އެންމެ ރަނގަޅުގޮތަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިފާނާއި، ރައީސް ޢަބްދުﷲ ޔާމީންވެސް ކުރިމަތިނުލައްވައި މަޑުކުރައްވައި އައު ކެންޑިޑޭޓަކަށް ފުރުޞަތު ދިނުންކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ރޭ ޣިޔާސުއްދީން ސްކޫޅުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާގޮތުގައި އެންމެ ރަނގަޅުގޮތަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމަނިކުފާނާއި، ރައީސް ޔާމީންވެސް ވާދަނުކުރައްވައި، އޭގެ ބަދަލުގައި ދެބޭފުޅުންވެސް އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން އެދޭގޮތް ހޯދައިދެއްވުންކަމަށެވެ.
ނަަމަވެސް، އަންނަ ރިޔާސީ އިންތިޚަބުގައި އިދޮކޮޅު ޕީޕީއެމުން ވާދަކުރައްވާނެ ކެނޑިޑޭޓެއްގެގޮތުގައި ކަނޑައަޅުއްވާފައިވަނީ ރައީސް ޔާމީނެވެ. އަދި އެމަނިކުފާނު ވާދަކުރައްވާނެކަން ތަކުރާރުކޮށް ޕީޕީއެމުން ދަނީ ހާމަކުރަމުންނެވެ.
ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމެއް އޮތުމާއެކު، އިންތިޚާބުގައި ވާދަކުރެވިދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
ރޭގެ ޖަލްސާގައި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންވެސް ތިއްބެވިއެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި މިރިޔާސީ އިންތިޚާބަށް އަޅުގަނޑުމެން ދެމީހުންވެސް ކުރިމަތިނުލައި، އަޅުގަނޑުމެން ދެމީހުން އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން މިއެދޭ ގޮތް ހޯދައިދޭންވީ…" ރައީސް ނަޝީދު ވިދާޅުވިއެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝިދު ވަނީ، ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގަންނަވާނެކަން އިޢުލާންކުރައްވާފައެވެ. އެކަން އިޢުލާން ކުރެއްވުމާ ގުޅިގެން، އަތްތިލަބަޑީގެ އަޑުން މުޅި މާލަން ގުގުމާލިއެވެ.
މި ޖަލްސާގައި ދަ ޑިމޮކްރެޓްސްގެގެ ނަމާއި ލޯގޯވެސް ފާސްކޮށްފައިވާއިރު، އެޕާޓީގެ ޢާންމު ނަމެއްގެ ގޮތުގައި ފާސްކޮށްފައިވަނީ "ޑިމޮކްރެޓްސް"އެވެ. ކުލަތަކުގެ ގޮތުގައި ފާސްކުރީ ހުދު ކުލައާއި މަޑުނޫ ކުލައާއި ކަޅުކުލައެވެ. އެ ޕާޓީގެ އަސާސީ ޤަވާއިދުވެސް ވަނީ މި ޖަލްސާގައި ބައިވެރިވި ބައިވެރި މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.