަދި މި ރުޖޫޢަވުމަކީ، އެއަށް ނިމުމެއް ނެތް ކަމެކެވެ. މި މީހުނަށްވެސް ﷲ ތަޢާލާ ރައްދުދެއްވާފައިވަނީ، އިސްވެދިޔަ އާޔަތުންނެވެ. މި ފަދަ މީހުންނަކީވެސް [ދަހުރީން] ނެވެ.
ތިންވަނަ ބަޔަކީ، އެ މީހުން ހެއްދެވީ، އަދި އެމީހުންގެ ކަލާނގެއަކީ ﷲ ތަޢާލާކަން ޤަބޫލުކުރުމާއެކު، އާޚިރަތަށް އިންކާރުކުރާ މީހުންނެވެ. މިއީ ޢަރަބިންގެ މުޝްރިކުންނާއި، އެ މީހުންގެ މި ޢަޤީދާ ޤަބޫލުކުރާ މީހުންނެވެ. މިފަދަ މީހުންނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ اللَّهُ فَأَنَّىٰ يُؤْفَكُونَ ‎﴿٨٧﴾‏ -سورة الزخرف- މާނައީ: [ހަމަކަށަވަރުން، އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. ﷲ އެވެ. ފަހެ، އެއުރެން حق ން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟]

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު