ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތަށް ބޮޑު ލުޔެއް!

ދިވެހި ޕާސްޕޯޓަށް އެދުމުގެ ޚިދުމަތް ޑިޖިޓަލައިޒްކޮށް، ޚިދުމަތް ދޭ ވަގުތު ރޭގަނޑު 9:00އާ ހަމައަށް އިތުރުކުރަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމަވައި، މާދަމާއިން ފެށިގެން ޢަމަލުކުރަން ފަށާނެއެވެ.

އެ ޚިދުމަތަކީ އާއްމުންނަށް ވީހާވެސް ލުއިފަސޭހަ ޚިދުމަތަކަށް ހެދުމަށް، އިމިގްރޭޝަންގެ ޑިޖިޓަލް ޕްލެޓްފޯމް "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ހުށައެޅުމުގެ ފުރުޞަތު މިދިޔަ އަހަރު ހުޅުވާލިއެވެ. ނަމަވެސް އެކަމުގައި ހުންނަ  ބައެއް ދަތިތައް ގިނަ ބަޔަކު ދިޔައީ ފާހަަގަކުރަމުންނެވެ.

2020 ވަނަ އަހަރު "އިމުގާ" މެދުވެރިކޮށް ޕާސްޕޯޓަށް އެދެމުގެ ޚިދުމަތް ފެށިފަހުން ހާތަނަށް މި ޚިދުމަތް މެދުވެރިކޮށް 125600 އަށްވުރެ ގިނަ މީހުން އޮންލައިންކޮށް ޕާސްޕޯޓް ހައްދާފައިވީ ނަމަވެސް، އޭރު އެ މަސައްކަތްކުރީ ކަރުދާސް ފޯމު ފުރުމަށްފަހު، އެ ފޯމް ސްކޭންކުރުމަށްފަހު އެހެން ލިޔެކިޔުންތަކާއެކު ޕޯޓަލްއަށް އަޕްލޯޑްކުރާގޮތަށެވެ. މިކަމުގެ ސަބަބުން މި ޚިދުމަތް ލިބިގަތުމުގައި ރައްޔިތުންނަށް ދަތިތަކެއް ދިމާވަމުން އައެވެ.

އިމިގްރޭޝަނުން ވިދާޅުވީ މާދަމާއިން ފެށިގެން ޕާސްޕޯޓަށް އެދޭ ފޯމު ސްކޭންކޮށްގެން އަޕްލޯޑްކުރާކަށް ނުޖެހޭނެކަމަށާއި، އޭގެ ބަދަލުގައި ފުރަަންޖެހޭނީ އޮންލައިން ފޯމެއްކަމަށާއި، އައިޑީ ކާޑާއި ކުރީގެ ޕާސްޕޯޓްގެ ކޮޕީވެސް މީގެފަހުން ހުށަހަޅަން ނުޖެހޭނެކަމަށެވެ.

އިމިގްރޭޝަނުން ވިދާޅުވީ ޕާސްޕޯޓަށް ހުށައެޅުމަށް އޮންލައިންކޮށް ފޯމް ފުރިހަމަކުރުމަށްފަހު އަޕްލޯޑްކުރަންޖެހޭނީ ހަމައެކަނި އެމީހެއްގެ ސޮއިކޮށްފައިވާ ސާފުކޮށް ލިޔުމެއް ނުވަތަ ފޮޓޯއެއްކަމަށެވެ. އަދި ޑިޖިޓަލް ސޮއިވެސް ހުށަހެޅޭނެކަމަށާއި ނަމަވެސް ޕާސްޕޯޓް ހެދުމަށް ހުށައެޅި ސޮއި، ޕާސްޕޯޓް ބަލާ އަންނައިރު ކުރަންޖެހޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ޕާސްޕޯޓުގެ ޚިދުމަތަށް އެދޭއިރު، އިމުގާ ޕޯޓަލްއަށް ރަޖިސްޓަރކޮށް ވަކި އެކައުންޓެއް ހުޅުވަން ޖެހޭނެކަމަށާއި އަދި ސަރުކާރުގެ އީފާސް އެކައުންޓް މެދުވެރިކޮށްވެސް އިމުގާ ޕޯޓަލްއަށް ލޮގިން ވެވޭނެ ކަމަށް އިމިގްރޭޝަން ހާމަކުރިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު