22 އެޕްރީލް 2025
ރޮނާލްޑޯ އަލް ނަސްރަށް ސޮއިކުރުން

ފުޓުބޯޅަ ތަރިންތައް ސައުދީއަށް: ކީއްވެބާ؟

2023 ވަނަ އަހަރު ފެށިގެން ދިޔައީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމުގައިވާ، ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީގެ އަލް ނަސްރާ ގުޅުން ޚަބަރުންނެވެ.

މި ޚަބަރު ވެގެން ދިޔައީ ބޯޅައަށް ލޯބިކުރާ އެންމެންނަށް ސިހުން ގެނުވި ޙަބަރަކަށެވެ. އަލް ނަސްރާ ގުޅުމަށްފަހު ދިން އިންޓަރވިއެއްގައި ރޮނާލްޑޯ ބުނެފައި ވަނީ، ކުރިއަށް އޮތް 5 އަހަރު ތެރޭގައި ސައުދީގެ ލީގު ވެގެން ދާނީ ދުނިޔޭގެ ގަދަ ފަސް ލީގުތަކުގެ ތެރެއިން ލީގެއްކަމުގައި ކަމަށެވެ.

ރޮނާލްޑޯގެ މި ބުނުމަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔަކަމުގައި ވީނަމަވެސް، އަދު ފެންނަމުން މިދާ މަންޒަރުތަކުން އެ ކަމަކީ ނާދިރު ކަމެކޭ ބުނަން ދައްޗެވެ.

2022 ވަނަ އަހަރުގެ ބެލަންޑޯ ކާމިޔާބު ކުރި ފްރާންސްގެ ތަރި، ކަރީމް ބެންޒެމާ، ލިވަރޕޫލްގެ ކުރީގެ ތަރި ބޮބީ ފިރްމީނޯ، ޗެލްސީގެ ކުޅުންތެރިން ކަމުގައިވާ އެންގޯލޯ ކާންޓޭ، ހަކީމް ޒިޔެޗް، ކަލިޑޫ ކުލިބާލީ އަދި އެޑުއަރޑް މެންޑީ ފަދަ ނަން މަޝްހޫރު އެތައް ކުޅުން ތެރިންނެއް ވަނީ ސައުދީގެ އެކިއެކި ކްލަބްތަކައި ގުޅިފައެވެ. ރޮނާލްޑޯގެ ބަސްދީގަތުމައި އެއްގޮތަށް މުސްތަޤުބަލުގައި ކަންހިންގުން ދުރު ނޫންކަން މި ޓްރާންސްފަރ ތަކުން ހާމަކޮށްދެއެވެ.

ސައުދީ ކީއްވެ؟

ސައުދީ އަކީ އެއްވެސް އިރެއްގައި ފުޓުބޯޅައިގާ މާ ކުރިއަރާފައިވާ ޤައުމެއް ނޫނެވެ. މާ މަޝްޙޫރު ކުޅުންތެރިންތަކެއް އުފައްދާފައިވާ ޤައުމެއް ވެސް ނުމެނޫނެވެ. އެހެންމަވެސް، ޔޫރަޕަގެ މާ ކްލަބުތައް ދޫކޮށް، އެ ކްލަބުތަކުގެ ތަރިން ސަބަބަކާ ނުލާ ސައުދީ ފަދަ ޤައުމަކަށް ނުދާނެއެވެ.

ޙަޤީގަތަކީ، ސައުދީން އަންނަނީ އެޤައުމުގައި ކުޅިވަރު ކުރިއަރުވައި، ކުޅިވަރުގެ މަގުން ޓޫރިސަމް ފުޅާކުރުމަށް ޓަކައި އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބަލާއިރު، ދުނިޔޭގެ އެންމެ ބޮޑު ރޭސިންގ އިވެންޓް ކަމުގައިވާ "ފޯމުލަރ ވަން"ގެ ރޭސްތަކެއް ވަނީ ސައުދީގައި ބާއްވާފައެވެ.

ހަމައެއާއެކު، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ސައުދީން ވަނީ އިތުރު ދެ ޤައުމަކައި ގުޅިގެން ބިޑް ކޮށްފައެވެ. އެ ގައުމުގެ ލީގަށް މަޝްހޫރު ކުޅުންތެރިން ގެނެސް، ލީގު ބަލަން ސައުދީ އަށް ދާ މީހުން އިތުރު ކުރުމަކީ ވެސް ސައުދީން "ސްޕޯރޓްސް ޓޫރިސަމް" ކުރިއެރުވުމަށް ފަށައިގަނެގެން އުޅޭ މަސައްކަތުގައި ބޮޑު ދައުރެއް އަދާ ކުރާ ވަސީލަތެކެވެ.

ނަން ހިނގާ ކުޅުންތެރިން އެ ޤައުމަށް ގެނައުމަކީ ސައުދީގެ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢަކަށް ވާތީ، ކްލަބުތަކަށް އެހީގެ ގޮތުގައި އެޤައުމުގެ ސަރުކާރުން ބޮޑު ޚަރަދުތަކެއް ކުރެއެވެ. ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ބޮޑު މުސާރަ ލިބޭ ގޮތަށް ސައުދީގެ ކްލަބުތަކަށް ގެންދިޔުމުގެ މަގު ވަނީ ފަހިވެފައެވެ.

ކުރިއަށް އޮތް ސީޒަން ފެށުމާ ގާތްވަމުން އަންނައިރު ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ އެތައް ކުޅުންތެރިންތަކެއް ވަނީ ސައުދީގެ ޓީމުތަކާ ގުޅިފައެވެ. މިއީ ސައުދީގެ ޕްރޮޖެކްޓު ބާރު ދުވެއްޔެއްގައި ކުރިއަށް ދާކަން ސާބިތުކޮށްދޭ ހެއްކެކެވެ.

އެ ޤައުމަށް މިކަން ޙާޞިލް ކުރެވޭނެބާ؟

ސައުދީ އަކީ ފުޓުބޯޅައިގާ މާ ކުރިއަރާފައިވާ ޤައުމެއް ނޫންކަމަށް ކުރިން ދެންނެވިއްޖެއެވެ. ނަމަވެސް މީ އެއްވެސް ޙާލެއްގައި ސައުދީއަށް ކުރި ނޭރޭނެ، ނުވަތަ ކުރިއެރުމަށް މަސައްކަތް ނުކުރެވޭނެ ވާހަކައެއް ނޫނެވެ. އެމީހުންގެ މަސައްކަތުގެ ފޮނި ނަތީޖާތައް އަދު މިދަނީ ފެންނަމުންނެވެ.

އެގޮތުން، ޤަތަރުގައި 2022ވަނަ އަހަރު ބޭއްވުނު ވޯލްޑު ކަޕަށާއި، ރަޝިޔާގައި 2018ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕަށް ސައުދީން ވަނީ ކޮލިފައިވެ، ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނިމިދިޔަ އަހަރު ޤަތަރުގައި ބޭއްވުނު ވޯލްޑް ކަޕުގައި އެޤައުމުގެ ޓީމުން ވަނީ އެ މުބާރާތް ކާމިޔާބުކުރި އަރޖެންޓީނާ ބަލިކުރި ހަމައެކަނި ޓީމަށްވެ، އެތައްބައެއްގެ ރުހުން ހޯދާފައެވެ.

ހަމަ މިބީދާއިން، އެންމެ ފަހުން ކުޅެވުނު ކްލަބް ވޯލްޑް ކަޕުގެ ފިނަލަށް ސައުދީގެ އަލް ހިލާލް ދަތުރުކޮށް، ޔޫރަޕުގެ ގަދަބާރު ކަމުގައިވާ ސްޕެއިންގެ ރިއާލް މެޑްރިޑާ ވާދަކޮށްފައިވެއެވެ. މިއީ ސައުދީން އެޤައުމުގެ ކުޅިވަރު އައު ހަރުފަތަކަށް ގެނގޮސް، އެގައުމުގެ "ސްޕޯޓްސް ޓޫރިސަމް" ކުރިއެރުވުމުގައި ޚާޞިލުކޮށްފައިވާ މުހިންމު ކާމިޔާބީ ތަކެކެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު