އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ދެން ލިބޭނީ ތިން މަހުގެ ޗުއްޓީއެއް ކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަންގެ ގަވާއިދަށް ހަތް ވަނަ އިސްލާހު ގެނެސްފިއެވެ.
އީސީގެ އާ އިސްލާހުގައި ވަނީ “އިންޓަވިއު ކުރުމުގެ އުސޫލު” އިތުރުކޮށްފައެވެ. އަދި އިންތިހާބަށް މުވައްޒަފުން ހޮވުމާއި މުވައްޒަފުން ވަކި ކުރުމުގެ އުސޫލަށްވެސް ވަނީ އިސްލާހު ގެނެސްފައެވެ.
އޭގެ އިތުރުން އިސްލާހު ގެނެސްފައި ވަނީ އޮފީހަށް ހާޒިރުވުމާއި، ހެދުންއެޅުމާއި، ސަލާމް ބުނުމާއި، ޗުއްޓީ ނެގުމުގެ އުސޫލާއި ވަޒީފާއަށް މީހުން ހޮވައި ވަކި ކުރުމުގެ އުސޫލާއި އަހަރީ ޗުއްޓީ ބަޔާންކުރާ އުސޫލަށެވެ. އަދި ގަވާއިދު ނަންބަރު 27 ގެ ބާ އުނިކޮށް، ގަވާއިދު ނަންބަރު 28 ގެ ހާ ވަނީ އުނިކޮށްފައެވެ.
އެގޮތުން، މީގެ ކުރިން އީސީގެ އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން ދެނީ 60 ދުވަހެވެ. ނަމަވެސް އާ އިސްލާހުގައި ވާގޮތުން، ވިހެއުމާ ގުޅިގެން އަންހެން މުވައްޒަފުންނަށް ދެވޭނީ 90 ދުވަހުގެ ޗުއްޓީއެކެވެ.
އަހަރީ ޗުއްޓީގެ ބާބުގައި ކުރިން ވަނީ، އިންތިހާބެއް އޮންނައިރު އަހަރީ ޗުއްޓީ ނުދެވޭނެ ކަމަށެވެ. ނަމަވެސް ޒަރޫރީ ހާލަތެއްގައި އެކަން އިސްތިންސްނާ ވާނެ ކަމަށެވެ. އާ އިސްލާހުގައި ވާގޮތުން، އިންތިހާބެއް ބާއްވަން އިއުލާނު ކޮށްފައި އޮތް ނަމަވެސް ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ މަތިން ޗުއްޓީ ދެވޭނެއެވެ.
ގަވާއިދުގެ 28 ވަނަ ނަންބަރުން އުނިކޮށްފައި ވަނީ، ތިމާއަށް ސިއްހީ ފަރުވާއެއް ކުރުން ނުވަތަ ތިމާ ބަލަން ޖެހިފައިވާ މީހަކަށް ފަރުވާ ހޯދުމަށްޓަކައި މުސާރަ ނުލިބޭގޮތަށް ވީއްލުމެވެ.
ވަޒީފާއަށް މީހުން ހޮވުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ތެރެއިން އާ އިސްލާހުގައި ވަނީ، އީސީގެ ވަޒީފާއަށް ހޮވޭ މީހަކީ އެހެން ތަނެއްގައި ވަޒީފާ އަދާކުރާ މީހެއްނަމަ، އީސީގެ ވަޒީފާއަށް ނުކުތުމަށް ގިނަވެގެން 30 ދުވަސް ދެވޭނެ ކަމަށެވެ. އަދި އެހެން ވަޒީފާއެއް އަދާ ނުކުރާނަމަ، ގިނަވެގެން ދެވޭނީ ހަފްތާއެއް ކަމަށެވެ.
މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ އުސޫލަށް ވަނީ ނަންބަރެއް އިތުރުކޮށްފައެވެ. އޭގައި ވަނީ މުވައްޒަފު ވަޒީފާއިން ވަކިކުރާއިރު އެ މުވައްޒަފެއްގެ ސުޕަވައިޒަރުގެ ބެލުމުގެ ދަށުން، މުވައްޒަފުގެ މައްސޫލިއްޔަތު ސުޕަވައިޒަރު ކަނޑައަޅާ މީހަކާ ހަވާލު ކުރަންވާނެ ކަމަށެެވެ. އަދި ވަޒީފާއިން ވަކިކުރުމުގެ ޗިޓު ހެދުމުގެ ކުރިން، މުވައްޒަފުގެ މަސައްކަތް ހޭންޑްއޯވަރ ކުރިކަމުގެ ލިޔުން ހުށަހަޅަން ވާނެ ކަމަށެވެ.
ކޮމިޝަނުގެ ރަސްމީ މަސައްކަތުގެ ދުވަހާއި ގަޑިއަށް ގެނައި އާ އިސްލާހުގައި ވާގޮތުން، ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ގަޑިޖެހޭނީ، ކޮމިޝަނުގެ ރަސްމީ ގަޑި ފެށޭތާ އެއް ގަޑިއިރު ފަހުންނެވެ. އަދި އެމްއެސް3 އިން ފެށިގެން މަތީގެ މުވައްޒަފުން ރަސްމީ ގަޑިން ފެށިގެން 30 މިނިޓް ތެރޭގައި އޮފީހަށް ހާޒިރު ވެފައި ވާނަމަ ގަޑިޖެހުނު ކަމުގައި ނުބަލާނެއެވެ.
އިއްޔެއިން ފެށިގެން މި ގަވާއިދަށް ވަނީ އަމަލު ކުރަން ފަށާފައެވެ.