18 ޖަނަވަރީ 2025

ބޭސްފަރުވާގެ ނިޒާމް އައުމުގެ ކުރިން، އެ ޚިދުމަތް ދެއްވީ ޤާސިމް ކަމަށް އަމީން ވިދާޅުވެއްޖެ

ރަސްމީ ނިޒާމެއްގެ ތެރެއިން ބޭސް ފަރުވާއަށް އެހީތެރިކަން ބޭނުންވާ މީހުންނަށް ދައުލަތުން އެހީވުމުގެ ކުރިން، އެ ޚިދުމަތް ދެއްވަމުން ގެންދެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް، ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ރޭ ދުވާފަރުގައި އޮތް ޖަލްސާއެއްގައި ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރު މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިޚާބަށް އެ ޕާޓީގެ ޓިކެޓު ލިބިވަޑައިގެން ގާސިމްގެ ކެމްޕޭނަށް ރޭ ބޭއްވި ޖަލްސާގައި، އޭނާ ވިދާޅުވީ ނިޒާމެއްގެ ތެރެއިން ބޭސް ފަރުވާއަށް އެހީތެރިކަން ބޭނުންވާ މީހުންނަށް ދައުލަތުން އެހީވާން ފެށުމުގެ މާ ކުރިން ފެށިގެން ގާސިމް އަންނަނީ ހާލުގައި އުޅޭ އާއިލާތަކަށް އެހީވަމުން ކަމަށާއި، މިހާރު ވެސް އާސަންދައިގެ ނިޒާމު އޮންނަނީ އެންމެ ހަރުދަނާ ގޮތެއްގައި ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

"ބޮޑު ކަމެއް ދިމާވާ ކޮންމެ ފަހަރެއްގައި، މީހުންގެ ސިކުނޑިއަށް ފުރަތަމަ އަންނަނީ، ވިސްނުމަށް އަންނަނީ ގާސިމްގެ ނަމޭ، ރައްޔިތަކަށް ހާސް ކަމެއް ވެއްޖިއްޔާ، ފުރަތަމަ އަންނަނީ، ގާސިމްގެ ނަމޭ. އެހެންވީމާ ގާސިމް ވިދާޅުވަނީ ކީކޭ؟ ހާސް ކަނޑާލާ ހަމަޖެހޭނެ. އެއީ ހަގީގަތަކީ،" އަމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އާސަންދަ އުފެއްދުމުގެ މާ ކުރިން ގާސިމް ވަނީ އާސަންދަ އުފައްދަވާފައި ކަމަށާއި، ދިވެހިން އެންމެ ގިނައިން ބޭސް ފަރުވާއަށް ދާ ގައުމުތަކުގައި މުވައްޒަފުން ބައިތިއްބައިގެން ވެސް ގާސިމް ވަނީ އެ ޚިދުމަތް ފޯރުކޮށްދީފައި ކަމަށް އަމީން ވިދާޅުވިއެވެ.

ގާސިމްގެ ވެރިކަމެއްގައި އާސަންދައިގެ ނިޒާމު ހަރުދަނާކޮށް، ދިމާވާ މައްސަލަތައް ހައްލު ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޭޕީގެ ފަރާތުން، 2008 ވަނަ އަހަރާއި 2013 ވަނަ އަހަރު ވެސް ރިޔާސީ ރޭހަށް ނުކުންނެވިއެވެ. އަދި މިއަހަރު އޮންނަ ރިޔާަސީ އިންތިޚާބުގައިވެސް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް ގެންދަވަނީ  ކެމްޕޭން ކުރައްވަމުންނެވެ. އަދި ސަރުކާރު ކޯލިޝަންގައި އޮތް ޖޭޕީން ވަނީ، ވަކިން އިންތިޚާބުގައި ވާދަކުރަން ނިންމައި ގާސިމުގެ ކެމްޕެއިން ހަރަކާތްތައް ފަށާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު