މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް އަދި އެފްއޭއެމްގެ ކުރީގެ ޖީއެސް ޝާހު އިސްމާއިލް ހަމަޖައްސައިފިއެވެ.
ޝާހު އިސްމާޢީލް އެމްޑީއޭގެ އެސްޖީ ކަމަށް އައްޔަން ކުރީ އެ ޕާޓީގެ ހުސްވެފައިވާ މަގާމުތަކަށް މީހުން އައްޔަން ކުރުމާއި ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ ބޭއްވި އެމްޑީއޭގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.
އެ މަޤާމަށް އޭނާ އައްޔަން ކުރުމަށްފަހު އެމްޑީއޭ އިން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެމްޑީއޭއިން ބުނެފައި ވަނީ، ޝާހުގެ ބައިވެރިވުމާއި މަގުބޫލުކަމާއެކު އެމްޑީއޭ އިތުރު އުސްމިންތަކަށް ދާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.
2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ރިހި މެޑަލް ހޯދި ޓީމުގެ ކެޕްޓަނެވެ. އަދި ވެލެންސިއާ، ނިއު ރޭޑިއަންޓް އަދި ވިކްޓްރީ އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދިއެވެ.
ފުޓުބޯޅަ ތަރައްޤީކޮށް ކުރިއެރުވުމުގައި، ޝާހު ފެނުނީ ފުޓްބޯޅައިގެ ކާމިޔާބު އިދާރީ ހިންގުންތެރިއެއްގެ ގޮތުގައެވެ. އޭނާ ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ފުރުއްވައި، އެފްއޭއެމްގެ އިދާރީ ހިންގުން އެހެން ހަރުފަތަަކަށް ގެންގޮސްފައެވެ. މީގެއިތުރުން އޭނާ ވަނީ ދިވެހި ޕްރިމިއާ ލީގް (ޑީޕީއެލް)ގެ ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމާއި، ސްޕޯޓްސް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުކަން ވެސް އަދާކުރައްވާ އިދާރީ އަދި ސިޔާސީ އެތައް ތަޖުރިބާއެއް ޙާސިލުކުރައްވާފައެވެ.
އެމްޑީއޭގެ ގެ މިހާރުގެ އަމާޒަކީ އަންނަ ސެޕްޓެންބަރު މަހު ބޭއްވޭ ރިޔާސީ އިންތިާޚާބުގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމެެވެ.