ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަންނަ ދިރާސީ އާ އަހަރު ހުޅުވަން ތައްޔާރު ވަމުން އަންނަ ޞަލާހުއްދީން ސްކޫލަށް ޕްރިންސިޕަލެއް ހޯދަން ދެވަނަ ފަހަރަށް އިއުލާންކޮށްފިއެވެ.
ފުރަތަމަ ކުރި އިއުލާނުގެ މުއްދަތު ހަމަވީ ޖޫން 13އަށެވެ. އެ އިއުލާނާ ގުޅިގެން ޕްރިންސިޕަލް ކަމުގެ މަޤާމަށް ކުރިމަތި ލީ ކިތައް ފަރާތުން ކަމެއް އެޑިޔުކޭޝަން މިނިސްޓްރީން ނުބުނެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ކުރި ޢިއުލާނުގައި ބުނެފައި ވަނީ ޕްރިންސިޕަލެއްގެ ޝަރަޠަކީ ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
ނުވަތަ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުމެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
މަޤާމުގެ އަސާސީ މުސާރައަކީ 16,647 ރުފިޔާއެވެ. މަޤާމުގެ އެލަވަންސަކީ 9534 ރުފިޔާއެވެ. ހާޒިރީ އެލަވަންސެއްގެ ގޮތުގައި ނުކުންނަ ކޮންމެ ދުވަހަކަށް 258 ރުފިޔާ ލިބެއެވެ.
ކިޔަވައިދިނުމުގެ ތަޖުރިބާގެ ގޮތުގައި ޕްރީ ސްކޫލުން ފެށީގެން ހަޔަރ ސެކަންޑްރީ ސްކޫލެއްގައި ކިޔަވައިދީފައި ހުރުން މުހިންމެވެ. އަދި ތަޢުލީމާބެހޭ ކަންތައްތައް ބަލަހައްޓާ ސަރުކާރުގެ އިދާރާއެއްގައި ނުވަތަ ތަޢުލީމުދޭ އިދާރާއެއްގެ މެނޭޖިރިއަލް، ޕޮލިސީ ނުވަތަ ފަންނީ މަސައްކަތްތައް ހިމެނެއެވެ. މީގެ ތެރޭގައި ލީޑިންގ ޓީޗަރުންގެ ޒިންމާ ވެސް ހިމެނެއެވެ.
މި މަގާމަށް އެދި ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ 9 ޖުލައި، 2023 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، އެކަމަށް ޚާއްޞަ ލިންކެއް މެދުވެރިކޮށެވެ.