އަތޮޅުތެރޭގެ ހަ ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިއުލާން ކޮށްފިއެވެ.
އެ މިނިސްޓްރީން، ޕްރިންސިޕަލުން ހޯދަނީ:
އއ. ތޮއްޑޫ ސްކޫލް
ހދ. ނޭކުރެންދޫ ސްކޫލް
ށ. އަތޮޅު ތަޢުލީމީ މަރުކަޒު
ށ. ނޫމަރާ ސްކޫލް
ގއ. އަތޮޅު މަދަރުސާ
ތ. އަތޮޅު މަދަރުސާ އަވެ.
އެޑިޔުކޭޝަން މިނިސްޓްރީން ކުރި ޢިއުލާނުގައި ބުނެފައި ވަނީ ޕްރިންސިޕަލެއްގެ ޝަރަޠަކީ ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
ނުވަތަ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުމެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
އެއްވަނަ ރޭންކުގެ ޕްރިންސިޕަލެއްގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަސާސީ މުސާރައަކީ 16,647 ރުފިޔާއެވެ. މަޤާމުގެ އެލަވަންސަކީ 9534 ރުފިޔާއެވެ. އަދި ހާޒިރީ އެލަވަންސެއްގެ ގޮތުގައި ނުކުންނަ ކޮންމެ ދުވަހަކަށް 258 ރުފިޔާ ލިބެއެވެ.
ދެވަނަ ރޭންކުގެ ޕްރިންސިޕަލެއްގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަސާސީ މުސާރައަކީ 17,985 ރުފިޔާއެވެ. މަޤާމުގެ އެލަވަންސަކީ 10,300 ރުފިޔާއެވެ. އަދި ހާޒިރީ އެލަވަންސެއްގެ ގޮތުގައި ނުކުންނަ ކޮންމެ ދުވަހަކަށް 279 ރުފިޔާ ލިބެއެވެ.
މި މަގާމަށް އެދި ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ 9 ޖުލައި، 2023 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، އެކަމަށް ޚާއްޞަ ލިންކެއް މެދުވެރިކޮށެވެ.