15 ޖަނަވަރީ 2025

އީސީން މަޢުލޫމާތު ފަތުރަނީ ހުށަހަޅާ ފޯމުތައް ޕްރޮސެސް ނުކޮށް: އެމްއާރްއެމް

ހުށަހަޅާފައި ހުންނަ ފޯމު ޕްރޮސެސް ނުކޮށް އީސީން ސައްހަނޫން މައުލޫމާތު ފަތުރަނީ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ހާމަކޮށްފިއެވެ.

އެޕާޓީން މިކަން ހާމަކުރީ، މިދިޔަ މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދު އާއްމު ކުރުމާ ގުޅިގެން، އެޕާޓީގެ އިސްބޭފުޅުން މިއަދު ކުރެއްވި ޓްވީޓުތަކެއްގައެވެ.

އެ ލިސްޓުގައި 3000 މެމްބަރުން ހަމަ ނުވަނީ ހަމައެކަނި އެމްއާރްއެމް ކަމާއި، އެޕާޓީގައި މިވަގުތު ތިބީ 2،892 މެންބަރުން ކަމަށް އީސީގެ ލިސްޓުގައި ހިމަނުއްވާފައިވެއެވެ.

މި މަޢުލޫމާތަށް ޞައްޙަ ނޫން ފާހަގަކުރައްވަމުން، އެ ޕާޓީގެ އެކްސްކޯ މެމްބަރު އަދި ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ އަނީސް ވިދާޅުވީ އެ ޕާޓީގައި 5000 އަށް ވުރެ ގިނަ މެމްބަރުން ތިބޭނެ ކަމަށާއި އަދި އީސީއިން އީ ފާސް އަދި ފިންގަރ ވެރިފިކޭޝަން އޮތެންޓިކް ޕްރޮސެސް އަކަށް ނުދާން މަސައްކަތް ކުރަނީ މަކަރާއި ޙީލަތް ހަދަން ފުރުސަތު ފުޅާކުރަން ކަމަށެވެ. އަދި ޕާޓީތަކުން މީހުން ވަކި ކުރަނީ ހިތަށް އެރި އުސޫލަކަށް ކަމަށެވެ.

“ރައްޔިތުންނަށް އޮޅުވާލުމުގެ ލާމަސީލު މިސާލެއް! ގައުމު ފަސާދަވަނީ މިފަދަ ކަންކަމަށް އިޖާބަ ދެވޭތީ! އެމް އާރް އެމް އަކީ 5000 އަށް ވުރެ ގިނަ މެންބަރުންގެ ޕާޓީއެއް. އެކަން އޮޅުވާލަނީ މަސައްކަތް ނުކުރައްވާ!” އަނީސް ވިދާޅުވިއެވެ.

https://twitter.com/AbosAnys/status/1676239935098191872?s=20

އަދި އެކަމާ ގުޅިގެން އެމްއާރްއެމްގެ ރަޖިސްޓްރަރ އަދި އެންވަޔަރަންމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޝަހީދާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބޭނުންވއިރަށް ސައްހަ ނޫން މައުލޫމާތު މީޑިޔާތަކަށް ދީގެންވެސް ޕާޓީތަކުގެ އަގު ވައްޓާލެވޭ ކަމަށެވެ. އަދި މިއީ ޒިންމާދާރު މިނިވަން މުއައްސަސާގެ ދައުރުތޯ ވިދާޅުވެ އޭނާ ސުވާލު އުފައްދާފައިވެއެވެ.

“ހުށައަޅާފައި ހުންނަ ފޯމު ޕްރޮސެސް ނުކޮށް ރައްޔިތުންނަށް ކޯޗެއް އޮޅުވާލަންތޯ ތިޔަ ޓުވީޓް ކުރައްވަނީ” ޝަހީދާ ވިދާޅުވިއެވެ.

ގާނޫނުގައި ބުނާގޮތުން ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ 10 ހާސް މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އަދި ހަމައެހެންމެ، ތިން ހާސް ހަމަނުވާ ޕާޓީތައް އުވާލާ ގޮތަށް ޤާނޫނުގައި ބަޔާންކުރެވިފައި އޮވެއެވެ. މިހާރު އީސީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފައިސާ ލިބޭ އަދަދު ހަމަވަނީ ހަތަރު ޕާޓީއެއް ގައެވެ. އެ ޕާޓީތަކަކީ، އެމްޑީޕީ، ޕީޕީއެމް، ޖޭޕީ އަދި އެމްޑީއޭ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު