ރާއްޖޭގެ ‏ޙައްޖުވެރިން މިއަދު ތިބީ އުޙުދުގެ މައިދާނުގައި

ރާއްޖޭގެ ‏ޙައްޖުވެރިން މިއަދު ތިބީ އުޙުދުގެ މައިދާނުގައި ކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އުހުދު ފަރުބަދައަކީ އިސްލާމްދީނަށް ނަސްރު ހޯދުމަށް މުސްލިމުންގެ ހިތްވަރާއި ޢަޒުމް ރަމްޒްކޮށްދޭ ވަރުގަދަ ނިޝާނެކެވެ.

އުހުދު ފަރުބަދަ މަޝްހޫރު ވެފައިވަނީ ދުނިދަނޑިވެރިންގެ ފަރުބަދައިގެ ނަމުންނެވެ. އުހުދު ހަނގުރާމަ ކުރެވުނީ އެ ތަނުގައެވެ.

މިތަނަކީ އިސްލާމީ ތާރީޚުގައި އިބްރަތްތެރި ހާދިސާ އެއް ހިނގި ތަނެކެވެ. މި ހާދިސާ ހިނގީ ރަސޫލާ މައްކާއިން މަދީނާ އަށް ހިޖްރަ ކުރެއްވިތާ 3 ވަނަ އަހަރުގައެވެ. އަދި އެ ހާދިސާ ގުޅިފައިވަނީ އިސްލާމީ ތާރީޚުގައި ލިޔެވިފައިވާ އުހުދު ހަނގުރާމަ އާއެވެ.

އުހުދު ހަނގުރަމާގައި ސަހާބީންގެ ތެރެއިން 50 ދުނިދަނޑިވެރިންނަށް މިތަނުގައި ދުޝްމަނުންނަށް ފާރަ ލައިގެން ތިބުމަށް ރަސޫލާ އެންގެވިއެވެ. ދިފާއުގައި ބަޔަކު މިތަނުގައި ބޭތިއްބެވުމަށް ރަސޫލާ ނިންމެވި ސަބަބެއް ކަމުގައި ބުނެވެނީ ދުޝްމަނުންނަށް ފަހަތުން އައިސް މުސްލިމުންނަށް ހަމަލާ ދިނުމަށް ހުރަސް އެޅުއްވުމެވެ.

މިކަން މި ގޮތައް ކުރެއްވުމަށް ރަސޫލާ އިރުޝާދު ދެއްވާފައި އޮއްވާ، ފާރައަށް ތިއްބެވި ސަހާބީންނަށް ހަނގުރާމަ ނިމުނީ ކަމުގެ ހީތައް ކުރެވި، އެތަން ދޫކޮށް ދާން ފެށިއެވެ. އެއާއެކު ދަނޑިވަޅު ބަލަން ތިބި ދުޝްމަނުންނަށް ފުރުސަތު ލިބި މުސްލިމުންނަށް އިސާހިތަކު ހަމަލާދީ މުސްލިމުން މި ހަނގުރާމައިން ބަލިވިއެވެ.

މި ފަރުބަދަ އަށް ދާ މަގުތަކަކީ އެހާ އޮމާން، ފަސޭހަ މަގުތަކަށް ނުވިޔަސް އުމުރުން ދުވަސްވީ މީހުންވެސް ފަރުބަދަ އަށް ޒިޔާރަތް ކުރުމަށް ޝައުގުވެރިވާކަން ފާހަގަ ކުރެވެއެވެ. ޚާއްސަ ޤަދަރަކާއި ލޯތްބެއް ދެވިފައިވާތީއެވެ.

މިއީ އިސްލާމްދީނުގެ ކުރީކޮޅު ދީނަށް ނަސްރު ހޯދުމަށް މުސްލިމުން ކުރި މަސައްކަތާއި ދުޝްމަނުނަށް ދެކޮޅަށް ދެއްކި ހިތްވަރު ރަމްޒްކޮށްދޭ ފަރުބަދައެއް ކަމަށް  އިލްމްވެރިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު