ދިރާސީ އައު އަހަރު ފެށޭއިރު ކޮންމެ ދަރިވަރަކަށް ބޭނުންވާ ފޮތްތައް ހަމަވާނެކަމުގެ ޔަޤީންކަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެއްވައިފިއެވެ.
2022-2023ގެ ދިރާސީ އަހަރު ނިމުނީ ޖޫން 22ގައެވެ. މިއާއެކު އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ދިރާސީ އައު އަހަރަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީ ވިދާޅުވީ، ދަރިވަރުން ޗުއްޓީއަށް ދިޔައިރު، ކޮންމެ ކުއްޖަކަށް ބޭނުންވާ ސްޓޭޝަނަރީ ވައުޗަރ ހަވާލުކޮށްފައިވާނެކަމަށެވެ.
މިއާއެކު މިހާރު އެންމެ އިސްކަމެއް ދެއްވައިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުން އަންނަ މަސައްކަތަކީ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ހަމަކުރުމުގެ މަސައްކަތްތައްކަމަށް ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވިއެވެ.
އަތޮޅުތަކުގެ ސްކޫލްތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި، ފޮތްތައް ސްކޫލްތަކަށް ލިބޭ މިންވަރަކުން ދަރިވަރުންނާއި ހަވާލުކުރަމުން ދާނެކަމަށް އަޙްމަދު ޢަލީ ވިދާޅުވިއެވެ. މިފެށޭ ޖުލައި މަހުގެ 15ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސްކޫލަކަށް، އެސްކޫލެއްގެ ދަރިވަރުންނަށް ބޭނުންވާ ހުރިހާ ފޮތްތަކެއް ފޮނުވައި ނިމޭނެކަމަށް އަޙްމަދު ޢަލީ ވިދާޅުވިއެވެ.