ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްނަމަވެސް، އެ މަޤާމުގައި ދެމިހުންނަވަން މަސައްކަތްކުރައްވާ ކަމަށާއި، މަޖިލިސް ކުރިއަށް ގެންދިއުމަށް އޮތް އެންމެ ފުރިހަމަ މަގަކީ، އިސްތިޢުފާ ދެއްވުންކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ، މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވެވި ޖަލްސާކުރިއަށް ނުގެންދަވާ ނިންމާލެއްވާލެއްވުމުން، އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވުމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ބޭއްވެވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުއްޓައި، މަޖިލިސް ކުރިއަށް ނުގެންދަވާތީ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ގެންދަވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. މިކަމާ ގުޅޭގޮތުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ، މަޖިލިސްގެ މަސައްކަތްތައް ހުއްޓާލައްވާފައި އޮތުމަކީ މަޖިލީހުގެ މެންބަރުންނަށް އިޙްތިރާމް ނުކުރައްވައި، މަޖިލީހުގެ އިދާރާއިންނާއި، ރިޔާސާތުން ކުރައްވާފައިވާ ކަމެއްކަމަށެވެ. އަދި އަލުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހުށަހަޅާފައި ވާނީ މަޖިލީހުގެ ޤަވާޢިދާއި ޤާނޫނުގެ އިމުގެ ތެރެއިންކަމަށް ވެސް މެންބަރު އަސްލަމް ވަނީ ފާހަގަކުރައްވާފައިވެއެވެ.
މަޖިލިސް ކުރިއަށް ގެންދިއުމަށް ހުރަސްއެޅި، ހުއްޓިފައިވަނީ، މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ، އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގުރޫޕުން މަޖީލީހަށް ހުށަހަޅުއްވައިފައިވާ ދަނޑިވަޅެއްގައެވެ.