18 ޖަނަވަރީ 2025

ރާއްޖޭގައި ހުންނަ އެސްބީއައިއަށް މިދިޔަ އަހަރު ލިބުނު ފައިދާ ވަރަށް ބޮޑަށް ދަށްވެއްޖެ

ރާއްޖޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.

ރާއްޖޭގައި ހިންގާ އެންމެ ދުވަސްވީ ބޭންކުން އާއްމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު އެ ބޭންކަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 384.4 މިލިއަން ރުފިޔާ އެވެ. އެކަމަކު އޭގެ ކުރީ އަހަރު 468.7 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި އެސްބީއައިއަށް ލިބިފައިވެއެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ގިނަ އަދަދަކަށް ލޯނު ދޫކުރާ އެ ބޭންކުން މިދިޔަ އަހަރު ލޯނުގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކަ އެވެ. މީގެ އިތުރުން އެ ބޭންކުން ސަރުކާރަށް ވިއްކާފައިވާ ޓީ ބިލާއި ބޮންޑުގެ އަދަދު ވަނީ މިދިޔަ އަހަރު ނިމުނުއިރު ވަނީ 9.1 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. 2021 ވަނަ އަހަރު ނިމުނުއިރު އެ ބޭންކުން ވިއްކި ޓީ ބިލާއި ބޮންޑުގެ އަދަދު އުޅެނީ 7.5 ބިލިއަން ރުފިޔާގައެވެ.

އެސްބީއައިއަށް މިދިޔަ އަހަރު އިންޓަރެސްޓާއެކު އާމްދަނީގެ ގޮތުގައި 661 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. 2021 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 650 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އިންޓަރެސްޓަށް ކުރި ހަރަދުގެ ގޮތުގައި 168.5 މިލިއަން ރުފިޔާ ހަރަދުކުރުމުން ޖުމްލަ އާމްދަނީ ވަނީ 492.4 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

އޭގެ އިތުރުން އެ ބޭންކުން މިދިޔަ އަހަރު އިންކަމް ޓެކްސްގެ ގޮތުގައި 136.7 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވެއެވެ.

ރާއްޖޭގައި ހިންގާ ދެވަނައަށް އެންމެ ބޮޑު ބޭންކުގެ ސާފު ފައިދާ މިދިޔަ އަހަރު ދަށްވިއިރު ފީ އާއި ކޮމިޝަން އާމްދަނީގެ ގޮތުގައި 62.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. 2021 ވަނަ އަހަރު ފީ އާއި ކޮމިޝަން އާމްދަނީގެ ގޮތުގައި ލިބުނީ 45 މިލިއަން ރުފިޔާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު